(ދެވަނަ ބައި)
ހަސީނުގެ އަޑު އިވުމުން ބަލައިލެވުނެވެ. އޭނާގެ އުފާވެރި މޫނު ފެނިފައި ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހަސީނުގެ ދެ އަތުގައި ދެ ކޮތަޅު އޮތެވެ. ފަހަތުގައި ހަސަން މަނިކު ހުއްޓެވެ.
"ދެން ބޭނުން އިރަކު ބޮނޑިބަތް ކެވޭނެ." ހަސަންމަނިކު އަތުގައި ހުރި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. "އެ ސޮރަށް އެއްޗެއް ބޭނުންވީމަ ނުގަނެވިފަ، ބުނަން ނުކެރިފަ ނުހުންނާތި. އަބަދު ނުދެވުނަސް ހަސަންބެއަށް ކޮށްދެވުނު ކަމެއް ކޮށްދޭނަން."
އެއް މަސްދުވަހުގެ ކާނާ މޭޒުމަތީގައި އަތުރައިލަމުން ހަސަންމަނިކު ހިނިތުންވެލިއެވެ. އަހަންނަށް އިސްޖަހައިލެވުނެވެ. ވާންވީ އުފާކަމެއް، ކުރާންވީ ހިތާމަ ކަމެއް ނުވިސްނިގެންނެވެ. އެ ދުވަހަށް ފަހު ކެއުމާއި ހަސީނުގެ ސްކޫލުގެ ކަންކަމުގައި ހަސަންމަނިކު އެހީތެރިވަމުން ދިޔައެވެ. ބަދަލުގައި އަހަރެން ވެސް ފާތިމާގެ ކަންކަމުގައި އިސްވެ އުޅޭ މިންވަރު އިތުރުކުރީމެވެ.
ކިތައްމެ ނިކަމެތި ހާލުގައި އުޅެން ޖެހުނަސް ހަސީނަކީ ތޫނުފިލި ކުއްޖެކެވެ. ކޮންމެ ކުލާހަކުން އެއްވަނަ ހޯދައެވެ. ހަރަކާތްތަކުގައި އިސްވެ އުޅެއެވެ. ބޯޅަކުޅެއެވެ. ބޫޓެއް ނެތަސް އޭނާއަށް ފުދެއެވެ. ޝަކުވާއެއް ނުކުރެއެވެ. އޭނާގެ ކޮންމެ ކާމިޔާބީއެއް އަހަރެން ފާހަގަކުރަމެވެ. އޭނާ ބޭނުންވާ ގޮތަށެވެ. އެކުގައި ސަކަރާތް ޖަހަމެވެ. ހީނހަދަމެވެ. ދަނޑުފަނގުގައި ދުވަމެވެ. ވާރޭގައި ތެމި މޫދަށް އެރެމެވެ.
"ހަސީނު ބޭނުމީ ރިސޯޓަކަށްދާން! މުއްސަންޖަށްވާން." ހަސީނު ރިޕޯޓު ފޯމު ހިފައިގެން އައިސް ދިއްކޮށްލަމުން ބުނެލިއެވެ.
"އަދި ދަރިފުޅު ބޮޑެއް ނުވޭ." އަހަރެން ބުނެލީމެވެ.
"އަހަރެން ބޭނުމީ މުއްސަންޖަކަށްވާން. މާލެއިން ގެއެއް ގަނެލަން." ހަސީނު ދެ އަތް ފުޅާކޮށްލިއެވެ.
އަހަރެން ގާތަށް އައީ ލާނެތް ހިންޏެކެވެ. ހަސީނުގެ އުއްމީދުތައް ހުރި ހިސާބު އެނގުމުންނެވެ. ކުޑަކުޑަ ޖިފުޓިއަކުން ބޮޑު ގަނޑުވަރަކަށް ދާން ވިސްނާތީއެވެ.
"ދެން މަންމަޔޯ!"
