Advertisement

"ބަގާވާތު" ގެ ބޮޑު ތުހުމަތުން މާލީ އިދާރާތަކުގެ އިތުބާރު ފުނޑުފުނޑު!

28 އޮގަސްޓު 2024 - 12:20 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


"ބަގާވާތު" ގެ ބޮޑު ތުހުމަތުން މާލީ އިދާރާތަކުގެ އިތުބާރު ފުނޑުފުނޑު!

28 އޮގަސްޓު 2024 - 12:20 2

މި ދުނިޔެ, ދުނިޔެއެއްގެ ގޮތުގައި ބެލެވެނީ ވަރަށް ގިނަ ކަންކަން އެކުލާމެހި ހުއްޓުމެއް ނެތި ހިނގަމުންދާތީ އެވެ. ގުދުރަތީ ނިޒާމާއި ވަސީލަތްތަކަކީ މި ދުނިޔޭގެ ފުރާނަ ކަމަށްވާއިރު މި ދުނިޔޭގެ ވިންދަކީ އިންސާނީ ވަސީލަތްތަކާއި އިންސާނުން ފަރުމާކޮށް ވުޖުދޫކުރި ނިޒާމުތަކެވެ. އިންސާނީ ހަލޯރާތަށް އެތަކެއް ހާސް އަހަރުވެގެންދިޔައިރު މި ހަގީގަތް ބަދަލެއް ނުވެ އެވެ.

ޒަމާނާއި ހާލަތާއި ތަނާއި އުޅޭ މީހުންނާއެކު މި ވަސީލަތްތަކާއި ނިޒާމުތައް ބަދަލުވެ ދިޔަ ނަމަވެސް އެއާ ނުލައި މި ދުނިޔެއަކު ދިރިއުޅެވެން ނެތެވެ. ހަކަތައިގެ ވިއުގަތަކާއި ތައުލީމީ ނިޒާމެވެ. ސިއްހީ ހިދުމަތްތަކާއި ކާބޯތަކެއްޗެވެ. ނަރުދަމާ އާއި ފެނުގެ ނިޒާމުތަކެވެ. ދަތުރުފަތުރާއި މުއާސާލަތީ ގުޅުމެވެ. ސަގާފަތާއި އާދަކާދަތަކެވެ. އާންމު ރައްކާތެރިކަމާއި އިންސާނީ ހައްގުތަކެވެ.

މި ހުރިހާ ކަމެއް ވެސް ފުރާފުރިހަމަވަނީ އިތުބާރު އޮންނަ މާލީ ނިޒާމަކާއެކު އެވެ. ފައިސާ ނެތި އެއްވެސް މުހުތާދެއް ފުއްދެން ނެތެވެ. ކިތަންމެ ނާޒުކު ނަމަވެސް އެއީ މި ދުނިޔޭގެ އޯޑަރު ދަމަހައްޓައިދޭ އިންސާނީ ވަސީލަތެވެ. އިންޑިއާ ކަނޑުގެ މެދުގައި އެހެން އެއްވެސް ގައުމަކާ އެތައް ސަތޭކަ މޭލު ދުރުގައި ވަކިން އޮތް ކުޑަ ޖަޒީރާއަކަސް, ދިވެހިރާއްޖެ ފަންކްޝަން ކުރަނީ ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރެއިންނެވެ.

މި ގައުމަށް މުދާ އެތެރެ ކުރުމާއި, މުދާ ބޭރުކުރުމާއި, ތެލާއި ކާޑު ގެނައުމާއި, ފަތުރުވެރިން އައުމާއި, ބޭސްފަރުވާ އާއި ތައުލީމަށް ބޭރަށް ދިޔުމާއި, މިހެން ގޮސް މި ގައުމަށް ފައިސާއެއް ވަނިއްޔާ ވަންނަނީ އެ ނިޒާމުގެ ތެރެއިންނެވެ. އެ ނިޒާމާ ދިވެހިން ގުޅިފައި އޮތީ ރާއްޖޭގެ މާލީ އިދާރާތަކަށް ބޭރުން ކުރާ އިތުބާރުގެ މައްޗަށެވެ.

