20 ސެޕްޓެންބަރު 2024 - 17:17 0
އަހުމަދު އާއިދު
ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވި އައިޝަތު ސަޖުނީ ---
20 ސެޕްޓެންބަރު 2024 - 17:17 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ އެއް މެންބަރު، އައިޝަތު ސަޖުނީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސަބަބު ސާފު ނުވި ނަމަވެސް ސަޖުނީ އިސްތިއުފާ ދެއްވިކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އޭނާ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
މިކަމާ ގުޅޭ ގޮތުން ބޭންކުގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.
ސަޖުނީ އިސްތިއުފާ ދެއްވިއިރު، ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް އަދި ބޯޑު މެންބަރު އައިޝަތު ނޫރައްދީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އައިޝަތު ނޫރައްދީން އޮގަސްޓު 27، ގައި އިސްތިއުފާ ދެއްވިއިރު ސްޓުމަކް އިސްތިއުފާދެއްވީ މި ހިނގާ ސެޕްޓެމްބަރު 9، ގަ އެވެ.
އައިޝަތު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ވެސް ފޮނުވާފައިވަނިކޮށެވެ. ސްޓުމަކް އިސްތިއުފާ ދެއްވީ ބޭންކުގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަދައި، އެކަމުގެ ތަހުގީގު ފުލުހުން ފަށާފައި ވަނިކޮށެވެ.
ބީއެމްއެލްގެ ބޯޑަށް ސަޖުނީ އައްޔަންކުރީ 2021 ގަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އޭނާ ދަނީ ސަރުކާރު ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ބޭންކުގެ ބޯޑު މެންބަރުކަން ކުރައްވަމުންނެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ ހުރިހާ ނޮން-އެގްޒެކެޓިވް މެމްބަރުން ވަކިކުރިއިރު ސަޖުނީ ވެސް ވަކި ކުރި އެވެ. ނަމަވެސް ޖެނުއަރީ 25، ގައި ނިންމި އެ ނިންމުން ބަދަލުކޮށް ދެ ދުވަސް ފަހުން އޭނާ ވަނީ އަނެއްކާ ވެސް ބޯޑަށް އައްޔަންކޮށްފަ އެވެ.
ބީއެމްއެލްގެ ބޯޑު މެންބަރުކަމުގެ އިތުރުން ސަޖުނީ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ އެންޑް ރިސާޗް ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާދެއްވިކަން ސާފެއް ނުވެ އެވެ. މީގެ އިތުރުން، ސަޖްނީ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ސަރުކާރުން މިހާރު ވަނީ ބީއެމްއެލްގެ ބޯޑަށް އާ ޑިރެކްޓަރުންތަކެއް އައްޔަންކުރަން ނަން ފޮނުވާފަ އެވެ. އެގޮތުން ބޯޑުގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބުގެ ނަން ވަނީ ޕީސީބީއަށް ފޮނުވާފަ އެވެ.
Comment