Advertisement

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ޖޫނިއާ ޗެމްޕިއަނުންނަކީ ޓަކާއީ އާއި އަރީސާ

24 އޮގަސްޓު 2024 - 15:49 0

ކ. ތުލުސްދޫ

އަތޫފް އާތިފް

އަތޫފް އާތިފް


އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ޖޫނިއާ ޗެމްޕިއަނުންނަކީ ޓަކާއީ އާއި އަރީސާ

24 އޮގަސްޓު 2024 - 15:49 0

ކ. ތުލުސްދޫ

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގެ ޖޫނިއާ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޖަޕާނުގެ ޓާރޯ ޓަކާއީ ހޯދިއިރު، އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހަމަ އެގައުމުގެ އަރީސާ އިޝީ ހޯދައިފި އެވެ.

މި ފަހަރުގެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ޖަޕާނެވެ. އެގޮތުން އެ ޓީމުން ވަނީ އަންހެން އޯޕަން, އަންހެން އަދި ފިރިހެން ޖޫނިއާ ކެޓަގަރީގެ ރަން މެޑަލް ހޯދައިފަ އެވެ. ޖަޕާނަށް ހަމައެކަނި ގެއްލުނީ ފިރިހެން އޯޕަން ކެޓަގަރީގެ ރަން މެޑަލް އެވެ. އެކަމަކު، އެ ޓީމުގެ ވަތަނާބޭ އަށް ވަނީ ފިރިހެން ކެޓަގަރީގެ ލޯ މެޑަލް ލިބިފަ އެވެ.

މިއަދު ކުރިއަށްދިޔަ ފިރިހެން ފައިނަލް ހީޓުގައި ޓަކާއީ އާ ވާދަކުރީ, ޖަޕާނުގެ ކައިސީ އަޑަޗީ, ފިލިޕީންސްގެ ޓްރޯއީ އެސްޕެންޖޯން އަދި ޗައިނާގެ ޗެންސެންގް ވަން އެވެ.

ފައިނަލް ހީޓު ޓަކާއީ ކާމިޔާބުކުރީ ފަސް ރާޅު އަޅައި, އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރި ދެ ރާޅުން 16.50 ސްކޯކޮށްގެންނެވެ. ޓަކާއީ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 7.17 އަދި 9.33 ސްކޯކޮށްފަ އެވެ.

ދެވަނަ އަށްދިޔަ އަޑާޗީ ވަނީ ފައިނަލް ހީޓުގައި ފަސް ރާޅު އަޅައި 16.17 ސްކޯކޮށްފަ އެވެ. އޭނާ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި ވަނީ 8.00 އަދި 8.17 ސްކޯކޮށްފަ އެވެ. ތިންވަނަ އަށް ދިޔައީ ފިލިޕީންސްގެ ޓްރޯއީ ވަނީ މި ހީޓުގައި 8.76 ސްކޯކޮށްފަ އެވެ.

މީގެ އިތުރުން މިއަދު ކުރިއަށްދިޔަ އަންހެން ކެޓަގަރީގެ ފައިނަލް ޖަޕާނުގެ އަރީސާ ކާމިޔާބުކުރީ ފައިނަލް ހީޓުގައި ފަސް ރާޅު އަޅައި 13.50 ސްކޯ ކޮށްގެންނެވެ. އަރީސާ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 8.83 އަދި 4.67 ސްކޯކޮށްފަ އެވެ.

ފައިނަލް ހީޓުގެ ދެ ވަނަ އަށް ދިޔައީ ޖަޕާނުގެ ކޮކޮރޯ ބޯބާ އެވެ. އޭނާ ވަނީ ފައިނަލް ހީޓުގައި ހަތް ރާޅު އަޅާފަ އެވެ. އެންމެ މަތިން ސްކޯކުރި ދެ ރާޅުން ކޮކޮރޯ އަށް ލިބުނީ 12.66 ގެ ސްކޯއެކެވެ.

ތިންވަނަ އަށްދިޔަ އިންޑޮނޭޝިއާގެ ހަނާ ސޫރީ ވަނީ ފައިނަލް ހީޓުގައި ހަތަރު ރާޅު އަޅާފަ އެވެ. އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 9.50 ސްކޯކޮށްފަ އެވެ.