ނަމަވެސް, ބޭންކް އޮފް މޯލްޑިވްްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް "މާލީ ބަގާވާތެއް" ގެ ގޮތުގައި ތަހުގީގު ކުރަން ނިންމައި ފުލުހުން އެ މައްސަލަ ބަލަމުންދާއިރު މި ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާއަށް އޮތް އިތުބާރު ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވައި ގެއްލުވާލައިފި އެވެ. ފާއިތުވި ތަނުގައި އެތައް ބަޔަކު ކުރި އަގުހުރި މަސައްކަތެއްގައި "ބަގާވާތު" ގެ ޓެގު އަޅުވައި ދިވެހިންގެ ބޭންކަށާއި ދިވެހިރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ދެއްވައިފި އެވެ.

ރައީސްގެ ނުފޫޒު ބޭންކަށް

ބީއެމްއެލްގެ ނިންމުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫނެވެ. އެއީ އެ ބޭންކަށް މާ ކުރިން ވެސް ނިންމަން ޖެހިފައި އޮތް މަޖުބޫރީ ކަމެކެވެ. ނެތް ޑޮލަރެއް ބޭންކަށް ވެސް ނުދެވޭނެ އެވެ. އޮގަސްޓު 21, ގައި ޑިރެކްޓަރުން ނިންމި ނިންމުމަކީ ބޭންކިން ގާނޫނުގެ 15 ވަނަ މާއްދާއާ އެއްގޮތަށް ނިންމާފައިވާ ނިންމުމެކެވެ.

ބޭންކިން ގާނޫނުގެ 15 ވަނަ މާއްދާގެ ހ.


ބޭންކު ހިންގާނެ ގޮތުގެ އުސޫލުތަކާއި ސިޔާސަތު ކަނޑައަޅައި، ބޭންކުގެ މެނޭޖްމަންޓުން ބޭންކު ހިންގާގޮތް ބެލުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އަދި ހާއްސަކޮށް، ބޭންކުގެ މައިގަނޑު މަސައްކަތްތަކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ސިޔާސަތުތަކެއް ކަނޑައަޅަންވާނެ އެވެ. މިގޮތުން ސިޔާސަތު ކަނޑައަޅާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ލޯނު ދޫކުރުން، އިންވެސްޓްކުރުން، އެސެޓްސް-ލައިބިލިޓީ މެނޭޖްކުރުން، އޮޑިޓްކުރުން، އިންޓާނަލް ކޮންޓްރޯލް ނިޒާމުތައް، ބޭންކުން ބޭނުންކުރާނެ އެކައުންޓިންގ މިންގަނޑުތައް ހިމެނެއެވެ.

ބޭންކުގެ ޑިރެކްޓަރުންގެ ނަންތައް ފޮނުވީ ސަރުކާރުންނެވެ. ފާސްކުރީ މެއި 28, ގައި އޮތް ބޭންކުގެ އަހަރީ އާންމު ޖަލްސާއިންނެވެ.

އެ ނިންމުން ބޭންކުން ބަދަލުކުރުމާ ހަމައަށް ސަރުކާރުން ދިޔައީ ނުފޫޒު ފޯރުވަމުންނެވެ. ބޭންކުގެ ސީއީއޯ ކާލް ސްޓުމަކް ރައީސް އޮފީހަށް ހާޒިރުކުރި އެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާ އޭނާއާ ބައްދަލުކުރެއްވި އެވެ.

ބޭންކުން ނިންމުން ބަދަލުކޮށް, އިއުލާނު ކުރުމާއެކު ހަތަރު ވަޒީރުން އެއްވެ ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ. ބޭންކުގެ އަތްއަނބުރާލި ކަމަށް އެއްބަސް ނުވެ 40 ވަރަކަށް މިނެޓު ހޭދަކުރެއްވުމަށް ފަހު އިގުތިސާދީ ވަޒީރު ވިދާޅުވީ ބޭންކުން އެގޮތަށް ނިންމީ ސީދާ ރައީސް އެކަން ނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ.

