Advertisement

ފެކްޓު ޗެކް: ރާއްޖޭގައި ސްމާޓު ކްލާސްރޫމެއް ނެތްތަ؟

26 އޮގަސްޓު 2024 - 08:24 3

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މަޖީދިއްޔާ ސްކޫލް ޑިޖިޓަލް ކްލާސްރޫމްއެއްގައި 2010 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު ކިޔަވައި ދެއްވަނީ، އަދި ތ. އޮމަދޫ ސްކޫލުގެ ކްލާސްރޫމެއް ވެސް ޑިޖިޓަލްކޮށްފައި.


ފެކްޓު ޗެކް: ރާއްޖޭގައި ސްމާޓު ކްލާސްރޫމެއް ނެތްތަ؟

26 އޮގަސްޓު 2024 - 08:24 3

ސަރުކާރުން 2025 ގައި ކުރިއަށް ގެންދާ ސްކޫލު އިމާރާތް ކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގައި 40 ކްލާސްރޫމްގެ އިމާރާތެއް ހަދައި، އޭގެ ބައެއް ކްލާސްތައް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ސްމާޓް ކްލާސްތަކަށް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

"އެ ކްލާސްރޫމުތަކުގެ ތެރެއިން ބައެއް ކްލާސްރޫމްތަކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރެވޭ ސްމާޓު ކުލާސްތަކަށް ވާނެ،"

މިހެން ވިދާޅުވީ ރާއްޖޭގެ ތައުލީމީ ހަޔާތުގެ މުންނާރުގެ ގޮތުގައި ފާހަގަކުރެވޭ، މަޖީދިއްޔާ ސްކޫލުގެ އެންމެ އިހުގެ ހަނދާންތަކާއި އެ ސްކޫލަށް 100 އަހަރު ފުރުމުގެ ގުނާނަ ފެންނަ ގަޑިއަކާއެކު އެ ސްކޫލުގެ މުސްކުޅި ދަރިވަރުން ފަރުމާކޮށް، ބިނާކުރި ހަނދާނީ ބިނާ، "ސައްތަވީ ބިނާ" އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލުކުރައްވައި، އިނގިރޭސި ވިލާތުން މަތީ ތައުލީމު ހާސިލު ކުރެއްވި، އަދި ހައުސިން މިނިސްޓަރުކަމާއި މާލޭ މޭޔަރުކަން ވެސް ކުރައްވާފައިވާ ރައީސް މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، އެއީ ހަގީގަތެއް ނޫނެވެ.

ރާއްޖޭގައި ގާއިމު ކުރާ ފުރަތަމަ ސްމާޓު ކްލާސްރޫމްގެ ވާހަކަ މަޖީދިއްޔާ ސްކޫލުގެ އިވެންޓެއްގައި ދެއްކެވިއިރު، މީގެ 14 އަހަރު ކުރިން 2010 ވަނަ އަހަރު ވަނީ މަޖީދިއްޔާ ސްކޫލުގެ ސްމާޓް ކްލާސްރޫމް އިފްތިތާހުކޮށްފަ އެވެ.

"މަޖީދިއްޔާ ޑިޖިޓަލްވުން" ނަމުގައި ހިންގި އެ ޕްރޮގްރާމްގައި ހުރިހާ ކްލާސްރޫމެއްގައި ސްމާޓު ބޯޑާއި، ޑިޖިޓަލް ނޯޓިސް ބޯޑާއި ޑިޖިޓަލް ކައުންޓްޑައުން ބޯޑާއި ސްކޫލާއި ބެލެނިވެރިންނާއި ދަރިވަރުންނާ ދެމެދު ކުރު މެސެޖް ސާވިސް މެދުވެރިކޮށް މުއާމަލާތް ކުރުމުގެ ނިޒާމެއް ގާއިމު ކުރި އެވެ.

އެއީ ރާއްޖޭގެ ފުރަތަމަ ސްމާޓު ކްލާސްރޫމްތަކެވެ.

ނަމަވެސް "ސްމާޓު ސްކޫލް" ނަމުގައި ސްކޫލްތައް ޑިޖިޓަލް ކްރުމުގެ މަޝްރޫއު ސަރުކާރުން ރަސްމީކޮށް ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ މަޝްރޫއު އިފްތިތާހު ކުރީ ކުޑަފަރީގަ އެވެ. އަދި ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ކުޑަފަރީ ސްކޫލުގެ ކްލާސްރޫމްތައް ސްމާޓު ކުލާސްރޫމްތަކަކަށް ބަދަލުކުރަން 1.5 މިލިއަން ރުފިޔާ ކަނޑައަޅައި، އެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.

ސްމާޓު ކްލާސްރޫމް ގާއިމުކުރުމުގެ އެތައް މަޝްރޫއުއެއް ހިންގާފައިވެ އެވެ. އެގޮތުން ޅ. ނައިފަރު، މަދްރަސަތުލް އިފްތިތާހުގައި 19 ކުލާސްރޫމެއް ސްމާޓް ކުލާސްރޫމަށް 2016 ވަނަ އަހަރު ބަދަލު ކުރި އެވެ.

މަދަރުސަތުލް އިފްތިތާހުގެ ކްލާސްރޫމްތައް ސްމާޓު ކްލާސްރޫމްތަކަށް ބަދަލުކުރުން އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު މެންބަރު ޝިޔާމް ވާހަކަ ދައްކަވަނީ


އެފްއެޗް ފައުންޑޭޝަނުގެ ފަރާތުން ގާއިމްކުރި އެ ކުލާސްރޫމްތައް ހުޅުއްވައިދެއްވީ އޭރު އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި، އަދި މިހާރު ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

އެ ކްލާސްރޫމްތައް ގާއިމުކުރިއިރު، އެފްއެޗް ފައުންޑޭޝަންގެ ރައީސް އަކީ، މިހާރު ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި، އޭރު ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އެ މަޝްރޫއުއަށް 1.3 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި އުރީދޫ މޯލްޑިވްސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ޖަލުތަކުގައި ތިބި ގައިދީންނަށް ކިޔަވައިދޭން ސްމާޓު ކްލާސްރޫމްތަކެއް ގާއިމުކުރި އެވެ. އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީގައި ވެސް ބައެއް ސްކޫލްތައް ޑިޖިޓަލްކޮށްފައިވެ އެވެ. އަދި ޣިޔާސުއްދީން ސްކޫލާއި ބިލަބޮންގު ހައި އިންޓަނޭޝަނަލް ސްކޫލާއި އެހެން ބައެއް ސްކޫލުތަކުގައި ވެސް ސްމާޓު ކްލާސްރޫމް އެބަ ހުއްޓެވެ.

މިފަދަ އިތުރު މަޝްރޫއުތައް ތައުލީމީ މަރުކަޒުތަކުގައި ފަށައިގެން މިހާރު ވެސް ކުރިއަށް އެބަ ގެންދެ އެވެ. އެގޮތުން، ވިލާ ކޮލެޖުން ވާވޭ އައިސީޓީ އެކެޑަމީއާއެކު ސްމާޓް ކްލާސްރޫމްތަކެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، އަލަށް އިމާރާތް ކުރާ މަޖީދިއްޔާ ސްކޫލުގެ ކްލާސްރޫމްތަކަކީ ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްމާޓު ކްލާސްރޫމުތަކަށް ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިޔަސް، އެއީ ދޮގެކެވެ.