Advertisement

ގާބިލު ނޫން ސިޔާސީންނަށް ވަޒީފާ ދިނުމާއި ބުޅަލުން ހެދިކާ ހެދުމާ އެއްފަދަ

23 އޮގަސްޓު 2024 - 12:15 1

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ގާބިލު ނޫން ސިޔާސީންނަށް ވަޒީފާ ދިނުމާއި ބުޅަލުން ހެދިކާ ހެދުމާ އެއްފަދަ

23 އޮގަސްޓު 2024 - 12:15 1

ބުޅަލު މަހުން ކާބޯތަކެތި ތައްޔާރުކުރާ މީހަކު ހައްޔަރުކުރުމުގެ ހަބަރާއެކު އެ ވާހަކަ ވެގެންދިޔައީ ގިނަ ބަޔަކު ފަކުރު ގަންނުވާލި ހާދިސާއަކަށެވެ. އެއީ ބުޅާ މަސްކަން މުޅިން ޔަގީންވެފައި ނުވާ ކަމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އިއްޔެ ހާމަކުރި ނަމަވެސް، އާންމުން މިތިބީ ބިރުންނެވެ. ސިހިގެންނެވެ. ފަކުރުގަނެގެންނެވެ. ކީއްވެތޯއެވެ! ބުޅަލަކީ ކަމުދާ އެއްޗަކަށް ނުވާތީއެއް ނޫނެވެ.

ބުޅަލަކީ އޮޅު ޖަނަވާރެކެވެ. އަހަރެމެންނާ އަވަށްޓެރި ޖަނަވާރެކެވެ. އަހަރެމެންގެ ލޮބުވެތި މާތް ނަބިއްޔާ ވެސް ބުޅާ ސިފަކުރައްވާފައިވަނީ އަހަރެމެންގެ ތެރެއަށް އައިސްގޮސްވެއުޅޭ މެހުމާނަކާ ދާދި އެއްގޮތަށެވެ. އޭގެ މަސް ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރުން އިސްލާމްދީނުގައި ހަރާމެވެ. އެހެންވީމާ މިކަމަކީ އަހަރެމެން އެންމެން ފަކުރު ގަންނަ ކަމަކަށްވެސްވީ އެވެ.

އާދޭހެވެ! ކޮންމެ އެއްޗަކަށް ވެސް އެއެއްޗެއް ހެއްދެވުނު މަގުސަދަކާއި ލެއްވުނު ތަބީއަތެއްވެ އެވެ. އަހަރެމެން ދިވެހިން ބުޅަލާމެދު ދެކޭ ފިތުރީ އުސޫލު ހަމަ ޔަގީނުން އަދި ބަދަލެއް ނުވެއެވެ. އެކަމަކީ އަޅުގަނޑު އިންތިހާއަށް އުފާކުރި ކަމެކެވެ. އެކަމަކު ދަންނަވަންތޯއެވެ؟ ރާއްޖެ މިދާ މިސްރާބުން ދާކަމަށް ވާނަމަ، މީގެ ސާޅީހަކަށް ފަންސާހަކަށް އަހަރު ފަހުން ބުޅަލު ހެދިކާ ބަޔަކު ހަދައިގެން ވިއްކާ ވާހަކައާއި ބަޔަކު އެކައިއުޅޭ ވާހަކައަކީ ފަކުރު ގަންނަ ބާވަތުގެ ކަމަކަށް ވުމަށްވުރެ ނުވުން ގާތެވެ. މިހެން މިދެންނެވީ އަތުއޮޅުމަކުން ޓައިޕްކުރެވިގެންނެއް ނޫނެވެ.

