Advertisement

އޭޝިއަން ގޭމްސްގެ އަންހެން ސާފިން ބަޔަށް ރާއްޖެ ކޮލިފައިވެއްޖެ

21 އޮގަސްޓު 2024 - 21:03 0

އަތޫފް އާތިފް

އަތޫފް އާތިފް


އޭޝިއަން ގޭމްސްގެ އަންހެން ސާފިން ބަޔަށް ރާއްޖެ ކޮލިފައިވެއްޖެ

21 އޮގަސްޓު 2024 - 21:03 0

ޖަޕާނުގައި 2026 ވަނަ އަހަރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ އަންހެން ސާފިންގައި ސައުތު އޭޝިއާ އަށް ލިބޭ ސްލޮޓް ރާއްޖެ އަށް ކަށަވަރުވެއްޖެ އެވެ.

މި ސްލޮޓް ރާއްޖެ އަށް ކަށަވަރުވީ، މިއަދު ކުރިއަށްދިޔަ އަންހެން އޯޕަން ބައިގެ ހީޓުތަކުން ރާއްޖެއާ އެކު, ދެން ވާދަކުރި އިންޑިއާ އަދި ސްރީ ލަންކާގެ އެތުލީޓުން ވާދަކުރި ހީޓުތަކުގެ ފުލަށް ދިޔުމުންނެވެ.

މިއަދު ކުރިއަށްދިޔަ ހީޓުތަކުގެ ތެރެއިން ރާއްޖޭގެ އާޔާ ވާދަކުރީ ފުރަތަމަ ހީޓުގަ އެވެ. މި ހީޓުގައި ވާދަކޮށް އާޔާ ވަނީ ހީޓުގެ ތިން ވަނަ ހޯދައިފަ އެވެ. ތިން ވަނަ އާޔާ އަށް ލިބުނީ 4.20 ސްކޯ ކޮށްގެންނެވެ. މި ހީޓުގެ އެއް ވަނަ ހޯދީ ޖަޕާނުގެ އަންރީ މަޓްސްނޯ އެވެ. އޭނާ ވަނީ 13.17 ސްކޯ ކޮށްފަ އެވެ. ދެ ވަނަ އަށް ދިޔައީ، ވިއާ އެސްޓްރެލަންޑޯ އެވެ. އޭނާ ވަނީ 10.67 ސްކޯކޮށްފަ އެވެ.

ހީޓުގެ ތިން ވަނަ އަށް ދިޔުމުން އާޔާ އަށް މި މުބާރާތުގައި އިތުރަށް ކުރިއަށްދިޔުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެކަމަކު، ދެކުނު އޭޝިއާ ސަރަހައްދުން އޭޝިއަން ގޭމްސް އަށް އެތުލީޓަކު ނެގުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ލިބިފަ އެވެ. އެއީ ދެން ދެކުނު އޭޝިއާ އިން ވާދަކުރި ލަންކާ އަދި އިންޑިއާ ސާފަރުން ވާދަކުރި ހީޓުތަކުގެ ފުލަށް ދިޔުމުންނެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން އާޔާ ބުނީ, މި ފަހަރުގެ މުބާރާތުގައި މޮޅެތި އެތުލީޓުންނާ ވާދަކުރުމުގެ ފުރުސަތު ލިބުމުން އެކަމާ ހިތްހަމަ ޖެހިފައިހުރި ކަމަށެވެ.

މީގެ އިތުރުން, ރާއްޖޭގެ އަންހެން ސާފިން ކުރިއަރަމުން އަންނަ ކަމަށާއި، އެކަމަކު އަދިވެސް އަންހެން ސާފަރުން ގިނައިން މި ކަހަލަ މުބާރާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށް އާޔާ ގަބޫލުކުރެ އެވެ.

ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމެނޭ ފުރަތަމަ އޭޝިއަން ގޭމްސް އެެވެ. އެ ތާރީހީ ގޭމްސް އަށް ރާއްޖެއިން ދާނެ އަންހެން ސާފަރަކު ނިންމާނީ ރާއްޖޭގެ ސާފިން އެސޯސިއޭޝަނުންނެވެ.

މި ގޮތަށް ފުރުސަތު ދެނީ އެ މުބާރާތަށް އަދި ދުވަސް އޮތުމާއި ގުޅިގެން ވަކި ސާފަރަކު ހޮވުމުން އެ އެތުލީޓު މުބާރާތުގެ ކުރިން އަނިޔާއެއް ދިމާވެ، މުބާރާތުގައި ބައިވެރިނުވެވިދާނެ ތީ އެވެ.