"އެ ވިދާޅުވީކީ ވަޒީރަކު ރަސްމީ ޕްރެސް ކޮންފަރެންސްގައި ވިދާޅުވާ ކަހަލަ ވާހަކައެއް ނޫން. އަބަދުވެސް ސަރުކާރު ކުންފުނިތައް ހިންގަވަން ތިއްބެއްވި ބޭފުޅުންނާ ދައުލަތުގެ އެކި ހިސާބުތަކުން ގުޅާނެ. އެއީކީ އެހެން ބުނާ ކަހަލަ ވާހަކައެއް ނޫން," ރާއްޖޭގެ އިގުތިސޯތު ދިރާސާކުރައްވާ އާތިފް ޝަކޫރު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ބޭންކިން ގާނޫނުގެ ދަށުން ބޭންކް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ރޯލެއް ނެތެވެ. "ރައީސް" މި ލަފްޒު ވެސް އައިސްފައި އޮތީ އެންމެ ދެ ފަހަރު އެވެ. ބޭންކުތަކުގެ ރެގިއުލޭޓަރަކީ އެމްއެމްއޭ އެވެ.

"މިވީގޮތަކީ ބޭންކަށް, ބޭންކުގެ ޑިޕޮސިޓަރުންގެ ރައްކާތެރިކަން ޔަގީން ކޮށްދެއްވިދާނެ ކަމުގެ ޝައްކު ބޭންކު އަމިއްލަށް މި އުފެދުނީ.... ހާއްސަކޮށް ބޭންކަށް މި ބުނެދެވުނީ ތިމަންނަމެންނަށް ބޭންކަށް ރަނގަޅަށް ކިތަންމެ ވަރުގަދަ ފިޔަވަޅެއް އެޅި ނަމަވެސް ދައުލަތުން ބޭނުން ކަމެއް ވަންޏާ ހަ ގަޑިއިރު ތެރޭ މީތި ބަދަލުކޮށްފާނަމޭ," އާތިފް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ މުޅި މާލީ ނިޒާމަށް ވަރަށް ބޮޑު ބަލިކަމެއް, ނިކަމެތިކަމެއް މި ގެނެވުނީ. މިއީ އެއްގޮތަކަށް ވެސް ބޮޑެތި ބޭފުޅުން ކުރައްވާ ކަހަލަ ކަންތައްތަކެއް ކަމަށް ގަބޫލެއް ނުކުރެވޭ."

ބަގާވާތުގެ ޓެގު އެޅުވުން

އެންމެފަހުން ގޮސް ސީދާ ރައީސް ވެސް ބޭންކަށް ނުފޫޒު ފޯރުވި ކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގަތެވެ.

"އެ ބޭފުޅުންނަށް ރިޕްރެޒެންޓްވާ ޑިރެކްޓަރުންނާ ވާހަކަ ދައްކަވައިގެން އެބޭފުޅުންގެ ސަޕޯޓާއި އަަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ސަޕޯޓާ އެކީގައި ދެން އެ ކުރެވުނު މަސައްކަތުން އިއްޔެ، އަޅުގަނޑުމެންގެ ކެބިނެޓް ހަމަ ފެށީއްސުރެ ނިންމައިނުލައި ކުރިއަށް ގެންދިޔައިން، މިކަމުގައި ނިންމައި ނުލައި މަސައްކަތްކުރަމުން ދިޔައީ،" ރައީސް ހޯމަ ދުވަހުގެ ރޭ ހާމަކުރެއްވި އެވެ.

ދުނިޔޭގެ އެއްވެސް ގައުމެއްގެ އެންމެ މަތީ ވެރިޔަކު އެ ގައުމެއްގެ މައި ބޭންކަށް ކަންކަން ކުރަންވީ ގޮތް ކިޔައިދިނުމަކީ ހުތުރު ކަމެކެވެ. ކަންކަން އެންގުމަކީ ނުރައްކާތެރި ކަމެކެވެ. ބޭންކަކީ ކުންފުންޏެކެވެ. ގޮތް ކިޔާނީ ޑިރެކްޓަރުންނެވެ. އެ ނޫން ގޮތަކަށް ކަންކަން ކުރުމަކީ މާލީ ނިޒާމުތަކުގެ އިތުބާރު ނަގައިލުމެވެ.