އަހަރެމެން ފަކުރު ގަންނަންޖެހޭ އަދި އަހަރެމެން ލަދުގަންނަންޖެހޭ ވަރަށް ގިނަ ކަންކަމާ މިހާރު ފަކުރުގަތުމާ ލަދުވެތިކަން ނުވާތީއެވެ. ބުޅަލު މަހު މައްސަލާގައި ހިލިގެންދިޔަ ފަކުރުގަތުމުގެ ތަބީއަތާއި ބާވަތަށް ބެލީމާ ފަކުރުގަތުމުގެ ތަބީއަތާއި އޭގެ ރުކުންތައް ފަހުމްވެ ދަސްވެގެންދާނެ އެވެ. މިސާލަކަށް ނަމަ ބުޅާ މަސް އަދި އެއްކައިރީގައި ބާއްވާފައި އާދަވެގެން އަހަރެމެން މީރުކޮށް ކައިއުޅޭ މުގުރިހަ ފާޑުގެ ރިހައެއް ވެސް މިސާލަކަށް ނަންގަވާށެވެ! ދެން ހިތްޕުޅަށް ގެންނަވާށެވެ. ތިޔަ ނުކުމެވަޑައިގަތީ އޮފީހަށް ވަޑައިގަތުމަށް ރަނގަޅަށް ނާނޭފުޅުފިއްލަވައިގެންނެވެ. ދެން ބޮލުގައި ރޭހުރި މުގުރިހަ ތެލިން އެތިފޮދެއް ނަންގަވާފައި ކްރީމެއްހެން މަޑުމަޑުން އިސްތަށިފުޅުގައި ލައްވާށެވެ! އެއަށްފަހު ދެން އޮފީހަށް ވަޑައިގަންނަވާށެވެ. ފަކުރުކަމަކަށް ނުވާނެތޯއެވެ؟ އާދޭހެވެ. ކިތަންމެ ރަނގަޅު އެއްޗެއް ނަމަވެސް އެއެއްޗެއް ބޭނުންކުރުން ލާމުނާސަބު ތަނުގައި، ނާއެކަށީގެންވާ ގޮތަށް ބޭނުންކުރުމަކީ ކަނޑައެޅިގެން ހުރި ފަކުރު ކަންކަމެވެ. އެބާވަތުގެ އެއްވެސް ކަމަކީ ތަރުހީބުދެވޭނެ ކަންކަމެއް ނޫނެވެ.

ދެދުވަހެއް ކުރީގެ ނޫސްތަކުން ބުޅަލު މަހުގެ ހަބަރު ފަދައިން ފެނުނު އެހެން ހަބަރަކަށް ނަޒަރެއް ދެމާތޯއެވެ؟ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން މައްސަލައެއް ނިންމާފައި ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވި ހަބަރެކެވެ. އޭސީސީން ބުނާ ގޮތުގައި ކޮވިޑް-19 ގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމުގައި އަމިއްލަ މަސްލަހަތު އިސްކޮށްގެން ބަޔަކު މުއްސަނދިވެ އެއިން ލާރިހޯދައިގެން އެލާރި ލޯންޑަރކުރިކަމަށް ބުނާ މައްސަލައެކެވެ. ކޮވިޑް-19 ފަދަ އާންމު ބަލިމަޑުކަމެއްގެ ތެރޭގައި އޭގެ ނާޖާއިޒު މަންފާގައި ލިބޭ ރުފިޔާ ފައިސާއާމެދު ފަކުރުގަތުމުގެ ތަބީއަތާ ގުޅޭ ޕްރިންސިޕަލްތައް ނުހިނގާނީތޯ އެވެ؟

ދަންނަވަންތޯއެވެ؟ ކޮވިޑް-19 ގެ ބަލިމަޑުކަމަކީ ދެ ދުވަހެއްގެ ކަމެއް ނޫނެވެ. ތިން އަހަރާ ހަމައަށް ދިގުދެމިގެންދިޔަ ބޮޑު އާލަމީ ވަބާއެކެވެ. އެބުނާ ޕީސީއާރަކުން އާންމުންގެ އަތުންނާއި އާންމުންގެ މަންފާއަށް ހުރި ދައުލަތުގެ ކަމާބެހޭ ހަޒާނާތަކުން ހޭދަކުރެވުނީ ކިހާ ފައިސާއެއް ކަމެއް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. ހަމަ ޔަގީން އެ އަދަދު އަންދާޒާ ކޮށްފައި ބުނަން އެނގޭނެ ވެރިޔަކު މިއުޑުދަށަކު ނެތެވެ. ހުރިނަމަ މިހާ ހިސާބަކަށް ގައުމެއްގެ ކަންތައް ދާނެތޯއެވެ؟

