22 އޮގަސްޓު 2024 - 21:25 0
އަމަން ހަލީމް
އެމްޑީޕީގެ ލީޑާޝިޕު ނޫސްވެރިންގެ ބައްދަލުވުމުގައި: އެ ޕާޓީން ބުނީ ޕީޖީ ވަކިކުރަން އުޅެނީ ނުފޫޒު ފޯރުވަން ކަމަށް -- ފޮޓޯ: މިރާން ނާޝިމް/އަދަދު
22 އޮގަސްޓު 2024 - 21:25 0
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވަކިކުރުމުގެ މައްސަލައިގައި އޭނާ ޖަވާބުދާރީވާން މިއަދު ހާޒިރުކުރި ޖުޑީޝަރީ ކޮމިޓީ ސިއްރުކުރީ ގަވާއިދާ ހިލާފަށް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިރޭ ބުނެފި އެވެ.
ޕީޖީ ޝަމީމް ވަކިކުރަން އުޅޭ މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި، ޕީޕީއެމް/ޕީއެންސީ ސަރުކާރުން އޭނާ ވަކިކުރަން އުޅުން ކުށްވެރިކުރަމުން ވަނީ އެ ނިންމުން ބަދަލުކުރަން ގޮވާލާފަ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މަޖިލިސް ގަވާއިދުގައި އޮންނަ ގޮތުން މަޖިލީހުގެ ކޮމިޓީއަކުން އެ ކޮމިޓީއެއްގެ ބައްދަލުވުމެއް ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ނިންމޭނީ އެ ގަވާއިދުގައި ބަޔާންކުރާ ސަބަބުތަކުންކުރެ ސަބަބަކަށް އެ ބައްދުލުވުމެއް ފެތޭ ނަމަ އެވެ.
ނަމަވެސް، އެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް ކޮމިޓީގެ މުގައްރިރު ނިންމެވީ މަޖިލީހުގެ ގަވާއިދުގެ 46 ވަނަ މާއްދާގައި ކޮމިޓީއެއް ސިއްރުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރި ނުވަނީސް ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ޕީޖީ ވަކިކުރަށް ނިންމި ޖުޑިޝަރީ ކޮމިޓީ ރިޕޯޓުން ވެސް އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމި ސަބަބެއް އެގެން ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.
"ޕްރޮސެކިއުޓާ ޖެނަރަލްގެ މައްޗަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުން އާއްމުކޮށް ކުރައްވަމުން ގެންދެވި ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އާއްމުންނަށް ހުޅުވާލައިގެން ކޮމިޓީ ބާއްވައިދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ކުއްލި ގޮތަކަށް ޖުޑިޝަރީ ކޮމިޓީގެ އެ ބައްދަލުވުން ސިއްރުކުރުމަށް މަޖިލީހުގެ ގަވާއިދާ ހިލާފަށް އެ ކޮމިޓީން ނިންމި ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް، އަދި ޑިއު ޕްރޮސަސްއަށް ޖާގަނުދީ، ބަންދު ކޮޓަރިއެއްގައި އަވަސް އަރުވާލައިގެން ނިންމާފާއިވާ ނިންމުމެއް،" އެމްޑީޕީން ބުންޏެވެ.
ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ސުޕާ މެޖޯރިޓީ އޮތް މަޖިލީހުން މި މަސައްކަތް ހުއްޓާލަން ވެސް އެމްޑީޕީން ގޮވާލާފައިވެ އެވެ. ހަމައެހެންމެ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ބިރުދެއްކުމާއި ސިޔާސީ ނުފޫޒު ފޯރުވުމަށްކުރަމުންދާ ކަމަށް ތުހުމަތުކޮށް އެކަން ވެސް ހުއްޓާލަން ވެސް އެ ޕާޓީން ގޮވާލި އެވެ.
އެމްޑީޕީން މި ބަޔާން ނެރުނު ފަހުން ޝަމީމް ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ.
Comment