ސަރުކާރުގެ ފަރާތުން ދެން ކުރެއްވި ކަމަކީ ސިޔާސީ ޖަލްސާއެއްގައި ބޭންކުގެ ޑިރެކްޓަރުންނާއި މުވައްޒަފުންނާއި މުޅި ބޭންކުގެ ބޮލުގައި ބަގާވާތުގެ ސީރިއަސް ތުހުމަތު އަޅުވައި ބޭންކުގެ އަގު ވައްޓައިލުމެވެ. ދުލަށް ކިތަންމެ ފަސޭހަ ބަހަކަސް ބަގާވާތަކީ ވަރަށް ސީރިއަސް, ހަރުކަށި އަދަބުތަކެއް މުޅި ދުނިޔޭގައި ވެސް ދޭ ކުށެކެވެ.

"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕްޓެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" ރައީސް މުއިއްޒު އެރޭ ވިދާޅުވި އެވެ.

ސެޕްޓެމްބަރު 2023, އާއި އެޕްރީލް 2024 ގައި އެޅި ވޯޓުތަކުގެ ނަތީޖާ ވަރަށް ސާފެވެ. އިދިކޮޅު ޕާޓީތަކުގެ ބާރު މިވަގުތު މި ގައުމަކު ނެތެވެ. ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ ވޯޓުން ދީފައި އޮތީ ޕީއެންސީއަށެވެ. ހަމައެގޮތަށް, ބޭންކުގެ ބޯޑުގެ މެޖޯރިޓީ އަބަދުވެސް އޮންނާނީ އެއިރެއްގައި އޮންނަ ސަރުކާރަކަށެވެ.

ކަންކަން މިހެން ހުރުމާއެކު އެމަނިކުފާނު ވިދާޅުވި ގޮތަށް ޑޮޓުތައް ކަނެކްޓުކޮށް, މިއީ "އެޓެމްޕްޓެޑް ކޫ" އެއްގެ ގޮތުގައި ބަލައިގަންނަން ސަލާމަތް ބުއްދި ހުރި ގިނަ މީހުންނަށް ދަތިވި އެވެ. ހުދު ރައީސުލްޖުމްހޫރިއްޔާ ބަގާވާތުގެ ލަފްޒު ގައުމީ ބޭންކާ ގުޅުވައި ގެނައުން ވެގެންދިޔައީ ކުއްލި ހައިރާންކަމެއް ގިނަ ބަޔަކަށް ގެނުވި ކަމަކަށެވެ.

މާލީ އިދާރާތަކުގެ އިތުބާރު ގެއްލުވާލައިފި

ބޭންކާއެކު ކޯ-ކޮންސްޕިރޭޓަރެއްގެ ގޮތުގައި ބައިވެރިވިކަމަށް ސަރުކާރާއި ވެރިކަން ކުރާ ޕާޓީން ތުހުމަތު ކުރަނީ އިދިކޮޅު މައި ޕާޓީ, އެމްޑީޕީ އެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި ބޭންކުގެ ބޮލުގައި ބަގާވާތުގެ ޓެގު އެޅުވުމަކީ "މުޅި ރާއްޖޭގެ މާލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލާވަރުގެ" ކަމެކެވެ.

"ދައުލަތުގެ އިސްވެރިޔާގެ ކޮންޓްރޯލް އޮތް ބޭންކަކުން ނުކުމެ އެބޭފުޅާގެ ވެރިކަން ބަދަލުކުރަން އޮޕޮޒިޝަން އާއެކު މަސައްކަތް ކުރީއޭ ބުނީމަ އަނެއްކާވެސް ބޭންކްގެ ބޮލުގައި ވަރަށް ބޮޑު ބަދުނާމެއް ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި އެއައީ، އަޅުގަނޑުގެ ކަންބޮޑުވުން މިކަމުގައި އޮތީ މިއާ ގުޅިގެން އިންޓަނޭޝަނަލް ފައިނޭންޝިއަލް ސިސްޓަމްގެ ތެރެއިން ބީއެމްއެލްގެ ކްލިއަރިން ބޭންކް [ސްޓޭޓަސް] ގެއްލިދާނެތީ," ފައްޔާޒު ވިދާޅުވި އެވެ.

