Advertisement

ޑިވެލޮޕްމަންޓު ބޭންކަށް އައްޔަނުކުރި ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

26 އޮގަސްޓު 2024 - 13:36 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިވެލޮޕްމަންޓު ބޭންކުގެ ވެރިންނާ ބައްދަލުކުރައްވަނީ: މިއީ ރިއަލް އެސްޓޭޓާއި ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ދޭން އުފެއްދި ބޭންކެއް --- ފޮޓޯ: ރަައީސް އޮފީސް


ޑިވެލޮޕްމަންޓު ބޭންކަށް އައްޔަނުކުރި ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

26 އޮގަސްޓު 2024 - 13:36 1

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ޑިވެލޮޕްމަންޓު ބޭންކު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް އައްޔަނުކުރި ޗެއާޕާސަނާއި ސީއީއޯއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

ޑިވެލޮޕްމަންޓު ބޭންކުގެ ޗެއާޕާސަނަކަށް އައްޔަނުކުރީ އޭޝިއާގެ ބޭންކިން ސެކްޓަރުގެ ތަޖުރިބާކާރެއް ކަމަށްވާ އަރުނީ ގުނަތިލެކެ އެވެ. އޭނާއަކީ ސްރީ ލަންކާއަށް އުފަން ސިންގަޕޫރު ރައްޔިތެކެވެ. އޭނާ ޑިގްރީއާ ހަމައަށް ކިޔެވީ ލަންކާގެ ކޮލޮމްބޯ ޔުނިވާސިޓީންނެވެ. އެއަށްފަހު މާސްޓާސް ހެދީ އެމެރިކާގެ ހާވާޑު ޔުނިވާސިޓީންނެވެ.

އެ ބޭންކުގެ ސީއީއޯއަކަށް އައްޔަނުކުރީ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށް ފަހު މާސްޓާސް ހެދީ އޮކްސްފޯޑް ޔުނިވާސިޓީންނެވެ. އޭނާއަކީ ވެސް ބޭންކިން ދާއިރާގައި 28 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ބޭންކަރެކެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަކީ މި ބޭންކް އުފެއްދުމުގެ އަމާޒެއް ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.

އޭގެ އިތުރުން, އިތުރުން، ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުން ހިމެނޭ ކަމަށް ވެސް ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމަންޓް ބޭންކެއް ވައްދަން ޖެހުނީ، މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގަ ނެތުމުންނެވެ. އަދި މި ބޭންކު ގާއިމުކުރެވުމުން، ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.