ހަމަ މިދެންނެވުނު ދެތިން އަހަރު ޕީސީއާރު ޓެސްޓްތަކާއި އެބުނާ އަމިއްލަ މަސްލަހަތަކާއި އޭގެ ވިޔަފާރިއަކާ ހިނގަމުންދިޔައީ ރޯމާ ދުވާލުގައި އެންމެންގެ ކުރިމަތީގައެވެ. ދައުލަތުގެ އިދާރާތަކެއް ހުއްޓެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނެއް އޭރުވެސް އޮތެވެ. ޕްރޮސިކިއުޓަ ޖެނެރަލެއް ހުއްޓެވެ. މިއިން ކޮންމެ ތަނެއްގައި ހުރި އިސްވެރިޔަކު އެހެންނާ އިސްވެރިން މިމައްސަލާގައި އެމީހެއްގެ އަމިއްލަ ނަފުސާމެދު ފަކުރުގަތުން އަޅެ ހައްގެއް ނޫންތޯއެވެ. ވާނެ ހައެތި ވެ ނިމުނީމާ ފަހަތުން ގޮސް މީދާކޭ އުނބެއް ހޫރާލީމާ އެއީ ދުސްތޫރީ މަސްއޫލިއްޔަތު އަދާވީ ކަމަށް ބަލަންވީ ހެއްޔެވެ؟

އެބާވަތުގެ ބޮޑު ވައްކަމެއް އެންމެ ޑޮކްޓަރަކާއި އެމްޑީއަކަށް އެކަނި ހިންގިދާނެކަމަށް ހަމަ އަހަރެމެން ގޮފަޅުން ވީ ގަބޫލުރާށެވެ! ކޮރަޕްޝަންގެ މައްސަލައެއް ބެއްޔަސް އެހެން ކަމެއް ކުރިޔަސް ކޮންމެ ސަރުކާރެއް އޮތަސް "އަތްނުލެވޭ" ބަޔަކު އެބަ ތިބެއެވެ. ގައުމެއްގެ ގޮތުގައި ފަކުރު ގަންނަންޖެހޭ މައްސަލައެއް ނޫންތޯއެވެ.

ދިވެހި ރައްޔިތުންނަށް ހައްގު މިންވަރަކީ، ކާބޯތަކެތި ވިއްކާ ތާކުން ބުޅާ މަސް ފެނުނީމާ އެކަން ކުރި މީހަކު ހައްޔަރުކުރުމެއް ނޫނެވެ. އެބާވަތުގެ ތަނަކުން ބުޅާ މަސް ފެނިގެން ނުވާނެ ގޮތް ހެދުމާއި، ކާބޯތަކެތީގައި މުންޑާއި ޖަނގިޔަލާއި އަޅާފައި ހުއްޓާ ފެނިގެންނުވާނެ ގޮތް ހެދޭނެ ގޮތަކަށް ދައުލަތް އިންތިޒާމުކޮށްގެން ބެލުމުގެ ސަބަބުން ލިބޭނޭ ފަދަ ރައްކާތެރިކަން ލިބުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެކެވެ.

ވަކި ސަރުކާރެއް ނޫނެވެ. މިދިޔަ ސަރުކާރު ހިމެނޭހެން އެތަކެއް ސިޔާސީ މަގާމުތަކެއްގައި އެއްވެސް ގޮތަކުން މަގާމާ ގާބިލު ނޫން މީހުން ތިބޭ މައްސަލައަކީ ބުޅަލު މަހުގެ މައްސަލަ ފަދައިން ދިވެހިން ފަކުރު ގަންނަންޖެހޭ މައްސަލައެކެވެ. ދިވެހި ގައުމު މިހާލަތަށް ވެއްޓެމުން ދިއުމުގެ އަސްލަކީ މަގާމަށް ކުފޫ ހަމަ ނުވާ މީހުން ސިޔާސީ މަންފާއަށް ސިޔާސީ ބޭނުމަށް މަގާމުތަކަށް ގެނެވޭ ގެނެވުމާމެދު އޭގެ ފިތުރަތާމެދު އަހަރެމެންގެ ވިސްނުން އިދިކޮޅަށް ޖެހިފައިވާތީ ވެގެން އުޅޭ ގޮތެކެވެ.

ތައުލީމީ ގާބިލުކަމެއް ތަޖުރިބާއެއް ނެތް މީހުން ބޮޑެތި މަސްއޫލިއްޔަތުތަކާ މަތިކޮށް ސިޔާސީ މަންފާއަށް އެހެންނާ މީހެއްގެ ހުރި ތިމާގެ ކަމަކަށް ބަލައިގެން މަގާމު ދިނުމާއި، ކުކުޅު މަހާ އެއްގޮތްކަމެއް ފެނިގެން ބުޅަލު މަހުން ހެދިކާ ހެދުމާ ހުރީ ކޮން ތަފާތެއް ތޯއެވެ؟ ކުފޫ ހަމަނުވާ މީހުން މަގާމުތަކުގެ މަސްއޫލިއްޔަތުއަދާކުރަން އެހެރަ ޖައްސާ ވައްތަރާމެދު ފަކުރު ނުގަންނާނީ ފަކުރުގަތުމުން އެއްބައި މަދުވެފައިވާ މީހެއް ނޫންތޯއެވެ؟ ހަމަ ގައިމު ދިވެހި ގައުމިއްޔަތު އެކަމާ ފަކުރުން އެބަ ހޮޑުލައެވެ.

