21 އޮގަސްޓު 2024 - 03:47 28
އައްޒާމް އަލިފުޅު
21 އޮގަސްޓު 2024 - 03:47 28
ރާއްޖޭގެ އެންމެ އުންމީދީ ބެޑްމިންޓަން ތަރި، އުމުރުން 22 އަހަރުގެ، ނިބާލް އަހުމަދު، އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްގެ ފައިސާ އާއި ނިބާލް އަށް އެކި ގޮތްގޮތުން، ލިބެންޖެހޭ ފުރުސަތުތަކަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އިހުމާލުވެފައިވާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.
ދާދި ފަހުން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލުކޮށްފަ އެވެ. މި ނިންމުން މި ގޮތަށް އައިސްފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ ހިންގާ ބޯޑުގެ މުއްދަތު ހަމަވިތާ ފަސް މަސް ފަހުންނެވެ.
މި ފަސް މަސް ތެރޭ، ސްޕޯޓްސް ކޮމިޝަނަރު ތޮލާލް، ތަކުރާރުކޮށް ދިން މުހުލަތުގައި ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން، ކަންކަން ނިންމާފައިނުވާތީ، އެންމެ ފަހުން، އެ އެސޯސިއޭޝަން ސްޕޯޓްސް ކައުންސިލް ދަށަށް ގެނައީ އެވެ.
އެ ނިންމުމަށް ތާއީދުކޮށް، ސޯޝަލް މީޑިއާގައި ޝޫއުރުފާޅުކުރި އެއް ކުޅުންތެރިއަކީ، ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނިގެން ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އައި ނިބާލް އެވެ.
ނިބާލް ލިޔުނު ޕޯސްޓެއްގައި ބުނެފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އޮތް، މުއްދަތު ހަމަވެފައިވާ ކޮރަޕްޓް، ހިންގާ ކޮމިޓީ މަގާމުން ދުރަށް ދިއުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ، ބެޑްމިންޓަނުގެ ރަނގަޅަކަށް ކުރަން ޖެހޭ ކަމެއް ކަމަށާއި މިހާރު ރާއްޖޭގެ ބެޑްމިންޓަންގެ ހާލަތު ވެއްޓިފައި ހިސާބަށް ބަލާއިރު، އެ ކުޅިވަރަށް އެންމެ ބޮޑު ގެއްލުމެއް ދިނީ، އެސޯސިއޭޝަންގެ އެ ހިންގާ ކޮމިޓީން ކަމަށް ނިބާލް ވަނީ ބުނެފަ އެވެ.
ނިބާލް، ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓް.
އޭގެ ފަހުން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ނިބާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަނުން އޭނާގެ އެކި ކަންކަމުގައި ވެފައިވާ އިހުމާލުތަކުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން، ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓުންނަށް އެ އެވޯޑް ކުރީ 2022 ވަނަ އަހަރު އެވެ. އެ ސްކޮލާޝިޕް ހަަމަޖެހުމުން، ނިބާލް ވަނީ، 2022 ވަނަ އަހަރު މެއި މަހު ދުބާއީ އަށް ޓްރެއިނިން އަށް ގޮސްފަ އެވެ.
އެ ފަހަރު، ހަ މަސް ދުވަހު، ދުބާއީގައި ޓްރެއިނިން ކުރިއަށްގެންދިޔަ، ނިބާލް، ގައުމީ މުބާރާތްް ކުޅެން އައިސް، ޖެހިޖެހިގެން ތިން އަހަރު ގައުމީ ސިންގަލްސް ފައިނަލުން ބަލިވެފައި އޮތުމުގެ މާޔޫސްކަމުން އަރައިގަނެ، ގައުމީ ތަށި ހޯދި އެވެ.
އެ ކާމިޔާބީ އަށް ފަހު، ނިބާލް ވިސްނައިގެން ހުރީ އަނެއްކާ ވެސް ރާއްޖޭން ބޭރުގެ ޓްރެއިނިން އަށް ދިއުމަށެވެ. އެއީ، އޭނާ ހުރީ، މަހަކު 1500 ޑޮލަރު ލިބޭ، ޕެރިސް އޮލިމްޕިކްސްގެ ސްކޮލަޝިޕެއްގައި ކަމަށްވާތީ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް ޝާކިރު (ކ) އާއި ނިބާލް (މ) އަދި އޮލިމްޕިކް ކޮމީޓީގެ ރައީސް ސައްތާރު، ނިބާލްގެ ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްގައި ސޮއިކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
ކޮންމެ ހަތަރު މަހަކުން، އޮލިމްޕިކް ކޮމިޓީން އޮލިމްޕިކްސް ސްކޮލަޝިޕްގެ ފައިސާ (1500 ޑޮލަރުގެ މަގުން، 6000 ޑޮލަރު) އެސޯސިއޭޝަނަށް ޖަމާކުރުމުން، އެސޯސިއޭޝަނުން ބަރާބަރަށް ކުޅުންތެރިޔާގެ ކަންކަން ރާވަން ޖެހޭ ގޮތަށް އެއްބަސްވުމުގައި އޮވެ އެވެ.
