Advertisement

ބަގާވާތާ ގުޅިގެން މީހަކަށް ޝައްކު ކުރެވޭ ކަމަށް އަދި ނުނިންމާ: އިހުސާން

30 އޮގަސްޓު 2024 - 08:55 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ބަގާވާތާ ގުޅިގެން މީހަކަށް ޝައްކު ކުރެވޭ ކަމަށް އަދި ނުނިންމާ: އިހުސާން

30 އޮގަސްޓު 2024 - 08:55 0

އިދިކޮޅު އެމްޑީޕީ އާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ގެންނަން މަސައްކަތް ކުރި ކަމަށް ސަރުކާރުން ބުނާ "ބަގާވާތާ" ގުޅިގެން އެއްވެސް މީހަކަށް ޝައްކު ކުރެވޭ ކަމަށް އަދި ފުލުހުން ނުނިންމާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެކި މީސްމީހުން ކުރާ ތުހުމަތާ ފުލުހުންގެ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި، ފުލުހުން ތަހުގީގު ކުރަމުން ދަނީ ބަގާވާތެއް ގެންނަން ބަޔަކު މަސައްކަތް ކުރިތޯ ނުވަތަ ނޫންތޯ ކަމަށެވެ.

"އެއްވެސް ބަޔަކު އަދި މިހައިތަނަކަށް އެއްވެސް ސިފައެއްގައި ފުލުހުން ނީންނާނެ މިވެނި މީހަކަށް ޝައްކު ކުރެވެޔޭ މިވެނި މީހަކު އިންވޯލްވްވެޔޭ ބުނެފަކައެއް، ނީންނާނެ އިނގޭތޯ؟ އެ މައުލޫމާތު ފުލުހުން ހާމަ ކުރާނެ، އަޅުގަނޑަށް އެނގިފައެއް ނެތް އަދި މިހައިތަނަކަށް އެއްވެސް ފަރާތަކަށް މިވެނި މީހެއްގެ ޝައްކު ކުރެވޭ މީހެކޭ މިކަމުގައި މިވެނި މީހެކޭ، ތަހުގީގުކޮށް އެގޮތަކަށް ނިންމައިފައެއް ނެތް އިނގޭތޯ؟" އިހުސާން ވިދާޅުވި އެވެ.

ބީއެމްއެލް މެދުވެރިކޮށް ބަގާވާތަކުން ސަރުކާރުން ވައްޓާލަން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ 21:04 ގަ އެވެ. ގެންނަން އުޅުނު ކަމަށް ތުހުމަތު ކުރާ ބަގާވާތަށް ހަތަރު ދުވަސް ފާއިތުވެގެން ދިޔައިރު ފުލުހުންގެ ބުނެފައި ވަނީ އެ ބަގާވާތުގެ އަޑީގައި ތިބި ބަޔަކު އަދި ދަނެނުގަނެވޭ ކަމަށެވެ.

"ތަހުގީގުގައި، ހޯދަން ޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާ ނަމަ އެކަން ދެނެގަތުމާއެކު، ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުން," މިދިޔަ ބުދަ ދުވަހު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

ބަގާވާތެއް ގެނެސް ގާނޫނީ އިމުގެ ތެރެއިން ވެރިކަން ވައްޓާލަން ބަޔަކު އުޅުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ތުހުމަތު ކުރައްވާއިރު، އެ މައްސަލައިގެ ތަހުގީގު ލަސްވަމުންދާ ދިޔުމާ ގުޅޭގޮތުން "އަދަދު" އިން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ މިކަމަކީ ވަރަށް ރަނގަޅަށް ބަލާފައި ނޫނީ ގޮތެއް ނިންމެން ނެތް މައްސަލައެއް ކަމަށެވެ.

"އަޅުގަނޑު ވެސް ބޭނުމީ އެރެއިން އެރެއަށް އަސްލު ގޮތެއް ހޯދާށެ، ގޮތެއް ނިންމާށޭ، އެކަމަކު މިކަހަލަ ކަންކަމަކީ ކޮންޕްލެކްސް އޯގަނަޒައިޑް ކަންކަން ކަމަށް ވާތީވެ މީގެ ކަމެއްތޯ ނުވަތަ ނޫންތޯ ބެލޭނީ ހަމަ އެ ލެވެލްއަށް ބަލާފައި އެހެންވީމާ އެ ޓައިމް ދެއްވާ އެ މުއައްސަސާއަށް އެ ބޭފުޅުން ޖަވާބުދާރީ ވާނެ،" އިހުސާން ވިދާޅުވި އެވެ.

ބަގާވާތެއް ގެންނަން އުޅުނު ކަމަށް ކުރާ ތުހުމަތާ ގުޅުވައި ސަރުކާރުން ވަނީ ބީއެއެމްއެލްގެ ސީއީއޯގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ. އަދި، އެ ބާގާވާތަކީ އިދިކޮޅު އެމްޑީޕީ އާ ގުޅިގެން މާ ކުރިން ރޭވިގެން ކުރި ކަމެއް ކަމަށް ރައީސް ތުހުމަތު ކުރައްވާފައިވެ އެވެ.

ނަމަވެސް ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން އައި 250 ޑޮލަރުގެ ސަޕޯޓު ކަނޑާލުމުގެ އިތުރުން ކްރެޑިޓް ކާޑުގެ ޑޮލަރުގެ ލިމިޓު ވެސް 100 ޑޮލަރަށް ބީއެމްއެލް އިން ތިރި ކުރީ އެކަމުގެ އިންޒާރު އެތައް ފަހަރެއްގެ މަތިން ދިނުމަށްފަހު އެވެ.