"މަންމަ ހުންނާނީ މިގޭގައެއްނު. ބައްޕަގެ ގޭގައެއްނު." ހަސީނު ވިސްނައިލުމެއް ނެތި ބުނެލިއެވެ.
އަހަންނަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އިސާހިތަކު ކަރުނައިން ދެ ލޯ ފޯވިއެވެ. ގިސްލެވެންފެށުނެވެ.
"މަންމާ! އަހަރެން މުއްސަނދިވާން ބޭނުންވަނީ މަންމަ ބަލިވާތީ ރަނގަޅުކުރާށޭ."
އަހަރެންގެ ގާތަށް ހަސީނު ތިރިވިއެވެ. ދެ އަތުން ކަރުނަތައް ފޮހެލަދިނެވެ. އަހަންނަށް އޭނާގެ ގައިގައި ބައްދާލެވުނެވެ. އޮޅުލައިގަނެވުނެވެ. އަހަރެންގެ މުލައްދަނޑީގައި ހަސީނު ހިފިއެވެ. ބާރުބާރަށެވެ.
އަތަށްވީ ހިމުންތަދާއެކު ލޯ ހުޅުވާލެވުނެވެ. އަވަސްވެފައިވާ މަންޒަރުތައް ގެއްލުނެވެ. ހިތުގައި ކުރެހެމުންދިޔަ ޚިޔާލުތައް އަނދުނަށް ވެގެން ދިޔައެވެ. އަނެއްކާ ވެސް ލަސްލަހުން ހިންދިރުވާލެވުނެވެ. އިވެމުން ދިޔަ ހިމުން އަޑާއެކު ހަށިފުރާ ނޭވާއެއް ބޭރުކޮށްލެވޭތޯ ބެލީމެވެ. ނޭފަތާއި އަނގަޔާއެކުގައި އެއްޗެއް އޮތް ކަމުގެ އިހުސާސް ކުރެވުނެވެ. ހީވީ ރަނގަޅަށެވެ. ނޭވާ މި ލެވެނީ އޭގެ އެހީގައެވެ. ބޮލާ ދިމާގައި އެލުވާފައި ހުރި ފުޅިތައް ފެނުނެވެ. އަތަށް ތަދު އިހުސާސް މި ކުރެވުނީ އެހެންވީމައޭ ހިތަށް އެރިއެވެ.
އަނެއްކާ ވެސް ފުންނޭވާއެއް ބޭރުކޮށްލީމެވެ. އިސް އުފުލައިލެވޭތޯ ބަލައިލީމެވެ. ބާލީހުން ބޯ ހިއްލައިލެވޭ ގޮތެއް ނުވިއެވެ. އެކަން މަނާކުރީއެވެ.
"މި ވަގުތު އިހަށް ހަރަކާތް ނުކޮށް މަޑުކޮށްލާ!" އިވުނީ ފިރިހެން އަޑެކެވެ.
އެއީ ކާކު ހެއްޔެވެ؟ އަހަރެންގެ ހަސީނުގެ އަޑާ ހާދަ ވައްތަރު ގޮތެއް އެބަހުއްޓެވެ. ނޫނެކެވެ. އެއީ ހަސީނުގެ އަޑެއް ނޫނެވެ. ނަމަވެސް، ހާދަ ދަންނަ އަޑެކެވެ. އިވި ފަރިތަ އަޑެކެވެ. ދެން ކާކުގެ އަޑެއް ހެއްޔެވެ؟ ޚިޔާލުތައް އަވަސްވަމުން ދިޔައެވެ. މިފަހަރު އިވެނީ ހަމައެކަނި އަޑުތަކެވެ. އަވަސްވެފައިވާ މަންޒަރުތަކަކުން ކެނޑިކެނޑިގެން އިވޭ ކަހަލަ ގޮތަކަށެވެ.