އެކަަމަކު، 2022 ގައި ދުބާއީ ޓްރެއިނިން އަށް ފަހު، ރާއްޖެ އައި ފަހުން، ނިބާލް އަށް ވަކިން، ރާއްޖޭން ބޭރުގައި އެއްވެސް ޓްރެއިނިން އެއް ނުލިބެ އެވެ.
ނިބާލަކީ، މިދިޔަ އަހަރުން ފެށިގެން، މިދިޔަ ސަރުކާރުން ދޭން ފެށި ކުޅިވަރު ސްކޮލަޝިޕް، "އަރުތަ" ވެސް ލިބިފައިވާ އެތުލީޓެކެވެ. އަދި އޭޝިއަން އޮލިމްޕިކް ޕްރޮޖެކްޓް (އޭއޯޕީ)، ސްކޮލަޝިޕްގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ. އެއީ، އޭޝިއާގެ އަރަމުން އަންނަ 20 އެތުލީޓަކަށް ދޭ ސްކޮލަޝިޕެކެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ސުވާލަކީ، ތިން ސްކޮލަޝިޕް ހަމަޖެހިފައި އޮތް އެތުލީޓެއް، ކެރިއަރުގައި ކުރިއަށްދާން ބޭނުންވާ ދުވެލީގައި ނުދެވި، ހުއްޓިފައި އޮތް ސަބަބު ދެނެގަތުމެވެ.
ދިމާވަމުން އަންނަ ކަންކަމުގެ މައްސަލަ ބޮޑުވާން ފެށީ، ބީއޭއެމް އިން ނިބާލަށް އެންމެ އެކަށީގެންވާ ގޮތަށް މައުލޫމާތު ނުދީ ކަންކަން އޮޅުވާލަން ފެށުމުންނެވެ. އެކަން، އެންމެ ބޮޑަށް ހިނގަން ފެށީ މިދިޔަ އަހަރު ތެރޭގަ އެވެ.
އެ ގޮތުން، 2023 ވަނަ އަހަރު ޖެނުއަރީ މަހު، ބެޑްމިންޓަން އެސޯސިއޭޝަނުން ބައްދަލުވުމެއް ބާއްވައި، ނިބާލަށް ރާއްޖޭން ބޭރުން، ސްކޮލަޝިޕްގެ ތެރެއިން، ޓްރެއިނިން ހާއްސަކޮށްގެން ދިނުމުގެ ބަދަލުގައި، ނިބާލް ވެސް ހިމެނޭ ގޮތަށް، ހުރިހާ ކުޅުންތެރިންނަށް އެންގީ، މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސް އަށް އަމާޒުކޮށް، ދެކުނު ކޮރެއާ އިން ފެންވަރު މަތީ ކޯޗެއް ގެންނަ ކަމުގެ ވާހަކަ އެވެ.
މިދިޔަ އަހަރުގެ ދެ ގޭމްސް އަށް ކަމަށް ގެނައި ކޮރެއާގެ ކޯޗު، ޖަންގް ކީ ޔޫން އަދިވެސް ހުރީ ގައުމީ ޓީމުގަ އެވެ. ކޯޗު ކީ ޔޫން ގެނައީ، ސްޕޯޓްސް މިނިސްޓްރީން ވެސް މުސާރަ ހަަމަޖައްސައިދޭ ގޮތަށް ކަމަށް މީގެ ކުރިން، އެސޯސިއޭޝަނާއި މިނިސްޓްރީން ވެސް ބުނެފައިވެ އެވެ. އެކި މަސްދަރުތަކުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޯޗުގެ މުސާރަ 5000 ޑޮލަރަށް ވުރެ ބޮޑެވެ.
އެކަަމަކު، ފެންނަން ހުރި ކަންކަމަށް ބަލާއިރު، އުސޫލާ ހިލާފަށް ނިބާލްގެ ސްކޮލަޝިޕް ފައިސާ ވެސް ކޯޗުގެ މުސާރަ ދޭން ބޭނުންކޮށްފައިވެ އެވެ.
ނިބާލް ބުނީ، ދިމާވި މައްސަލަތަކާ މެދު ވިސްނައި، ހިނގަމުން އަންނަ އޮޅުވާލުވުމުގެ ކަންކަމުގެ ފުންމިން އޭނާ އަށް އެނގުނުއިރު، އެސޯސިއޭޝަނުން ވަނީ ގިނަ ގޯސްތަކެއް ހަދާފައި ކަމަށެވެ.
އެ ގޮތުން، އެއް ކަމަކަށް، "އަރުތަ" އާއި އޮލިމްޕިކްސް ސްކޮލަޝިޕުން ވެސް ލާރި ނަގައިފައިވާކަން އެނގިގެންދިޔަ ކަމަށް ނިބާލް ވަނީ ބުނެފަ އެވެ.
