Advertisement

ނޫމަޑި މައްސަލާގައި ރައީސް މުއިއްޒާ ކޮމިޝަނަރު ކުރިން ބައްދަލުކުރި ވާހަކަ ދޮގުކޮށްފި

19 އޮގަސްޓު 2024 - 16:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: ނޫމަޑި މައްސަލައިގައި އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ނޫމަޑި މައްސަލާގައި ރައީސް މުއިއްޒާ ކޮމިޝަނަރު ކުރިން ބައްދަލުކުރި ވާހަކަ ދޮގުކޮށްފި

19 އޮގަސްޓު 2024 - 16:43 0

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އާއި ދިވެހި ސަރުކާރާ ދެމެދު އޮތް އެއްބަސްވުމެއްގެ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ބައްދަލުކުރި ވާހަކަ ދޮގުކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި އޮތް ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުންތައް ބާތިލުކުރީ، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރަކަށް ރައީސް މުއިއްޒު ހުންނަވައިގެންނެވެ.

އެއްބަސްވުންތައް ބާތިލު ކުރުމުން އެ ކުންފުނިން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ދިޔުމުން ރައީސް މުއިއްޒު އާބިޓްރޭޝަނުގައި އެ ކުންފުންޏާ އެއްކޮޅަށް ހެކިބަސް ދިން ކަމަށްވެ އެވެ.

ޔާމީން މިހާރު ހިންގަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ އެ މައްސަލާގައި އޭރުގައި ހުސައިން ވަހީދާއި މިހާރުގެ ކޮމިޝަނަރު އަލީ ޝުޖާއު ބައްދަލުކުރަން ވަޑައިގެން ވާހަކަ ދެއްކެވި ކަމަށެވެ.

"ނޫމަޑި މައްސަލާގައި އެންމެ ފުރަތަމަ 300 ހައުސިންގ ޔުނިޓް ކަންތަކުގައި ޑރ. މުއިއްޒު ގުޅުއްވީ އަޅުގަނޑަށް، އަޅުގަނޑު ދިއައީ މިހާރުގެ ކޮމިޝަނަރު ގޮވައިގެން އެބޭފުޅާއާ ބައްދަލުކުރަން،" ބައްދަލުވުމުގެ އިތުރު ތަފްސީލެއް ނުދެއްވައި ހުސައިން ވަހީދު ވިދާޅުވި އެވެ.

ހުސައިން ވަހީދުގެ އެ ވާހަކަތަކާ ގުޅިގެން މިހާރުގެ ކޮމިޝަނަރު އަލީ ޝުޖާއު ސޮއިކުރައްވައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ލެޓާހެޑާއެކު ނެރުއްވި ކުރު ބަޔާނެއްގައި ވަނީ ހުސައިން ވަހީދު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"ނޫމަޑި މައްސަލައާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާ އެކު އެއްވެސް ފަރާތަކާ އެކު އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ވާހަކަ ކަށަވަރުކަމާއެކު ދަންނަވަން،" ކޮމިޝަނަރުގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، މަޖިލީހުގެ ކޮމިޓީއަކަށް ވެސް ރައީސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރި އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެއްވެސް ޖަވާބެއް އެމަނިކުފާނު އެ ދުވަހުގެ ކޮމިޓީގައި ނުދެއްވަ އެވެ.

މިއާއެކު އެ މައްސަލަ ބެލުމަށް ފުލުހުުންގެ އިދާރާއަށް މަޖިލީހުން އަންގަން ވެސް އެންގި އެވެ. ފުލުހުން މައްސަލަ ތަހުގީގުކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން މުއިއްޒުގެ މައްޗަށް އެ ދައުވާކޮށް ކޯޓުގައި މައްސަލަ ވެސް ހިނގި އެވެ.

ޝަރީއަތުގައި މުއިއްޒު ވަނީ ބަޔާނެއް ދެއްވި ކަމަށް ވެސް އިންކާރުކުރައްވައިފަ އެވެ. އެ މައްސަލައިގައި ކޯޓުން ހުކުމް ކުރީ ދޮގު ބަޔާނެއް ދިން ކަން، ދައުލަތުން ހުށަހެޅި ހެކިތަކުން ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.

ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލުކުރި މައްސަލާގައި އޭރުގެ ސަރުކާރުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑިއަށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދިނެވެ. މިއކޯޓުން ބޭރުން ވެވުނު އެއްބަސްވުމެއްގެ ދަށުން ދައުލަތުން ދިން އެންމެ ބޮޑު ގެއްލުމުގެ ބަދަލެވެ.