22 އޮގަސްޓު 2024 - 22:06 0
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ސަރުކާރުގެ އިސް ފަރާތްތަކުން އޯޝަން ކަނެކްޓް ޕްރޮޖެކްޓް ބޭކާރު ކަމަށް ބުނުމުން އިތުބާރު ގެއްލޭ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން ނާޝިމް / އަދަދު
22 އޮގަސްޓު 2024 - 22:06 0
ސަރުކާރުގެ އިސްފަރާތްތަކުން އޯޝަން ކަނެކްޓް ޕްރޮޖެކްޓަކީ ބޭކާރު މަސައްކަތެއް ކަމަށް ސިފަކުރުމުން، ސަރުކާރަށް ކުރާ އިތުބާރު ކުޑަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިސްފަރާތްތަކުން އޯޝަން ކަނެކްޓް ޕްރޮޖެކްޓަކީ ބޭކާރު މަސައްކަތެއް ކަމަށް ސިފަކުރުމުން، ސަރުކާރުގެ ސިޔާސަތެއް ނެތްކަމަށް އާއްމު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.
"ސަރުކާރުގެ އެކި ފަރާތްތަކުން، އެކި ފަހަރު އެކިގޮތަށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަމުން ދިއުމީ ސަރުކާރުގެ ޕްލޭނެއް ސިޔާސަތެއް ނެތްކަން ސާފުކޮށް ހާމަވެގެންދާ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.
ނަމަވެސް އޯޝަން ކަނެކްޓް ކުންފުނިން ރަސްމީ ބަޔާނެއް ނެރި، ކުންފުނި ވިއްކާލުމުގެ ވިސްނުމެއް ނެތްކަން ހާމާކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދެކޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެއީ ރާއްޖޭގެ އައިސީޓީ ސެކްޓަރުގައި މަސައްކަތްކުރާ ހުރިހާ ދިވެހި ވިޔަފާރިތަކަށާއި ފަންނީ ފަރާތްތަކަށް ލިބުނު ހިތްހަމަޖެހުމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ޑައިވާސިފައި ކުރުމަށް އެމްޑީޕީ ސަރުކާރުން ކުރި މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް އެ ބަޔާނުން "ފެހި" ސިގްނަލެއް ލިބުނު ކަމަށެވެ.
ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ މޯލްޑިވްސް އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) ސަބްމެރިން ކޭބަލް އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏަށް ވިއްކާލަން އުޅޭ ވާހަކަ އެ ކުންފުނިން ދޮގުކުރީ މިއަދެވެ.
އެ ކުންފުނިން ބުނީ ސޯޝަލް މީޑިއާގައި ކުންފުންޏާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރަމުން އަންނަނީ ސަރުކާރަށް އޮތް އިތުބާރު ގެއްލުވާލައި، ހަގީގަތް އާންމުންނަށް އޮޅުވާލަން ކަމަށެވެ.
އޯސީއެމް-އައިއޭއެކްސް ކޭބަލްގެ ނަމުން ނަން ދެވިފައިވާ ކޭބަލް ރާއްޖެއާ ގުޅާލުމުގެ މަސައްކަތް ކުރީ (އޯސީއެމް) އާއި އިންޑިއާގެ ޓެލެކޮމް ކުންފުނި ޖިއޯ ޓެލެކޮމް ގުޅިގެންނެވެ.
އިންޑިއާގެ ޖިއޯ ޓެލެކޮމް ކުންފުނިން ފްރާންސުގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ އެންމެ ޒަމާނީ ގިންތީގެ ސަބްމެރީން ކޭބަލް ވިއުގަ ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ސައިޓާ ގުޅާލީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ.
ކުރީ ސަރުކާރުގެ ޑިޖިޓަލް ރާއްޖޭގެ ސިޔާސަތުގެ ދަށުން ދައުލަތުން އިންވެސްޓުކޮށްގެން އެޅި އެ ކޭބަލްއަކީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމާއި ސްޕީޑު ހަލުވި ކުރުމާ އެކު، ޑޭޓާ އެކްސްޕޯޓު ފަދަ ވިޔަފާރިތަކަށް ހުޅުވާލުމުގެ މަގުސަދުގައި އެޅި ކޭބަލްއެކެވެ.
Comment