"މި އަހަރު، ލަންކާ އަށް ދާން ވެސް، އެކޮމަޑޭޝަން ކަންކަމަށް އެދުނީ، އެސޯސިއޭޝަން ކައިރިން މި އެހީ، އޮލިމްޕިކްސް ސްކޮލަޝިޕް ލިބިފައި އޮއްވައި އަރުތައިގައި އަމިއްލަ ހަރަދުގައި ދާން ތިބުނަނީ ކީއްވެހޭ. އެހެން އެޕްރޯޗްކުރީމަ ބުނީ، ފުރަތަމަ ބުނީ، އޮލިމްޕިކް ކޮމިޓީން ލާރި ނުދެޔޭ، ދެން އޮލިމްޕިކް ކޮމިޓީން މައުލޫމާތު ހޯދީ، ހޯދީމަ ބުނީ ހަތަރު މަހުން ހަތަރު މަހުން ފައިސާ ދޭ ކަމަށް،" ނިބާލް ކިޔައިދިނެވެ.
"ދެން، އެ ވާހަކަ އެސޯސިއޭޝަނަށް ހިއްސާކުރީމަ، މި ބުނީ، ކޯޗަށޭ މި ހަރަދުކުރަނީ އެ ފައިސާ އިން، ދެން ނިބާލް ބުނިން، މިއީ ކޮންޓްރެކްޓްގައި އޮންނަ ގޮތެއް ނޫނޭ، ކޯޗަށް ހަރަދުކުރެވޭނީ ވަކިން ނިބާލް އަށް ކޯޗުކޮށްދޭނަމައޭ. ދެން އެސޯސިއޭޝަނުން ބުނީ، މިނިސްޓްރީން ވަކިވަރެއް ލާފައި، ނިބާލްގެ ފައިސާ އިން ވަކި ވަރެއް ލާ ގޮތަށޭ މި ހަދަނީ،"
ބެޑްމިންޓަން އެސޯސިއޭޝަނުން ރާއްޖޭގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތެއްގެ ކުރިން އޮތް ނޫސްވެރިންގެ ބަައްދަލުވުމެއްގެ ތެރެއިން ނިބާލް ވާހަކަ ދައްކަނީ،--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
ބެޑްމިންޓަން އެސޯސިއޭޝަނުން ދައްކާ ވާހަކަތައް އެކި ފަހަރު އެކި ގޮތަށް، ދެކޮޅު ނުޖެހޭ ގޮތަށް ހުންނާތީ، ނިބާލް ވަނީ، އޭނާ އަށް ސްކޮލަޝިޕް ހަމަޖެހުނު ހިސާބުން ފެށިގެން، އެހާތަނަށް ކުރި ހަރަދުތަކުގެ ތަފްސީލް ހޯދުމަށް މިދިޔަ އަހަރު ފަހުކޮޅު ނިންމައިފަ އެވެ. އެހެންވެ، އެ ކަމަށް އެދި ސިޓީއެއް އެސޯސިއޭޝަނަށް ފޮނުވި އެވެ.
ފުރަތަމަ، ބެޑްމިންޓަން އެސޯސިއޭޝަނުން އެ ހަރަދުތަކުގެ ތަފްސީލް ދޭން ދެކޮޅު ހެދީ، އެސޯސިއޭޝަން އޮޑިޓް ކުރަމުން އަންނަ ދުވަސްކޮޅު ކަމަށް ބުނެ އެވެ. އެކަމަކު، ތަކުރާރުކޮށް، ނިބާލް، އޭނާ އަށް ހައްގުވާ މައުލޫމާތުތަކެއް ހޯދަން އެދުމުން، އެސޯސިއޭޝަނުން ދޫދިނުމަށް ފަހު، އެ ހަރަދުތަކުގެ ޝީޓް ނިބާލްއާ ހިއްސާ ކުރި އެވެ. އެ ޝީޓް ހިއްސާކުރަން ވެސް ދެތިން މަސް ހޭދަވި އެވެ.
އެ ހަރަދު، ޝީޓުން ފެނުނު މަންޒަރަކީ، އަވަސް އަރުވާލަން ހަދައިގެން، ފޮރުވަން އުޅެ، ނުފޮރުވި ހުރި، އެތައް އިހުމާލުތަކެކެވެ.
އެ ޝީޓްގައި ހުރި މައުލޫމާތުތައް ނިބާލް ވަނީ، "އަދަދު ސްޕޯޓްސް" އަށް ހިއްސާކޮށްފަ އެވެ.
- އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ މަހެއްހާ ދުވަސް ކުރިން މޮރިޝަސް މުބާރާތަކަށް ދިޔައިރު، ގައުމީ ޓިމުގެ އެކޮމަޑޭޝަން، އެންޓްރީ ފީ، ކެއުން، އަދި 14 އިވެންޓަށް 3270 ޑޮލަރު ހަރަދުކޮށްފައިވަނީ، ނިބާލްގެ ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ފައިސާ އިން.
- އެފްރިކާގެ ތިން މުބާރާތަށް، ޒެމްބިއާ، ބޮޓްސްވާނާ އާއި ދެކުނު އެފްރިކާ އަށް ނިބާލް ދިޔައިރު، އެސޯސިއޭޝަނުން ޓިކެޓް ނަގައިދިނީ, ތިން މުބާރާތުގެ ހަރަދުތައް "އަރުތަ" ސްކޮލަޝިޕާއި އޮލިމްޕިކްސް ސްކޮލަޝިޕް އަށް ވެސް ލާފައިވޭ، ދެ ކަމަށް ވެސް އެސޯސިއޭޝަނުން ފައިސާ ނަގާފައިވޭ.
- ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗު، ދެކުނު ކޮރެއާގެ ކީ ޔޫން އަށް 2023 ޖެނުއަރީން ފެށިގެން، މި އަހަރުގެ މާޗްއާ ހަމަ އަށް ކޮންމެ މަހަކު، 584 ޑޮލަރުގެ ގޮތުގައި، ކޯޗަށް 8176 ޑޮލަރު ހަރަދުކޮށްފައިވޭ. އެއީ، ނިބާލް، ރިވައިވަލް ސްޕޯޓްސް ކްލަބާ ގުޅުމާ ހަަމަ އަށް. ގައުމީ ކޯޗު، ވަކިން އެއްވެސް މުބާރާތަކަށް ނިބާލްއާ އެކު ގޮސްފައިނުވާއިރު، ވަކިން އޭނާ އަށް ހާއްސަ ޓްރެއިނިންތަކެއް ކުރިއަށް ނުގެންގޮސް، މުޅި ގައުމީ ޓީމަށް ޓްރެެއިނިން ދޭން ގެނެސްފައި ހުރި ކޯޗަކަށް ނިބާލްގެ ސްކޮލަޝިޕް ފައިސާއިން ހަރަދުކުރުން ރަނގަޅެއް ނޫން.
މީގެ އިތުރުން، ނިބާލް ބުނީ، އޭޝިއަން އޮލިމްޕިކް ޕްރޮޖެކްޓް (އޭއޯޕީ)، ސްކޮލަޝިޕްގެ ތެެރެއިން އަހަރަކު އޭނާ އަށް ހަމަޖެހިފައިވާ 3000 ޑޮލަރު ހޯދަން އެސޯސިއޭޝަނުން ބެޑްމިންޓަން އޭޝިއާ އަށް ލިޔެކިޔުން ހުށަހަޅަން ވާހަކަ ދެއްކި ކަމަށެވެ.
އެކަމަކު، އޭގެ މައުލޫމާތެއް ވެސް އެސޯސިއޭޝަނުން ހިއްސާކޮށްފައިނުވާ ކަމަށެވެ.
"އޭއޯޕީގެ އެ ފައިސާ ވެސް ކްލެއިމް ކޮށްފިއްޔާ ލިބޭނެ، އެ އަށް ހެދި ގޮތެއް ވެސް ނޭނގޭ،" މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން 2022 ވަނަ އަހަރު ހޮވި އެންމެ އުންމީދީ އެތުލީޓު، ނިބާލް ބުންޏެވެ.
ނިބާލް ބުނީ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އެސޯސިއޭޝަނުން އޭނާއާ އެކު، ޕްލޭނެއް ހަދައިގެން، މަޝްވަރާތަކެއް ކޮށްފައިވަނީ، 2022 ވަނަ އަހަރު އޭނާ ދުބާއީގައި ހުއްޓައި ކަމަށެވެ. އޭގެ ފަހުން، އޮލިމްޕިކްސްއާ ދެމެދު މިވީ ދޮޅު އަހަރެއްހާ ދުވަހު، ޕްލޭނެއް ހަދައިގެން މަޝްވަރާތަކެއް ކުރެވިފައިނުވާ ކަމަށެވެ.
މިދިޔަ އަހަރަކީ އޮލިމްޕިކްސް ކޮލިފިކޭޝަންގެ އެންމެ މުހިންމު އަހަރު ކަމަށްވާއިރު، ޕްލޭނެއް ނެތުން އެއީ، ނިބާލަށް އޮލިމްޕިކްސް އިން ފުރުސަތު ނުލިބުނު މައިގަނޑު ސަބަބެވެ.
އޮލިމްޕިކްސްގެ ފުރުސަތަށް ރާއްޖޭން ނިބާލްގެ އިތުރުން ދެން ވާދަކުރީ، ގައުމީ ޓީމުގެ، ފާތިމަތު ނަބާހާ، އައިމިނަތު ނަބީހާ އަދި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ ކަމަށެވެ. މީގެ ތެެރެއިން، ނަބާހާ އާއި ނަބީހާ އަދި ޒަޔާން ވަނީ ރާއްޖޭގައި ބޭއްވި އިންޓަނޭޝަނަލް ދެ މުބާރާތް ނުލައި، އިންޓަނޭޝަނަލް 10 މުބާރާތް ކުޅެފަ އެވެ. އެކަމަކު، ތިން ސްކޮލަޝިޕް އޮތް ނިބާލް އަށް ރާއްޖޭގެ އިންޓަނޭޝަނަލް މުބާރާތްތައް ލައިގެން ވެސް 10 ހަމަނުވެ އެވެ.
"ނިބާލް އަތުގައި އޮލިމްޕިކްސް ސްކޮލަޝިޕް، އަރުތަ، ދެން، ބެޑްމިންޓަން އޭޝިއާ ސްކޮލަޝިޕެއް، ތިން ސްކޮލަޝިޕް އެއްކޮށް އޮތްއިރުގައި ރާއްޖޭގައި ކުޅުނު ދެ މުބާރާތް ނުލައި، ހަ މުބާރާތް ކުޅުނީމަ މީގެ އެބަ އެނގޭ މަސައްކަތް ނުކުރެވޭކަން،" ނިބާލް ބުންޏެވެ.
