21 އޮގަސްޓު 2024 - 13:49 0
އަހުމަދު އާއިދު
ރީޖަނަލް އެއާޕޯޓްސްއިން ޔޫއޭއީގެ ދެ ކުންފުންޏެއް ކަމަށްވާ އެއާ ޝެޓާއު އަދި ވިންގްސް ކެޕިޓަލް މެނޭޖުމެންޓާއެކު ހެދި ޖޮއިންޓް ވެންޗާގައި ސޮއިކުރަނީ --- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް
21 އޮގަސްޓު 2024 - 13:49 0
ސަރުކާރު ހިއްސާވާ ކުންފުނި، ރީޖަނަލް އެއާޕޯޓްސް އިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އެ ކުންފުނިން މި ހިދުމަތް ދޭން ޝައުގުވެރިކަން ފާޅުކުރީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ދެ ކުންފުންޏެއް ކަމަށްވާ އެއާ ޝެޓާއު އަދި ވިންގްސް ކެޕިޓަލް މެނޭޖުމެންޓާއެކު ހެދި ޖޮއިންޓް ވެންޗާ (ޖޭވީ) އެއްގެ ދަށުންނެވެ.
އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށާއި ފަތުރުވެރިން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ޓްރާންސްޕޯޓު މިނިސްޓްރީން ހުޅުވާލީ މި މަހު ހައެއްގަ އެވެ.
އެ އިއުލާނުގެ ދަށުން އީއޯއައި ހުށަހަޅާފައިވާކަން، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް ޔޫއޭއީގެ ދެ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ތަފުސީލެއް ނުދެއްވަ އެވެ.
ޓްރާންސްޕޯޓުން މި އަހަރު ކުރި އިއުލާނުގެ މުއްދަތު އޮގަސްޓު 19، އަށް ހަމަވެފައިވާއިރު އިތުރު ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެ އިއުލާނުގައި މިނިސްޓްރީން ބުނީ މި މަސައްކަތަށް ހޯދަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގައި ކުރިމަތިވާނެ ދަތިތަކާއެކުވެސް ރައްކާތެރި އަދި ރަނގަޅު ހިދުމަތެއް ދޭނެ ފަރާތެއް ކަމަށެވެ.
މި ސަރުކާރުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށް އެކަމަށް "ވަރަށް އަވަހަށް" ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނީ ޖެނުއަރީ 28، ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މާޗު 15، ގައި ވަނީ އެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލިކޮޕްޓަރުގެ ހިދުމަތް ދޭން ފެށުމަށްޓަކައި ގާނޫނީ ލަފާ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު މުހައްމަދު އަމީން މެއި 20، ގައި ވިދާޅުވީ ހިދުމަތް ފެށުމަށް ތައްޔާރުކުރަން ޖެހޭ އާރްއެފްޕީއައި (ރިލަޔަބިލިޓީ، އެވެއިލަބިލިޓީ، މެއިންޓެއިނަބިލިޓީ އެންޑް ސޭފްޓީ އިންޑިކޭޓާ) އެކުލަވައިލުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި ކަަމަށާއި އެ އުސޫލު ގެޒެޓް ކުރުމުން، ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަޔަކު ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. އޭރު ބަޔަކު ހޯދުމަށް އިއުލާނެއް ނުކުރެ އެވެ.
Comment