އާއެކެވެ. އެއީ ހަމަ އެ އަޑެވެ. އަހަރެންގެ ހިތުގެ އަޑެވެ. ވިންދުގެ އަޑެވެ. ދުނިޔެއަކީ ބުރައަކަށް ނުވީ އެ އަޑުގެ ހިތްވަރުންނެވެ. އޭނާގެ ހަނދާންތަކުންނެވެ. އެއީ އިބްރާހިމްގެ އަޑެވެ. އަނެއްކާ އިބްރާހިމް އައީ ހެއްޔެވެ؟ އޭނާ މަރު ނުވަނީ ހެއްޔެވެ؟
"އިބްރާހިމް؟" އަހަންނަށް ލަސްލަހުން ބުނެލެނެވެ.
"ލައްބަ!"
އަހަންނަށް ލިބުނީ ބަޔާންނުކުރެވޭ ފަދަ އުފަލެކެވެ. ހިތްހަމަ ޖެހުމެކެވެ. ހަޔާތުގެ ހަތްތަރިން ގުނަމުން މިދާ އަހަރުތަކުގައި ޖަމާކުރެވިފައިވާ ހުރިހާ ޝަކުވާއެއް އެއްފަހަރާ ބަންޑުންކޮށްލަން ބޭނުންވިއެވެ. އިބްރާހިމާ ނުލައި އަހަރެން އުޅުނު ހާލެވެ. އެ ހިތްދަތި ދުވަސްތަކެވެ. ހަސީނުގެ ކަންކަމުގައި އުފުލި ވޭނެވެ. އޭނާ މަސަލަސްކުރާން ހަދަން ޖެހުނު ދޮގުތަކެވެ. ތަރުބަވީ އުނގުގައި އޭނާ އޮޅުކުރުމަށް، ކުރާން ޖެހުނު ކަންކަމެވެ. ހަސީނު ފުރައިވަރަށް އަޅައިގެން އައި ދުވަސްވަރެވެ. ރިސޯޓަށް ދިޔަފަހުން އަހަންނަށް ގުޅުން ކެނޑުނު ގޮތެވެ. ހަސީނު ހޯދަން އަހަރެން އުޅުނު ހާލެވެ. އޭނާ ގެއްލިގެން މާލެއައި އައުމެވެ. އެ މަންޒަރުތަކުގެ ތެރެއަށް ގެނބިގެން ދިޔައެވެ.
ހިތާ ދެކޮޅަށް ނަމަވެސް ހަސަންމަނިކު، އަހަރެން މާލެ ގެނެސްދިނެވެ. ފާތިމާ ނިޔާވިފަހުން އޭނާގެ ޚިޔާލު ވެސް ބަދަލުވީއެވެ. އަހަރެން މުޅީން އެކަނިވީމައެވެ. ތަކުރާރުކޮށް ކުރުނުކުރުމުންނެވެ. ބޯޓުން ނުފައިބާ އަހަރެން މަޑުކުރީމެވެ. ދާނެ ތަނެއް ވަންނާނެ ގެދޮރެއް ނޭނގިފައެވެ. ހަސަންމަނިކު ދިޔައީ ކުލީ ކޮޓަރިއެއް ހޯދުމަށެވެ. އޭނާ އެނބުރި އައެވެ. މޯޅިވެ ހަނދު އޮއްސިފައިވާ މޫނު ފެނިފައި ގޯހެއް ވެއްޖެކަން އިހުސާސްކުރެވުނެވެ. އަހަންނަށް އަހާކަށް ނުކެރުނެވެ. އަހަރެންގެ ގާތުގައި އޭނާ އިށީނެވެ.
"ހަރީރާ!" ލަސްލަހުން ހަސަންމަނިކު ބުނެލިއެވެ. "އުއްމީދެއް ނެތް އިންތިޒާރެއް ކުރުމަށް ވުރެ ރަނގަޅު ގޮތަކީ ހުސްއަތާ ދިޔުން."