"އޮލިމްޕިކްސް އަށް ކޮލިފައިވެވެނީ ވެސް 10 މުބާރާތް މަދުވެގެން ކުޅެގެން، އެހެންވީމަ، ނިބާލް އަށް ރާއްޖޭގެ ދެ މުބާރާތް ލީމަ ވެސް މި ވަނީ އަށް މުބާރާތް، ލާރި ހަމަޖެހިފައި ހުރެ، އެސޯސިއޭޝަނުން އެކަން ނުކޮށްދިން،"
މީޑިއާގައި މި ވާހަކަތައް ހިއްސާކުރުމުގައި ނިބާލްގެ ބޮޑު މަގުސަދުތަކެއް އެބައޮތެވެ.
އެއް ކަމަކީ، އޭނާ އަށް އޮލިމްޕިކްސްގެ ފުރުސަތު ނުލިބުނީ، އޭނާ އެކަށީގެންވާ ވަރަށް މަސައްކަތް ނުކޮށްގެން ކަމަށް އެސޯސިއޭޝަނުން ކުރާ ތުހުމަތަށް ޖަވާބުދާރީވުމެވެ. ނިބާލް ބުނީ، ތަކުރާރުކޮށް، އޭނާގެ ބައްޕައާ އެކު، އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުންތަކެއްގައި ނިބާލް މަސައްކަތްނުކުރާ ކަމަށް ދައްކުވައިދޭން އެސޯސިއޭޝަނުން ވާހަކަ ދައްކާފައިވާ ކަމަށެވެ.
ރާއްޖޭގައި ކުރިއަށްދިޔަ މުބާރާތެއްގެ ތެރެއިން ނިބާލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
ދެ ވަނަ ކަމަކީ، ކުޅިވަރުގެ ސްކޮލަޝިޕް ލިބޭ އެތުލީޓުންނަށް، މި ލިބޭ މި ފަދަ ގެއްލުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުންނެވެ.
"އޮލިމްޕިކް އަށް ކޮލިފައިނުވީ ހަމައެކަނި ނިބާލްގެ މައްސަލައަކުން ނޫންކަން ބުނެދެން ބޭނުންވަނީ، ކުޅުނު ވަރާ ބަލާއިރު އޮލިމްޕިކް ވައިލްޑްކާޑް ލިބުމާ ފުދޭ ވަރަކަށް ކައިރި އަށް ވެސް ދެވުނު، ދެ ވަނަ ވައިލްޑްކާޑް ލިބުނު ކުއްޖާއާ، 1000 ޕޮއިންޓްގެ ތަފާތު އިނީ، 1000 ޕޮއިންޓަކީ ހަގީގަތުގައި ރާއްޖޭން ބޭރުގައި މި ކުޅޭ މުބާރާތްތަކުން ދެ މޮޅު، އެ އަސްލު، އެހާ ކައިރި އަށް ދެވިފައި، މުބާރާތް މަދުން ކުޅުނީމަ އަސްލު ވަރަށް ބޮޑު ކަމެއްގައި އެސޯސިއޭޝަނުން މި އޮތީ އިހުމާލުވެފައި،" ނިބާލް ބުންޏެވެ.
ނިބާލް ބުނީ، މިހާރު އޭނާގެ އަމާޒުހުރީ އެމެރިކާގެ ލޮސް އެންޖެލްސްގައި 2028 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމެވެ. އެ އަމާޒުގައި މަސައްކަތް ކުރުމަށް، އޭނާ ވަނީ ރާއްޖޭގެ އެންމެ ޕްރޮފެޝަނަލް، ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބާ ގުޅިފަ އެވެ.
ދެން، އޮތް އޮލިމްޕިކްސް އަށް ކޮލިފައިވާން ނިބާލް މަސައްކަތް ފަށާފައިވާކަން، ބެޑްމިންޓަން އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމީޓީ އަށް ވެސް އެންގި އެވެ. އަދި ނިބާލް ވަނީ، މި އަހަރު އޮގަސްޓްގެ ނިޔަލަށް އޭނާ އަށް އޮލިމްޕިކްސް ސްކޮލަޝިޕްގެ ތެރެއިން ލިބެން އޮތް ފައިސާ ހަަމަޖައްސައިދޭން އެދިފަަ އެވެ.
އެ ގޮތުން، މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ފައިސާ މި މަހު ކުރީކޮޅު، ބެޑްމިންޓަން އެސޯސިއޭޝަނަށް އޮލިމްޕިކް ކޮމިޓީން ވަނީ ޖަމާކޮށްދީފަ އެވެ. އެއީ، މަހަކަށް، 1500 ޑޮލަރުގެ މަގުން، 6000 ޑޮލަރެވެ. އެ ފައިސާގެ ތެރެއިން، އެސޯސިއޭޝަނުން ނިބާލަށް ދީފައިވަނީ، 1700 ޑޮލަރެވެ. ބާކީ، 4300 ޑޮލަރު ރީއިމްބާސްކޮށްފައިވަނީ، ނިބާލަށް ކުރި ހަރަދުގެ ގޮތުގައި އެސޯސިއޭޝަންގެ ބަޖެޓަށެވެ.
