Advertisement

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނުން މައްޗަށް

21 އޮގަސްޓު 2024 - 10:01 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަހަރުގެ މިހައިތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޗައިނާއިން --- ފޮޓޯ: އަދަދު


ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނުން މައްޗަށް

21 އޮގަސްޓު 2024 - 10:01 0

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަން ފަހަނައަޅައި ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،304،235 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 1.2 މިލިއަން ފަތުރުވެރިންނެވެ.

އަހަރުގެ މިހައިތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޗައިނާއިންނެވެ. ދެވަނައިގައި ރަޝިޔާ އޮތްއިރު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ އޮތީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ހަވަނައިގަ އެވެ. މިމަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ޒިިޔާރަތް ކޮށްފައި ވަނީ 77،326 ފަތުރުވެރިންނެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 209،198 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އެވަރެޖުކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަ ކުރެ އެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކުރާ 62،740 އެނދު ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރީގެ ހިސާބުތަކުން ދައްކަ އެވެ.

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރުމާ ގުޅިގެންނެވެ. އެ މައްސަލަ ބޮޑުވެ ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރިންނާއި އިންޑިއާގެ މަގުބޫލު ކްރިކެޓު ކުޅުންތެރިން ރާއްޖެއާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ވެސް ކުރި އެވެ.

އެ މައްސަލައިގައި ސަސްޕެންޑު ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ތިބީ މުސާރަ ހިނގާ ގޮތަށް ގޭގައި ބައިތިއްބާފަ އެވެ.