20 ސެޕްޓެންބަރު 2024 - 12:41 0
ކުރީގެ ރައީސް ޔާމީން:: ވިދާޅުވީ ބީއެމްއެލްއަކީ ސިޔާސީ ނުކުރެވޭނެ ތަނެއް ކަމަށް -- ފޮޓޯ: އަދަދު ފައިލް
20 ސެޕްޓެންބަރު 2024 - 12:41 0
ސަރުކާރުން ދަނީ ބޭންކް އޮފް މޯލްޑިވްސް ވަރަށް ބޮޑަށް ސިޔާސީ ކުރަމުންް ކަމަށާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެކަން ހުއްޓުވަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލް ސިޔާސީ ކުރަމުންދާއިރު އެކަން ހުއްޓުވުމަކީ މުނައްވަރުގެ ވާޖިބެއް ކަމަށާއި ނޫން ނަމަ ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަންނަން ކަމަށް ވެސް ޕީޕަލްސް ނެޝަނަލް ފްރަންޓުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
"ބޭންކް އޮފް މޯލްޑިވްސް ހަބޭހަށް އެ ޕޮލިޓިސައިޒް އެ ކުރަނީ. މިކަން ގޯސް. މިއީ ހަމަ ބޮޑު ގޯހެއް. ސެންޓްރަލް ބޭންކުގެ [އެމްއެމްއޭގެ] ގަވަރުނަރަކަށް އެ ހުރީ މިކަންކަން އެނގޭ ވަރުގެ މީހެއް. [އަހުމަދު] މުނައްވަރު އެ ހުރީ އެނގޭތޯ. އޭނަ އެބަޖެހޭ މިކަން ހުއްޓުވަން ނޫނިއްޔާ މަގާމުން ދުރަށްދާން، މިކަހަލަ ކަމެއްގައި އުޅޭކަށް ނުޖެހޭނެ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
ބީއެމްއެލް ސިޔާސީ ކުރަމުންދަނީ ގަވަނަންސްގެ ގާނޫނުތަކާއި ކޯޕަރޭޓް ގަވަނަންސްގެ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް ޔާމީން ރޭ ވިދާޅުވި އެވެ.
"ޕޮލިޓިސައިޒް ނުކުރޭ ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަން ބޭންކިން އިންޑަސްޓްރީ ކަހަލަ ތަންތަނަކީ. އެކަމަކު އެ ތަންތަން އެ ޕޮލިޓިސައިޒް ކުރަނީ. ދެން ހުރިހާ ގަވަނަންސް ލޯސް، ކޯޕަރޭޓް ގަވަނަންސް ލޯސްއާ ހިލާފަށް މިކަން މި ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ބީއެމްއެލް ސިޔާސީ ކުރަން މަސައްކަތް ކުރާ ކަމަށް ޔާމީން ވިދާޅުވިއިރު، ސަރުކާރުގެ މަގާމުތަކުގައި ތިބި ސިޔާސީ މީހުން ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް އެމްއެމްއޭއިން ވަނީ އޯގަސްޓު މަހު ގަވާއިދެއް އިސްލާހުކޮށްފަ އެވެ.
އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަހްމަދު އަލީ ހަބީބު އައްޔަން ކުރަން ވެސް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.
ބީއެމްއެލްއިން ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ކަނޑާލުމުން ސަރުކާރުން ބުނެފައި ވަނީ އެއީ ސަރުކާރު ވައްޓާލަން ކުރި މަސައްކަތެއް ކަމަށެވެ. ބަގާވާތުގެ ތަހުގީގެއް ވެސް ފުލުހުން ވަނީ ފަށައިފަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި އެ މައްސަލައިގައި މީހަކާ ސުވާލެއް ވެސް ނުކުރެ އެވެ.
Comment