Advertisement

މާފުށީ ކައުންސިލުން ބަލައިގަތް އައިޑީ ކާޑު ފައިސާއާ ގުޅޭ ބޮޑު ހިޔާނާތެއް

27 އޮގަސްޓު 2024 - 17:53 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ އަތޮޅު މާފުށި. އެ ރަށު ކައުންސިލުން ފައިސާއަށް ހިޔާނާތްވެފައި އޮތްކަމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ. -- ފޮޓޯ: އަދަދު


މާފުށީ ކައުންސިލުން ބަލައިގަތް އައިޑީ ކާޑު ފައިސާއާ ގުޅޭ ބޮޑު ހިޔާނާތެއް

27 އޮގަސްޓު 2024 - 17:53 0

މާފުށީ ކައުންސިލުން ބަލައިގަތް އައިޑީ ކާޑު ފައިސާ އާ ގުޅޭ ބޮޑު ހިޔާނާތެއް އެ ކައުންސިލުގެ އޮޑިޓު ރިޕޯޓުން ފަޅާ އަރައިފި އެވެ.

މާފުށީ ކައުންސިލުގެ އިދާރާގެ 2021 އަދި 2020 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ އޮޑިޓުގެ އެކި މަރުހަލާތަކުގައި އައިޑީ ކާޑު ފައިސާ ބަލައިގަތުމާ ގުޅޭ މައުލޫމާތު ހޯދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މަސައްކަތް ކުރުމުން އައިޑީ ކާޑާ ގުޅޭ އެއްވެސް ފައިސާއެއް އެ ކައުންސިލުން ބަލައިގަނެފައި ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް އޮޑިޓުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، މާފުށީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ކާޑު ދޫކުރުމަށް ބޭނުންކުރާ ޑީއެންއާރުގެ ލިޔެކިޔުންތަކާއި 12 އައިޑީ ކާޑާއި އެއާ ގުޅުންހުރި 69،700ރ. ފެނިފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ތަކެތި ފެނިފައި ވަނީ ކައުންސިލު މުވައްޒަފެއްގެ ވަތްގަނޑުންނާއި އެ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އެހެން އިމާރާތަކުންކަން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މާފުށީ ކައުންސިލުން ފެނުނު ޑީއެންއާރުގެ ޝީޓުތަކާއި ކައުންސިލުން ފެނުނު ފައިސާގެ އަދަދު އަޅާކިޔުމުން ކައުންސިލުގައި ހުންނަންޖެހޭ ފައިސާގެ ތެރެއިން 13،250ރ. މަދުކަން ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކައުންސިލުގެ އިދާރާގައި ހުރި ފައިސާ އާއި ބަލަގަތް ކަމަށް ދައްކާ ފައިސާގެ ތަފާތު:

  • ކައުންސިލުގެ އިދާރާއިން ފެނުނު ފައިސާގެ އަދަދު - 69،700ރ.
  • ޑީއެންއާރު ޝީޓުތަކުން އެ ކައުންސިލުން ބަލައިގަތް ކަމަށް ދައްކާ ފައިސާގެ އަދަދު - 82،950ރ.
  • ދެ އަދަދު އަޅާކިޔުމުން މަދުވާ ފައިސާގެ އަދަދު - 13،250ރ.

މާފުށީ ކައުންސިލުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ އެ ކައުންސިލުން އައިޑީ ކާޑު ފައިސާގެ ގޮތުގައި ބަލައިގަތް ފައިސާ ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖަމާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ކައުންސިލުގެ އިދާރާގައި ހުރިކަން ކަށަވަރު ކުރެވެން ވެސް ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހަށް އެކަމާ ގުޅޭގޮތުން ޑީއެންއާރުން ފޯރުކޮށްދިން ލިޔުންތަކުން، 2019 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 15، 2022 ގެ ނިޔަލަށް މާފުށީ ކައުންސިލުން ފޮނުވައިގެން ޑީއެންއާރުން ހެއްދި އައިޑީ ކާޑުތަކަށް 120،600ރ. އެ ކައުންސިލުން ދައްކަންޖެހޭ ކަން އެނގޭ ކަމަށް އޮޑިޓު ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ. އެ ފައިސާގެ ތެރެއިން މާފުށީ ކައުންސިލުން ޑީއެންއާރަށް ދައްކާފައިވާ ކަމަށް ޑީއެންއާރުގެ ހިސާބުތަކުން ދައްކަނީ 3500ރ. ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ހުރިހާ ލިޔެކިޔުންތަކެއް އަޅާކިޔުމުން ފެންނަ އަދަދުތަކުގެ ތަފުސީލު:

  • މާފުށީ ކައުންސިލުގެ އިދާރާއިން އައިޑީ ކާޑު ފައިސާގެ ގޮތުގައި ޑީއެންއާރަށް 2019 ވަނަ އަހަރުން ފެށިގެން 15 ނޮވެމްބަރު 2022 ގެ ނިޔަލަށް ދައްކަންޖެހޭ ކަމަށް ޑީއެންއާރުން ހިސާބުތަކުން ދައްކާ އަދަދު - 120،600ރ.
  • 2019 ވަނަ އަހަރުގެ ތެރޭގައި މާފުށީ ކައުންސިލުގެ އިދާރާއިން އައިޑީ ކާޑުގެ ފައިސާގެ ގޮތުގައި ޑީއެންއާރަށް ދައްކާފައިވާ ކަމަށް ޑީއެންއާރުގެ ލިޔެކިޔުންތަކުން ފެންނަ އަދަދު - 3،500ރ.
  • 13 ނޮވެމްބަރު 2022 ގައި މާފުށީ ކައުންސިލުގެ އިދާރާއިން ފެނުނު ސިޓީއުރައިގައިވާ ފައިސާގެ އަދަދު - 30،050ރ.
  • 18 ނޮވެމްބަރު 2022 ގެ ރޭ ކައުންސިލުގެ މަންފާވިލާ އިމާރާތުން ފެނުނު ސިޓީ އުރައިފައިވާ ފައިސާގެ އަދަދު - 39،650ރ.
  • 18 ނޮވެންބަރު 2022 ގައި ކައުންސިލުގެ މަންފާވިލާ އިމާރާތުން ފެނުނު ސިޓީ އުރައިގައިވާ 12 އައިޑީ ކާޑުގެ ފައިސާ (ވެރިފަރާތާ ހަވާލު ނުކުރެވި / ފައިސާ ނުލިބި ހުރި އައިޑީ ކާޑު) ގެ އަދަދު - 1،300ރ.
  • 23 ނޮވެމްބަރު 2022 ގައި ކައުންސިލުގެ އިދާރާއިން އޮޑިޓަރުންނަށް ފޯރުކޮށްދިން ސްލިޕުން ޑީއެންއާރާ ހަވާލު ކުރި ކަމަށް ދައްކާ ފައިސާގެ އަދަދު - 350ރ.

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ އައިޑީ ކާޑުގެ ފައިސާގެ ގޮތުގައި ޑީއެންއާރަށް މާފުށީ ކައުންސިލުން ދައްކަންޖެހޭ 117،100ރ. ގެ ތެރެއިން 45،750ރ. އެ އިދާރާއިން ފެނިފައި ނުވާ ކަމަށެެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ މާފުށީ ކައުންސިލުން އައިޑީކާޑުގެ ފައިސާ ބަލައިގަނެފައި ވަނީ ދައުލަތުގެ ތަނަކަށް ފައިސާ ވައްދާއިރު، އަމަލު ކުރަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އެގޮތުން މާފުށީ ކައުންސިލުން ބަލައިގަންނަ އައިޑީ ކާޑުގެ ފައިސާ ބަހައްޓަމުން ގެންގޮސްފައި ވަނީ ކައުންސިލުގެ ތިޖޫރީގައި ނޫންކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، އެ ފައިސާ ބަލައިގަންނަމުން ގެންދިޔައީ ވަކި މުވައްޒަފަކު ސީދާ ޒިންމާވާ ގޮތަށް ރައްކާތެރިކަމާއެކު ނޫން ކަމަށާއި ބަލައިގަތް ފައިސާގެ ތަފުސީލު އެނގޭނެ ފަދަ ޝީޓެއް ވެސް ތައްޔާރު ކޮށްފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ހުރިހާ މައްސަލަތަކެއް ހައްލުކޮށް މާލިއްޔަތު ގަވާއިދާ ހިލާފަށް އެ ކައުންސިލުން އަމަލެއް ކުރި ކަމަށް ބެލެވޭތީ އެ މައްސަލައިގައި ފިޔަވަޅު އަޅައި ދިނުމަށް އެދި ފިނޭންސް މިނިސްޓަރީއަށް ހުށަހެޅުމަށް އޮޑިޓު ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.

މާލިއްޔަތު ގަވާއިދުގައި ބަޔާން ކުރާ ފަދަ ތަނެއްގައި ފައިސާ ރައްކާ ކުރުމަށާއި ފައިސާގެ މުއާމަލާތްތައް ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ވެސް އޮޑިޓު ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.