ކްލިއަރިން ބޭންކަކީ އެކި ބޭންކުތަކުގެ މެދުގައި މާލީ މުއާމަލާތްތައް ހިންގުމުގެ ހުއްދަ އޮންނަ ބޭންކެވެ. ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ބައިނަލްއަގުވާމީ ބޭންކުތައް މަދު ގައުމެއްގައި ބޭރު ގައުމުތަކުގެ ބޭންކުތަކާއެކު މުއާމަލާތްތައް ކުރުމަށް ބީއެމްއެލްއަކީ ކޮންމެހެން ހުންނަން ޖެހޭ އިތުބާރު ކުރެވޭ މުއައްސަސާއަކަށް ވާން ޖެހެ އެވެ.

ރާއްޖޭން ބޭރުގެ އެހީ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ބޭންކުގެ ބޮލުގައި ބަގާވާތުގެ ޓެގު އަޅުވައިގެން އެކަމުގައި ކުރިއެރުމެއް ނުލިބޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ އެއްވެސް ބަޔަކު އެގޮތަކަށް ނުދޭނެ ފައިސާއެއް, އިންވެސްޓު ވެސް ނުކުރާނެ. އިތުބާރު ގެއްލޭނެ. އެހެންވީމާ ފައިސާ ނުލިބެނީ. މާދަމާ ވެސް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ ޑިޕޮސިޓުތައް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައި އެހެން ތަންތަނަށް ބަދަލުކުރުމުގެ ފުރުސަތު އެ ހުޅުވާލަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ, އެމަނިކުފާނުގެ ކެބިނެޓުން," އަމީރު އިއްޔެ ވިދާޅުވި އެވެ.

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން ގާނޫނުތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ އެވެ. އެކަން އިއުލާނުކުރީ ބީއެމްއެލްގެ އަތްއަނބުރާލުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބެވެ. އެއީ ހައްލެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.

"ގާނޫނުތައް ބަދަލުކޮށްގެން މާލީ ކަންކަމުން އަރައެއް ނުގަނެވޭނެ. އެއަށްވުރެ ރަނގަޅަށް އެ ބޭފުޅުން އެކަންކަން ކުރަން ޖެހޭ. މާލީ ހިސާބުތައް އެންމެފަހުން ނެރުނީ ޖޫން މަހު. އަޅުގަނޑަށް ނޭނގެ މާލީ ހާލަތު އޮތް ގޮތެއް ރައީސަށް އަދި ފިނޭންސް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާހެނެއް," އަމީރު ވިދާޅުވި އެވެ.

--

ދައުލަތުގެ މާލީ ހިސާބުކިތާބުތައް އާންމުނުކުރާތާ ގާތްގަނޑަކަށް 70 ދުވަސްވެއްޖެ އެވެ. އެ މުއްދަތުގެ ތެރޭގައި މަރުކަޒީ ބޭންކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. ބޭންކުތަކުގެ ބޯޑަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރެވޭ ގޮތަށް ބަދަލުތަކެއް ގެނެސްފި އެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ހިޔާލީ ބަގާވާތެއްގެ ބައިވެރިޔަކަށްވެއްޖެ އެވެ. މާލީ ނިޒާމުގެ އަގު ދުނިޔޭގެ ކުރިމަތީގައި ވައްޓާލައިފި އެވެ. ބޭންކިން ނިޒާމަށް އޮތް އިތުބާރު ގެއްލުވާލައިފި އެވެ. މިއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއްކަން އަހަރުތަކެއް ފަހުން ހާމާވާނެ އެވެ.