ދުންފަތުން ދުރުކުރުމަށް ޖެނެރޭޝަން ބޭން އެއް ތައާރަފުކުރަނީ

27 މާރިޗު 2025 - 09:22 1

އަހުމަދު އާއިދު

އ

ރައީސް ޑރ މުހައްމަދު މުއިއްޒު ޕޮޑްކާސްޓުގައި ވާހަކަދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ދުންފަތުން ދުރުކުރުމަށް ޖެނެރޭޝަން ބޭން އެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ދުންފަތުން ދުރުކުރުމަށް ޖެނެރޭޝަން ބޭން އެއް ތައާރަފުކުރަނީ

27 މާރިޗު 2025 - 09:22 1

ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެން އޮތް ފިޔަވަޅަކީ "ޖެނެރޭޝަން ބޭން" އެއް ތައާރަފުކުރަމުން ކަމަށެވެ.

މިއަދު އެމަނިކުފާނު ފެށްޓެވި 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޒުވާނުން އަދި އައު ޖީލުތައް ދުންފަތުން ސަލާމަތް ކުރުމަށް އެޅޭނެ ފިޔަވަޅެއް ކަަމަށެވެ.

މިގޮތުން އެޅުނު ފުރަތަމަ ފިޔަވަޅީ މިދިޔަ ނޮވެމްބަރު މަހު ރާއްޖެއިން ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެން އޮތް ސްޓެޕަކަށް އަޅުގަނޑު ވިސްނާފަ މިއޮތީ އަޅުގަނޑު މިތަނުގެ ދެން ފާހަގަކޮށްލާނަން އަދި ކުރިއަށް އޮތް ތަނުގައި ތަފުސީލު އިއުލާނުކުރަމުން ދާނަން. މި ޖެނެރޭޝަން ބޭން އޭ މިކިޔާ ހާއްސަކޮށް މި ޒުވާން ކުދިންނަށް އަލަށް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅާނަން،" ރައީސް ވިދާޅުވި އެވެ.

އައު ޖީލުތައް ދުންފަތާ ދުރުވެ ތިބެން ޖެހޭ ސަބަބުތަކެއް ސަރުކާރުން ދައްކާނެ ކަމަށާއި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަޅަމުންދާ ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ޖެނެރޭޝަން ބޭންގެ ދަށުން ވަކި އަހަރަކުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ އެވެ. މިވަގުތު އެފަދަ ގާނޫނުތައް ހުރީ ނިއުޒިލެންޑާއި ޔޫކޭގަ އެވެ. އެ ދެ ގައުމުގައި 2009 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް ވިއްކުން މަނަ އެވެ.

ދުންފަތުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރަން ހަތަރު އަހަރުގެ ޕްލޭނެއް ހަދަން ސަރުކާރުން މިދިޔަ އަހަރު ނިންމި އެވެ. އެ ޕްލޭން އަދި އިއުލާނެއް ނުކުރެ އެވެ.

ނަމަވެސް ސަރުކާރުން ހުށަހަޅައިގެން, ގާނޫނުތައް ބަދަލުކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޖެހިގެން އައި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން، ގާނޫނު ބަދަލުކޮށް ކޮންމެ ސިނގިރޭޓަކުން ނަގާ އިމްޕޯޓު ޑިއުޓީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 8ރ. އަށް މަތިކޮށްފަ އެވެ. އަދި، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ވަނީ ބޮޑުކޮށްފަ އެވެ.