Advertisement

ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން ކުޑަ އިއްސެ އާއި ނާނު އަށް

29 އޮގަސްޓު 2024 - 18:26 0

އަތޫފް އާތިފް

އަތޫފް އާތިފް


ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން ކުޑަ އިއްސެ އާއި ނާނު އަށް

29 އޮގަސްޓު 2024 - 18:26 0

ގައުމީ ސާފިން ލީގުގެ ތިން ވަނަ މުބާރާތް، ރަންދާ ރާޅުގަނޑުގެ މެންސް އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ހޯދިއިރު, ޖޫނިއާ ޑިވިޝަނުގެ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހަންނާނު (ނާނު) ހޯދައިފި އެވެ.

މި މުބާރާތުގެ މެންސް އޯޕަން ބައިގައި 26 ރާޅާ އެޅުންތެރިން ބައިވެރިވިއިރު, މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ކުޑަ އިއްސެ އާއި އަހުމަދު އާގިލް (އައްމަޑޭ) އެވެ. މުބާރާތުގެ ފައިނަލުން ކުޑަ އިއްސެ ޖާގަ ހޯދީ މިއަދު ކުރިއަށްދިޔަ ސެމީ ފައިނަލުގެ ދެވަނަ ހީޓުގައި ވާދަކޮށް ޔޫސުފް ކަޔާން ހަމްދާން ޒަކީގެ މައްޗަށް ކުރިހޯދައިގެންނެވެ. އައްމަޑޭ ފައިނަލުން ޖާގަ ހޯދީ މިއަދު ކުރިއަށްދިޔަ ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި, ހޫދު އަހުމަދު (ހޫބްސް) ގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފައިނަލުގައި ކުޑައިއްސެ ޖުމްލަ ހަތް ރާޅެއްގައި އެޅިއިރު, އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 6.67 އަދި 9.00 ސްކޯކޮށްފަ އެވެ. އޭނާގެ ޖުމްލަ ސްކޯއަކީ 15.67 އެވެ. އައްމަޑޭ އަށް ފައިނަލުގައި އެންމެ މަތިން ސްކޯކުރި ދެ ރާޅުން ސްކޯކުރެވުނީ 5.43 އަދި 5.93 އެވެ. ޖުމްލަ އައްމަޑޭ އަށް ސްކޯކުރެވުނީ 11.36 އެވެ.

މި މުބާރާތުގެ ޖޫނިއާ ޑިވިޝަނުގައި ހަތް ރާޅާއެޅުންތެރިން ވާދަކުރިއިރު, ފައިނަލުގައި ވާދަކުރީ ނާނު އާއި ކަޔާން އަބްދުالله އަރީފް (ކައިޕުޓީ) އެވެ.

ފައިނަލުން ނާނު ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި ކަޔާން ޒަކީ ބަލިކޮށްގެންނެވެ. އަދި ކައިޕުޓީ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ ހީޓުގައި ވާދަކޮށް ޔަސިން އަހުމަދު ނާޝިދުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ވާދަވެރިކޮށް ފެނިގެންދިޔަ ފައިނަލް ހީޓުގައި ނާނު ކުރިހޯދީ 0.67 ގެ ސްކޯއެއް އިތުރަށް ހޯދައިގެންނެވެ.

މި ހީޓުގައި ނާނު އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 6.17 އަދި 8.50 ސްކޯކޮށްފަ އެވެ. އޭނާ ޖުމްލަ ސްކޯކޮށްފައިވަނީ 14.67 އެވެ.

މި ހީޓުގައި ކައިޕުޓީ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 7.50 އަދި 6.50 ސްކޯކޮށްފަ އެވެ. ކައިޕުޓީގެ ޖުމްލަ ސްކޯއަކީ 14.00 އެވެ.