ބޭންކުތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި ކަމަށް ރައީސް ވިދާޅުވެއްޖެ

27 މާރިޗު 2025 - 08:53 0

އަމަން ހަލީމް

އ

ރައީސް މުއިއްޒު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި: ރައީސް ވިދާޅުވީ ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ބޭންކުތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި ކަމަށް ރައީސް ވިދާޅުވެއްޖެ

27 މާރިޗު 2025 - 08:53 0

ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުގެ އާމްދަނީން ބައެއް މާރުކުރަން މަޖުބޫރުކުރި ފަހުން މިހާތަަނަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން އަލަށް ފެށި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ, ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް މާރުކުރި އަދަދަކީ ކުރިން ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ގުޅިގެން ދެއްކެވި ވާހަކައިގައި ރައީސް ވަނީ މި ސިޔާސަތުގެ ކާމިޔާބީ ފާހަގަކުރައްވަމުން, އެ ސިޔާސަތަށް ގިނަ ބަޔެއްގެ އެއްބާރުލުން ލިބެމުންދާކަމަށް ވިދާޅުވެފަ އެވެ.

"މި ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ 95 އިންސައްތަ މި ގާނޫނާ އެއް ގޮތަށް އެބަ ޑޮލަރު މާރުކުރޭ. ދެން ބާކީ ފަސް އިންސައްތަ ވެސް އިރާދަކުރެއްވިޔާމުން, އަޅުގަނޑުމެން އެ ހަމަ ގާނޫނު ތަންފީޒުކުރާނަން." އެމަނިކުފާނު ވިދާޅުވި އެވެ.

މި ސިޔާސަތާއެކީގައި ލިބިގެންދާނެ ފައިދާތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ, ޓޫރިޒަމް ސިނާއަތަށް މަންފާކުރާ ވަރަކަށް އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

އެ ގޮތުން ކުރިން އިއުލާންކޮށްފައިވާ ތާރީހުތަކަށް, ރާއްޖޭން ބޭރަށް ފުރާ ދިވެހިންނަށް މިހާރު ލިބޭ 500 ޑޮލަރު, 1000 ޑޮލަރަށް އިތުރުކުރުމާއި ކްރެޑިޓު ކާޑު ލިމިޓު ދެ ގުނަ ބޮޑުކުރުމާއި ޓީޓީއަށް ލިބޭ ޑޮލަރު ސަޕޯޓުގެ އަދަދު އިތުރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި, ބޭންކުތަކަށް ޑޮލަރު މާރުކުރަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅަށް ކުރެވުނު ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު ތިރިވެ, ޑޮލަރުގެ ކަޅު ބާޒާރުން ސަރުކާރު ކުންފުނިތަކަށް ޑޮލަރު ގަތުން މަދުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް މި ސިޔާސަތުގެ ދަށުން ޑޮލަރު މާރުކުރަން ފެށިތާ ތިން މަސް ވާން ގާތްވީއިރު, އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް ނާދެ އެވެ. ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެން ހުރީ 19.20ރ. އަށެވެ. އަދި ޑޮލަރެއް މާރުކުރެވެނީ 19ރ. އަށެވެ.

ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ ބޭންކުތަކުން މާރުކުރަން ޖެހެނީ މަރުކަޒީ ބޭންކު, އެމްއެމްއޭއަށެވެ. މިހެންކަމުން މިހާތަނަށް މާރުކުރި 150 މިލިއަން ޑޮލަރުގެ ތެރެއިން 90 މިލިއަން ޑޮލަރު ދާނީ ސީދާ އެމްއެމްއޭށެވެ.