އެކަަމަކު، ނިބާލް ދެކޭގޮތުގައި، މި ފަހުން ލިބުނު ފައިސާއާ މެދު އެސޯސިއޭޝަނަށް އެހެން އަމަލުކުރެވޭނެ ރަނގަޅު އުސޫލެއް އޭނާ އަށް ފޮނުވި ހަރަދުތަކުގެ ޝީޓުން ފެންނާކަށެއް ނެތެވެ. އަދި އެ އަށް ވުރެ ބޮޑަށް އެސޯސިއޭޝަނުން ވަނީ ނިބާލްގެ ފައިސާ އާއި ލިބެންޖެހޭ ފުރުސަތުތަކަށް އިހުމާލުވެފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަމާ މި ވަގުތު ހަވާލުވެފައިވާ، ސްޕޯޓްސް ކައުންސިލަށް ނިބާލް ވަނީ، ކަންބޮޑުވުންތައް ހިއްސާކޮށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ނިބާލް ވަނީ، ސްކޮލަޝިޕުން ލިބެން ޖެހޭ ފައިސާ އަށް ބަރޯސާވެގެން މި ވަގުތު ވެސް މެލޭޝިއާގައި ޓްރެއިނިން ހޭދަކުރަމުން އަންނައިރު، އެ ނުލިބި ހޭދަވާ ކޮންމެ ދުވަަހަކީ، އޭނާގެ ކެރިއަރަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހަބޭސް
7 months ago
ކުޅިވަރުގެ މިފަދަ ނާތަހުޒީބު އަދި ނޭއްގާނީ ކަންކަން ރައްޔިތުންނަށް ތިލަކޮށްލަން އަދަދު ނޫހުން ތިޔަކުރާ މަސައްކަތަށް ސެލިއުޓްނަގަން. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް.
ލާމް
7 months ago
ކޮންކަމަކާ ހާސްވާންވީ. އެންމެނަށްވެސް އެބައެނގޭ ކިތަންމެވަރަކަށް އިހުމާލުވިޔަސް ހިސާބުކިތާބު ދިމާނުވިޔަސް ހޭވެސްއަހާލާނެމީހަކު ނޫޅޭނެކަން. އެހެންނަމަ މިހާރު ތިޔަތަނުން ތިބަޔަކު ނެރެފަ ތަހްޤީޤް ފަށަންވެއްޖެ. އިންޑިޔާމީހުން މުބާރާތް ބާއްވަން ކޯޓްދޫކޮށްގެން އެތިބެނީ.
ސައްތާރު
7 months ago
ސްޕޯރޓްސް މިނިސްޓްރީގެވެސް އޮލިމްޕިކް ކޮމިޓީގެވެސް އަދި ސްޕޯރޓްސް ކައުންސިލުގެ ޒިންމާއެއްވެސް މިކަމުގަ އޮތްކަމަކަށް ނުފެނޭ. މޮޑޭނެވަރަކަށް މޮޑެގެން ކާނެވަރަކަށް ކައިގެން ދާންވީ. މިއޮތީ ސޭލް އަޅުވާފަ.
ހުދުރުމާ
7 months ago
ނިބާލް އަކީ މިފަހުން ރާއްޖޭން ނުފެންނަފަދަ ހުނަރުވެރި އުންމީދީ ކުޅުންތެރިއެއް. އެހާ ޅައުމުރުގައި ވަރަށް ގިނަ ކާމިޔާބީތައް މިވަނީ ހާސިލުކޮށްފައި. އަޖުފާނުގެ ފަހުން އުފެދުނު އެންމެ ހުނަރުވެރި އަދި ސްޓައިލް ކުޅުންތެރިޔާ. ބޮޑަށް ހީވަނީ ބެޑްމިންޓަން ލެޖެންޑުންނަށް މިކަންކަން ހަޖަމުކޮށްލަން ތަންކޮޅެއް ދަތިވަނީހެން. ދުވަހަކު ތަޢުރީފުގެ ބަހެއް ބުނެނުލާތާ މިތިބެނީ އަބަދުވެސް ބުރަކަށްޓަށް ވަޅިޖަހަން ތައްޔާރުގަ. ހަސަދަވިޔަސް ބޮޑުވަރު.
