Advertisement

އޭޝިއަން ގޭމްސް އިން ރާއްޖޭގެ ފިރިހެން ޓީމަށް ވެސް ޖާގަ އެއް ކަށަވަރު ވެއްޖެ

22 އޮގަސްޓު 2024 - 22:36 0

ކ. ތުލުސްދޫ

އަތޫފް އާތިފް

އަތޫފް އާތިފް


އޭޝިއަން ގޭމްސް އިން ރާއްޖޭގެ ފިރިހެން ޓީމަށް ވެސް ޖާގަ އެއް ކަށަވަރު ވެއްޖެ

22 އޮގަސްޓު 2024 - 22:36 0

ކ. ތުލުސްދޫ

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފިރިހެން ޓީމުގެ ނަތީޖާ ރަނގަޅުވުމާއެކު, 2026 ވަނަ އަހަރު ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ސާފިންގެ ފިރިހެން ކެޓަގަރީގެ ސްލޮޓް ރާއްޖެ އަށް ކަށަވަރުވެއްޖެ އެވެ.

މި މުބާރާތުގެ ދެކުނު އޭޝިއާގެ އެއްވަނަ ރާއްޖެ އަށް ކަށަވަރުވެފައިވާއިރު, މުޅި އޭޝިއާ ސަރަހައްދުގެ ހަތަރުވަނަ ވަނީ ކަށަވަރުވެފަ އެވެ.

މިއަދު ކުރިއަށްދިޔަ ރައުންޑް ހަތަރެއް ފަހަނައަޅާ ރާއްޖޭގެ ހޫދު އަހުމަދު (ހޫބްސް) ކުއާޓާ ފައިނަލުގައި ވަނީ ވާދަކޮށްފަ އެވެ. ދެކުނު އޭޝިއާ ސަރަހައްދުން ދެން ކުއާޓާ ފައިނަލުގައި ވާދަކުރީ އިންޑިއާގެ ހާރިޝް މުތޫ އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގައި ވާދަކޮށް ހޫދު ދިޔައީ ތިންވަނަ އަށެވެ. މި ހީޓުގެ އެއްވަނަ ހޯދީ ފިލިޕީންސްގެ ޖޯން މާކް ޓޮކޮންގް އެވެ. އޭނާ ވަނީ އެންމެ ރަނގަޅު ދެ ރާޅުގައި 7.67 އަދި 7.00 ސްކޯކޮށް ޖުމްލަ 14,67 ސްކޯކޮށްފަ އެވެ. ދެވަނަ އަށް ދިޔަ ޖަޕާނުގެ ޓަކީ ކަނަޒަވާ ވަނީ 11.00 ސްކޯކޮށްފަ އެވެ. ހޫދު އަށް ލިބުނީ, 9.10 ގެ ސްކޯއެކެވެ.

ކުއާޓާގެ ދެވަނަ ހީޓުގައި އިންޑިއާގެ މުތޫ ރާޅާއެޅިއިރު, މުތޫ ހީޓުގެ ތިންވަނަ އަށް ދިޔައީ, 6.76 ގެ ސްކޯއަކާއެކުގަ އެވެ.

އެހެންކަމުން 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފިރިހެން ސާފިން ކެޓަގަރީގެ ސްލޮޓެއް ރާއްޖެ އަށް ކަށަވަރުވީ, ކުއާޓާގައި ހޫދުގެ ނަތީޖާ މުތޫގެ ނަތީޖާ އަށްވުރެ ރަނގަޅުވުމުންނެވެ.

ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމެނޭ ފުރަތަމަ އޭޝިއަން ގޭމްސް އެެވެ. އެ ތާރީހީ ގޭމްސްގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ސްލޮޓް ރާއްޖެ އަށް ކަށަވަރުވެފައިވާއިރު, އެ ގޭމްސް އަށް ދާނެ އެތުލީޓުން ނިންމާނީ ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.

މި ގޮތަށް ފުރުސަތު ދެނީ އެ މުބާރާތަށް އަދި ދުވަސް އޮތުމާއި ގުޅިގެން ވަކި ސާފަރަކު ހޮވުމުން އެ އެތުލީޓު މުބާރާތުގެ ކުރިން އަނިޔާއެއް ދިމާވެ، މުބާރާތުގައި ބައިވެރިނުވެވިދާނެ ތީ އެވެ.