Advertisement

މޫނު ބުރުގާ އަޅައިގެން ހުރުމުން ހުޅުދެލީ ކޯޓުން ވަޒީފާ ނުދިން

22 އޮގަސްޓު 2024 - 10:22 0

މޫސާ ނާޝިއު

މޫސާ ނާޝިއު


މޫނު ބުރުގާ އަޅައިގެން ހުރުމުން ހުޅުދެލީ ކޯޓުން ވަޒީފާ ނުދިން

22 އޮގަސްޓު 2024 - 10:22 0

މޫނު ބުރުގާ އަޅައިގެން ހުރުމުގެ ސަބަބުން ދ. ހުޅުދެލީ މެޖިސްޓްރޭޓު ކޯޓުން މީހަކަށް ވަޒީފާ ނުދިން މައްސަލައެއް ކުރިމަތި ވެއްޖެ އެވެ.

އެ މީހާ ކުރިމަތިލީ އެ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށެވެ.

އެ ކޯޓުން އޭނާއަށް ފޮނުވި މެއިލްގައި ބުނެފައިވަނީ ވަޒީފާ ފޯމާ އެކީ ހުށައަޅާފައިވާ ވަނަވަރުގައި މޫނު ބުރުގާ އަޅާފައި ހުރިކަން ފާހަގަކުރެވިފައިވާތީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ފުށުއަރާ ކަމަށެވެ.

އެ ރަށު ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ކުރިމަތި ލައިފައިވާ މީހާއަށް ދީފައިވާ ޖަވާބު


މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ހެދުން އަޅައިގެން ހުރެގެން ވަޒީފާ ނުދިނީ ހުޅުދެލީ ކޯޓުން އެކަންޏެއް ނޫނެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި އދ އަތޮޅާއި އއ އަތޮޅުގެ ބައެއް ކޯޓުތަކުން މި ސަބަބު ދައްކައި ވަޒީފާ ނުދޭން ނިންމާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެ ރަށު ކޯޓާއި އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަން ގެ ބަހެއް އަދި ނުލިބެ އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުން ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

އެމަނިކުފާނު ލިޔުއްވީ މީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ އަދާކުރުމުގައި ތަފާތުކުރުމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް ހުރި އުސޫލުތައް ބަދަލުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިސްލާމްދީނާއި ހިލާފު ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ." ރައީސްގެ ޕޯސްޓުގައިވެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަޒީފާގެ މާހައުލުގައި އެއްވެސް މީހަކު ތަފާތު ނުކޮށް އެންމެނަށް ވެސް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދޭނެ ކަމުގެ ވައުދާއެކީގަ އެވެ. އޭގެ ތެރޭގައި މީހަކު ހެނދުން އަޅާފައި ހުންނަ ގޮތަކުން ވަޒީފާއަށް ޝަރުތު ހަމަނުވުން ހިމެނެ އެވެ.