މުހައްމަދު އަހްމަދު
7 months ago
އަހަރެން ހިތަށްއަރާ މިއީ މިއުޅޭ ޓީޓީ މަންޖެއަށް ދިމާވި ކަމެއްނަމަ ފޯރިއެއްހުރީހޭ! ރާއްޕެއާ ސަތަރޭއަށް ލޮލުފިޔަވެސް ނުޖެހޭނެ. މިހުންނަނީ ތަފާތުކުރުމުގެވެސް އިންތިހާ. އަހަރެންމީ މާބޮޑަށް މިކަހަލަ ކަންކަމާ ވާހަކަދައްކާ މީހެއްވެސްނޫން. އެކަމަކުވެސް ހަމަ ކެތްނުވެގެން އެއްޗެއް މިބުނެލީ. އެންމެ ކުއްޖަކަށް ބަރޯސާވެގެން އެހެން ކުދިންގެ ކަންކަމަށް ލޯމަރާލުމަކީ ރާއްޖޭގެ ކުޅިވަރަށް ހަމަ އެންމެ ރަނގަޅުގޮތްބާ؟
ށ
7 months ago
ނަތީޖާ ނެރެދައްކާ ކުއްޖެއް. ކުޅުންތެރިންނަށް ޙަރަދުކުރާއިއިރު ނަތީޖާނެރެވެނީ ވަރަށްމަދު ކުޅުންތެރިޔަކަށް. ޓީޓީ ކުޅުންތެރިޔާ އަށް 2 ސްކޮލަރޝިޕް ބެޑްމިންޓަން ކުޅުންޔެރިޔާ އަށް 3 ސްކޮލަރޝިޕް. މަވެސްކޮމެންޓް މިލިޔަނީ މީހުންގެ ހަސަދަވެރިކަންބޮޑުކަންހިތަށްއަރާ ހަމަ ނުހުރެވިގެން.
ޑރ. ޒަންޖަބީލު
7 months ago
ކުދިންނޭ ސޭކުސްތާނުގައި އޮންނަ ޤަވާޢިދު ދަސްކޮށްބަލަ! ހެސްކިޔާފަ މަސައްކަތްކޮށް ލޯބޯފިއްސައިގެން މައިންބަފައިން ހޯދާ ލާރިކޮޅުވެސް ކުދިންނަށް ޚަރަދުކޮށް އަމިއްލައަށް ކުރެވުނު މަސައްކަތެއްކޮށްގެން ބޭރަށްވެސް ފޮނުވަންވީ. ކަންނެލި އޮޑިއެއްގަ ނޫނީ ފަލިޖަހާފަވިޔަސް ދާންވީ. ގޮސް މެޑަލްވެސް ހޯދައިގެން ހަމަ މިބުނާ އުސޫލުން އެނބުރި ރާއްޖެއަންނަންވީ. ދެންއެޖެހުނީ އަހަރެމެން ސޭކްސްތާނު ސަރުކާރުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަން. ވަރަށް ވެދުން.
ޝާކް
7 months ago
ނިބާލް އަށް އެކަންޏެއްނޫން. ނަބާއާ ދޭތެރޭވެސް ރަނގަޅަކަށްނޫން ކަންކަން ކޮށްފަހުރީ. މީގެ 4 އަހަރުކުރިން އޮލިމްޕިކަށް ގޮސް ހޯދި ނަތީޖާއާއި ދާދި އެއްވަރުގެ ނަތީޖާއެއް މިފަހަރުވެސް ނަބާއަށް މިހޯދުނީ. އެހެންވީމަ އެއްވެސް ޕްލޭނެއް ނުވަތަ ކުދިންނަށް ކުރިއަށްދެވޭނެ އައިޑިއާއެއްް އެކައްޗެއްވެސް އޮވެގެންނެއްނޫން ތިބަޔަކު ބަގުޑިބައްދައިގެން ތިޔަތިބީ. ކޮންމެ ގޮތަކުންވެސް ލާރިކޮޅެއް ލިބޭތޯ ބަލާނީ. ލިބޭ އެއްޗެއް މިސްޔޫސް ކޮށްލާފަ ސްލިޕެއް ހަދާލީމަ ނިމުނީ.
ނަންނަ
7 months ago
ކޮންމެސް ކުއްޖަކު ބުނެލަދީބަލަ އަރުތަ މީ ކިހިނެއް ލިބޭ އެއްޗެއްތޯ؟ އެހެން މިބުނީ ކުޅެކުޅެ މުސްކުޅިވެ ރިޓަޔަރ ވާންވެފަ ތިބި ކުޅުންތެރިންނާ އަނެއްކޮޅުން އެންމެ ޖޫނިއަރ ޒުވާން ކުޅުންތެރިންވެސް ހިމެނޭކަމަށް ބުނާތީ. އަރުތަ ހޯދާލައިގެން ބޭރު ޤައުމުތަކަށްގޮސް ބާޒާރުކޮށްލާ މީހުން ތީގަ ގިނައީ. އެހެންވީމަ އަރުތައަކީ ވަރަށް ބޮޑަށް ރިފޯމްކުރަންޖެހޭ ޕްރޮގްރާމެއްކަމަށް އަޅުގަނޑަށް ފެންނަނީ.
ދޮންތު
7 months ago
އަސްލު އަހަރެން ދަންނަ ނިބާލް އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. ތިޔަ ތަނުގެ އެތެރެންނާއި ބޭރުންވެސް ލައްކަ ޖެއްސުމާ ދުއްތުރާތައް އަބަދުވެސް ނިބާލްއަށް ކުރިމަތިކުރުވާފަ އޮންނަނީ. މިދިޔައަހަރުގެ ޤައުމީ މުބާރާތުގައިވެސް ކްއާޓަރއިން ކަޓުވާލަން ރާވާފައޮތީ. ތަޤްދީރުގައި އެގޮތަށް ލިޔެވިފަނެތީމަ ރޭވިރޭވުންތައް ފަނުފުލުންގޮސް ހައިރާންކުރުވާފަދަ ގޮތަށް މެޗުން މޮޅުވެގެން ސެމީއަށްދިޔައީ. އެހެންވީމާ ހަމަ ކުރިއަށްދާންވީ. ބަޔަކު ކުރާކަމަަކަށް ބަލާނެކަމެއްނެތް.
