29 އޮގަސްޓު 2024 - 11:44 0
ސާއިފް ޝިޔާދު
29 އޮގަސްޓު 2024 - 11:44 0
ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން އދ. ގެ ސެކިއުރިޓީ ކައުންސިލުން ކަމެއް ނުކުރާތީ ކަންބޮޑުވުން ފާޅުކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަ ދެއްކެވުމާ ގުޅިގެން އެމަނިކުފާނު އެގޮތަށް ވިދާޅުވީ ހުޅަނގުގެ ދެފުށްކެހެރި ސިޔާސާތާ އެއްގޮތަށް ކަމަށް ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން ޖަރުކަވާ ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އިން ޔޫކްރެއިނަށް ދެމުންދިޔަ ހަމަލާތައް ވަރުގަދަކުރި ކަމަށް ވިދާޅުވެ މައުމޫން ކަންބޮޑުވުން ފާޅުކޮށް ލިޔުނީ އެކްސްގަ އެވެ. އެ ވާހަކަތަކަށް ރަޝިޔާ ސަފީރު ރައްދު ދެއްވީ އެ ގައުމުގެ އެމްބަސީ މެދުވެރިކޮށް ފޭސްބުކްގައި ކުރެއްވި ދިގު ޕޯސްޓެއްގަ އެވެ.
"އދ.ގެ ސަލާމަތީ މަޖިލީސް އަދިވެސް އެބައޮތްތަ؟ ބީބީސީން ބުނީ މިދިޔަ ދެ ރޭގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫކްރޭނަށް ބޮޑެތި ވައިގެ ހަމަލާތަކެއް ދީފައި ކަމަށް. އެކަމަކު އދ. ގެ އެއްވެސް ރިއެކްޝަނެއްގެ ހަބަރެއް ނުވޭ," އޮގަސްޓު 27, ގައި މައުމޫން އެކްސްގައި ވިދާޅުވި އެވެ.
ސަފީރު ލިވަން ވިދާޅުވި ގޮތުގައި މައުމޫން ކުރެއްވި ޓްވީޓު ރަޝިޔާއަށް ބަލައިނުގަނެވެ އެވެ. ޔޫކްރެއިނަށް ރަޝިޔާއީން ހަމަލާ ދޭން ޖެހުނު ސަބަބާ ގުޅޭ މައުލޫމާތު އޮޅުންފިލިވުމަށް މައުމޫންގެ އަރިހުން ސަފީރު އެދިވަޑައިގަތެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ގޮވާލަން، ހުޅަނގުގެ ގައުމުތަކުން އާދައިގެ މަތިން ގެންގުޅޭ ދެފުށް ފެންނަ ސިޔާސަތުތަކަށް އަމަލު ނުކުރެއްވުމަށް. އެންމެ ގައުމެއްގެ ނުބައި ސްޓޭންޑްގެ ސަބަބުން ގައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތަކަށް ނިމުމަކަށް ގެނައުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ނުކުޅެދިފައި އޮތުމަށް ކުރީގެ ސިޔާސީ ބޭފުޅަކު ރުޅިވެރިކަން ފާޅުކުރެއްވުން ރަނގަޅު," ސަފީރު ވިދާޅުވެފައިވެ އެވެ.
މާޗު 2022, ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެ ގައުމުން ވެސް މަސައްކަތް ކުރަމުން ދަނިކޮށް އެކަން ހުއްޓުވީ އެމެރިކާ އާއި އިނގިރޭސިވިލާތުން އަންގައިގެން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމަށް ރަޝިޔާއިން ހަތަރު ފަހަރު އިސްނެގިކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ.
Comment