މާތް ނަބިއްޔާ ހުންނެވީ އެތައް ބަޔަކު ހިމެނޭ މަޖިލީސެއްގައި ވާހަކަފުޅުދައްކަވާށެވެ. އެހެރަ އައީ ރަށްފުށުން އައި ބަދަވީއެކެވެ. އައިގޮތަށް އައިސް އެހެރަގެން ދެންނެވީ ގިޔާމަތް ވާނީ ކޮންއިރަކުންތޯ އެވެ. މާތް ނަބިއްޔާ އެކަމާ ބަސްފުޅެއް ވިދާޅުނުވެ، ވާހަކަފުޅު ކުރިއަށް ގެންދެވި އެވެ. ބައެއް މީހުން އެކަމާ ހައިރާންވެސްވިއެވެ. ސިއްރު ސިއްރުން ގާތުގައި އިން މީހާ ކައިރީ ބައެއް މީހުން ބުންޏެވެ. އެވާނީ އިތުރު އެކަލޭގެފާނަށް އިވިވަޑައިނުގަތީކަމަށެވެ. ބައެއް މީހުން ބުންޏެވެ. އިވި ވަޑައިގަތެވެ. އެކަމަކު އެސުވާލާމެދު ނުރުހުންތެރިވެވަޑައިގަތީއެވެ. ކަން ހިނގީ އެހެންނަކުންވެސް ނޫނެވެ. މާތް ނަބިއްޔާ ދައްކަވަމުން ގެންދެވި ވާހަކަފުޅު އެކީއެކަށް ނިންމަވާލައްވާފައި ހަދީސް ކުރެއްވި އެވެ. ގިޔާމަތާ ބެހޭ ގޮތުން ސުވާލުކުރި މީހާ ކޮބާހެއްޔެވެ؟ އެމީހަކު ތިމަން މިހުރީއޭ ދެންނެވީމެވެ. ޙަދީޘްކުރެއްވިއެވެ. އަމާނާތް ގެއްލިގެން ހިނގައްޖެނަމަ ދެން ގިޔާމަތަށް އިންތިޒާރުކުރާށެވެ. ދެންނެވުނެވެ. އަމާނާތް ގެއްލޭނީ ކިހިނަކުންހެއްޔެވެ؟ ހަދީސް ކުރެއްވި އެވެ. ކަންކަން އެކަމުގެ އަހުލުވެރިކަމެއް ނުވާ މީހުންނާ ހަވާލުކުރެވިއްޖެނަމަ ދެން ގިޔާމަތަށް އިންތިޒާރުކުރާށެވެ.

ބުޅަލު މަހުން ހެދިކާ ހަދާ ހިސާބަށް ދިއުމަކީ އަމާނާތް ގެއްލިފައިވާ ކަމުގެ ހެއްކެކެވެ. ދުވާލު މެންދުރު އެންމެނަށް ފެންނާނެ ފަދައިން ހިނގާ ކަމެއްގައި ވައްކަމެއް އުޅޭނަމަ އެކަން ކަމާބެހޭ އިދާރާތަކަށް އެނގެން ފަސް ހަ އަހަރު ނަގާނަމަ އެއީ އަމާނާތް ގެއްލިފައިވާ ކަމުގެ ހެއްކެކެވެ. ސިޔާސީ މަގާމުތައް ވަރުވަރުން އިތުރުވަމުންދާއިރު ދައުލަތުން ދެވޭ ޚިދުމަތުގައި ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަންކަން އެޔާ އެއްވަރަށް އިތުރުވަމުންދާނަމަ އެޔަކީ އަމާނާތް ގެއްލިފައިވާ ކަމުގެ ހެއްކެކެވެ. ފަކުރު ގަންނާންޖެހޭ އަދި ލަދު ގަންނާންޖެހޭ ކަންކަމަށް ފަކުރުގަތުމާއި ލަދުވެތިވުން ނުވާނަމަ، ހިއްސުތަކުން ވެސް ވަނީ މިހާރު އަމާނާތް ގެއްލިފައެވެ.