އަހަރެންގެ ނޭވާ އަވަސްވިއެވެ. ހަސަންމަނިކު ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީއެވެ. އޭނާއަށް ކޮންމެ ވެސް ކަމެއް އެނގިއްޖެއެވެ. ކޮންމެ ވެސް ޚަބަރެއް ލިބިއްޖެއެވެ. އަހަރެން ކުރުނުކޮށް ކިޔާން ފެށުމުން ވީގޮތް އަކުރުން އަކުރަށް ކިޔައިދިނެވެ. އަހަރެން އަރު ބެދުނެވެ. ލޮލަށް ޖަމާވި ކަރުނަތައް ގަނޑުވިއެވެ. މުޅި މަންޒަރު އެކުގައި ފުސްވިއެވެ. ނޭވާ ހިފަހައްޓައިލައިގެން އެތައް އިރަކު އިނީމެވެ. އެންމެފަހުން، އަހަރެންގެ ދެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. އަހަންނަށް ހަމަ ބިމަށް އާދެވުނީ އެހައި ހިސާބުންނެވެ.
"އެއީ ހަސީނެއް ނޫން. އޭނާ އެހެން ނުހަދާނެ. ހަސަންބެ ނުދަންނަމެކޭ ނުބުނާނެ." އަހަންނަށް ހަސީނު ދިފާއުކުރީމެވެ.
އަހަރެން ކުރުނުކުރުމުން ކުލީ ކޮޓަރިއެއް ހޯދައިދިނެވެ. ހަސަންމަނިކުގެ އެހީތެރިކަމުގައި ހަސީނު އުޅޭ ގޭ ހޯދުމަށް އަހަރެން ދިޔައީމެވެ. މީހުން ގާތު އަހައި އޮޅުންފިލުވައިގެންނެވެ.
ދޮރުފަތުގައިވާ ފިއްތަކުން ފިތަކަށް ހަސަންމަނިކު ފިތައިލިއެވެ. އެތެރެއަށް ވަންނަންވީކަމުގެ އިރުޝާދު އިވުނެވެ. ހަސަންމަނިކު ފުން ނަޒަރަކުން އަހަރެންގެ މޫނަށް ބަލައިލިއެވެ. އޭނާ ބޮލުން އިޝާރާތްކުރިއެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ.
އެތެރެއިން ނުކުތީ ދެވަންފުރައިގެ އަންހެން ކުއްޖެކެވެ. އޭނާ ދިއްކޮށްލީ ފަންސާސް ރުފިޔާއެވެ. އަހަރެން ދެ ލޯ ބޮޑުވިއެވެ. ހަސަންމަނިކު ވެސް އަހަރެންގެ މޫނަށް ބަލައިލިއެވެ.
"ކޮއްކޯ ބޭބެމެން މިއީ ސަލާން ޖަހާ ބައެއް ނޫނޭ،" ހަސަންމަނިކުގެ ރަސްމީ ރާގުގައި ބުނެލިއެވެ. "ކޮއްކޮގެ ބައްޕައާ ބައްދަލުވެދާނެތަ؟"
"މީ ދުންޔާ! ބައްޕީވީ ދުބާއީގަ. މަންމީ އެބައުޅޭ." ދުންޔާގެ ވާހަކަދެއްކުމުގައި ހުރީ ކޮށި ގޮތެކެވެ.
އަހަރުމެންނަށް އިށީނުމަށް އިޝާރާތްކުރުމަށްފަހު އޭނާ ވަނީ އެތެރެއަށެވެ. އަހަންނަށް ބެލުނީ ގޭގެ އެތަން މިތަނަށެވެ. ހީވަނީ ބޮޑު ހަވޭއްޔެއް ހެންނެވެ. އަގުބޮޑެތި ފަރުނީޗަރެކެވެ. މާސިންގާ ބޮޑު ޓީވީއެކެވެ. ކާމިޔާބީގެ ރަމުޒުތަކާއި ހަނދާންތަކެވެ. ތަރުތީބުކަމުގެ އިންތިހާއެވެ. ސާފުކަމުގެ ދެވަނައެއް ނެތެވެ. މުރާލި އަތެއްގެ އޯގާތެރިކަމުގެ ނިޝާންތައް ކޮންމެ ތަނަކުން ވެސް ފާހަގަވެއެވެ.
