Advertisement

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މަތީ ފަންތީގެ ވަފުދަކާއެކު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި

ނިއު ޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް އެއާޕޯޓުގައި --- ފޮޓޯ: ރައީސް އޮފީސް


އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މަތީ ފަންތީގެ ވަފުދަކާއެކު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގަތީ މި ރޭ ކަމަށެވެ. އެމަނިކުފާނާއެކު ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވާނެ ކަަމަށްވެ އެވެ. ނަމަވެސް ވަފުދުގައި ހިމެނޭ ފަރާތްތަކުގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

އާންމު މަޖިލީހުގެ ސެޝަނުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން މި ދަތުރުގައި ސެކިއުރިޓީ ކައުންސިލުގެ ހާއްސަ ބަހުސެއްގައި ރައީސް ވާހަކަ ދައްކަވަން ވެސް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނު އާންމު މަޖިލީހުގައި ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރުގައި ސަމިޓް އޮފް ދަ ފިއުޗާގައި ރައީސް މުއިއްޒު ބައިވެރިވެޑައިގެން، މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބަލަަހައްޓަވާނެ ކަމަށެވެ.

އޭގެ އިތުރުން، ބައިނަލްއަގުވާމީ ބައްދަލުވުންތަކުގެ ހަވާސާގައި އާންމު އުސޫލުގެ ދަށުން އެކި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.

މި ދަތުރަށްފަހު ރައީސް މުއިއްޒު އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހު 29، ގަ އެވެ.