އެތެރެއިން ނުކުތީ މެދު އުމުރުގެ އަންހެކެވެ. ގަދަޔަށް ދޫ ހުދުކުލައިގެ ޓީޝަރޓަކާއި ފައިކުރިފުޅާ ހަރުވާޅެއް ލައިގެން ހުރި އެ މީހާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އޭނާ ސޯފާގައި އިށީނެވެ. އެއްފައި މައްޗަށް އަނެއްފައި ލަމުން ހަމަޖެހިލިއެވެ. ސޯފާގެ އަރިމަތީގައި ދުންޔާ އިށީނެވެ. އޭނާގެ ނިތަށް ދެތިން ރޫ އަރުވައިލިއެވެ. ދެތިން ފަހަރަކު ކަޅި ޖަހައިލިއެވެ.
"މި އައީ ވަރަށް ބޮޑު ކަމަކު." ހަސަންމަނިކު ވާހަކަފެށިއެވެ.
"އަޅުގަނޑުމީ ޒިޔާދާ. ހަސީނުގެ އަންހެނުން." އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.
"ކޮބައިތޯ ހަސީނު؟" ހަސަންމަނިކު އަހައިލިއެވެ.
"ހަފުތާއެއްވަރު ފަހުން ރާއްޖެ އަންނާނީ. ދަރިފުޅު ބަލައި ގޮސްވީ،" ޒިޔާދާ ހިނިތުންވެލިއެވެ. "އަނެއްކާ އެހީއެއްދޭން ބުނެފަ ނުދީ އޮތީތޯ؟ ހަސީނު އެކަހަލަ ކަންކަމުގައި ވަރަށް ފަރުވާ ކުޑަވާނެ."
ހަސަންމަނިކު ފެށިއެވެ. ޒިޔާދާ އިނީ އަޑު އަހާށެވެ. އަހަންނަކީ ކާކުކަން ހަސަންމަނިކު ބުނެދިނެވެ. އަހަރެން އުޅުނު ދަތި ހާލާއި ހަސީނު ބޮޑުކުރުމަށްވީ ޤުރުބާނީގެ ވާހަކަތައް ކިޔައިދިނެވެ. ހަސީނު މާލެ ފޭބީއްސުރެ ހަސީނުގެ ޚަބަރެއްގެ އިންތިޒާރުގައި އަހަރެން ރޭދުވާ ގުނައިތާ އެތައް އަހަރެއް ވެއްޖެކަމާއި އެ މަންޒަރު ބަލަން އޭނާގެ ހިތަށް، ކެތް ނުވެގެން މާލެއަށް ގެނެސްދިނީ ކަމަށް ކިޔައިދިނެވެ.
"ހީކޮށްފާނެ އަހަރެން މިއައީ ހަސީނުގެ މުދާތަކުގެ ބޭނުމުގައޭ. ނޫން.. ނޫން." އަހަރެން ފެށީމެވެ.
ޒިޔާދާ އިނީ އަޑު އަހާށެވެ. އޭނާގެ ދެލޯ ކަރުނައިން ފުރޭ މަންޒަރު އަހަންނަށް ފެނުނެވެ. އޭނާ އެކަންޏެއް ނޫނެވެ. ދުންޔާ ވެސް މެއެވެ. އަހަންނަށް ވެސް ވީ އެވަރެވެ.
"އަހަރެން ބޭނުންވަނީ ހަމަ އެންމެ ފަހަރަކު ނަމަވެސް އޭނާއާ ބައްދަލުކޮށްލަން. ލޯބިން އޭނާގެ މޫނުގައި ފިރުމައިލަން. މި މަންމަ ލޯބިވާ ވާހަކަ ބުނެލަން." އަހަންނަށް ކުރިއަކަށް ނުގެންދެވުނެވެ.
(ނުނިމޭ)
Comment