ހުސެންބެ
7 months ago
ނިބާލް އަކީ މިއަހަރު ބޭއްވި އައިއޯޖީގައި އިންޑިވިޖުއަލް މެޑަލެއް ހޯދި ހަމައެކަނި ފިރިހެން ކުޅުންތެރިޔާ. މާނައަކީ ތިޔަ ފައިސާއަށް ޚިޔާނާތްތެރިނުވެ ރަނގަޅު ޕްލޭނެއްގެ ދަށުން އޭނަގެ ޓްރޭނިންގއަށާއި މުބާރާތްތަކަށް ޚަރަދުކުރިނަމަ ވަރަށް ބޮޑު ކުރިއެރުމެއް ލިބުނީހޭ.
އަޒީބެ
7 months ago
ބަލަ ސްޕޯރޓްސް ކައުންސިލާ، ސްޕޯރޓްސް މިނިސްޓްރީއާ އެސޯސިއޭޝަނާ އޮލިމްޕިކް ކޮމިޓީއާ މިހުރިހާ ތަނެއް އޮއްވާނޫންތަ އިހުމާލުތައް ވެގެންމިދިޔައީ. މާނައަކީ އެނގުނަސް އަޅާނުލަނީއޭ. ނޫނީ ކަމޮވޮށިވެގެންވާ ޢާއިލާގެ ކުއްޖަކަށް ތިކުއްޖާ ނުވަނީ. އެހެންނޫންނަމަ މަތިންނާ ތިރިންނާ އަޑިންވެސް އަންގައިގެން ވަގްތުން ވަގްތަށް މިކަންކަން ބަލާ ފިޔަވަޅުވެސް އަޅާނެ. ވަރަށް ވާހަކަ.
ސާމިރު
7 months ago
ކޮބާތަ ދާދި އިހަކަށްދުވަހު އެކުލަވާލި ރައީސްއަށް ލަފާދޭ ޒުވާނުންގެ މަޖިލިސް. އެތުލީޓުންގެ އަޑުއިއްވަން ކަނޑައަޅާފައި ހުންނަ ޒުވާނެއްވެސް ހުރެޔޭކިޔާ. ޒުވާން އުންމީދީ ކުޅުންތެރިޔަކަށް ދިމާވި މިވަރުކަމެއްގައި ސޯޝަލްމީޑިޔާ ކެކިއަރާއިރުވެސް އެތުލީޓުންގެ ފަރާތުން ހުންނަ ޒުވާނާ ގަދަނިދީގައި ހުރެގެން މަޖިލިސް ތަމްޘީލުވޭތަ.؟
އައިދުބެ
7 months ago
ވަރަށް ފަރުވާކުޑަ ޒިންމާދާރުކަމެއްނެތް ބަޔަކު އުޅޭތަނެއްތީ. ނާ..އެހެން ބުނެވޭކަށްވެސް ނެތް. މިދިޔަ އަހަރުގެ އެންމެ މޮޅު އެސޯސިއޭޝަން ވިއްޔަ! ވަރަށް މޮޅު ލޯޔަރެއްވެސް އުޅޭނެ. އޭނަގެ ލަފާގެމަތިން އެންމެން ގޮޅިގޮޅިއަށް ފެތެމުން އެދަނީ. ބަލަން މިތިބީ.
ނާބެ
7 months ago
ކޮބާހޭ ސްޕޯރޓްސް ކައުންސިލް. ކޮބާހޭ ސްޕޯރޓްސް މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ. ސްކޮލަރޝިޕް ފައިސާ ދިނުމަކުން ނުފުދޭ. ޚަރަދުކުރިގޮތާއި ކޮލިފައިނުވި ކުދިން ކޮލިފައިނުވީ ކީއްވެތޯ ބަލާ މޮނިޓަރ ނުކުރެވޭނަމަ ކީއްކުރާ ތަންތަނެއްތީ. 5 ކުދިންނަށް ސްކޮލަރޝިޕް ފައިސާ ދިންކަމަށް އެބަކިޔާ. ދީމާއަށް އެކަނި ޑައިރެކްޓް ކޮލިފިކޭޝަން ލިބުނީ. ދެންތިބި ކުދިންނަށް ވީގޮތެއް ނުބެލީ ކީއްވެ؟ ލާރިކޮޅު ހިފައިގެން ބަޔަކު ފިލައިގެން ދިޔައީތަ. އަޅެ ކޮންކަހަލަ ޤައުމެއްތަމީ.
މަންދި
7 months ago
ފައިސާއަށް އިހުމާލުވީ ކާކުކަމެއް ނޭނގެ ބުނާކަށް. އެކަމަކު އަހަރަކު 5 ލައްކަ ރުފިޔާވަރު ލިބޭ ކުއްޖެއްގެ ކަންކަން ތިޔަށްވުރެ ރަނގަޅަށް މެނޭޖްކުރެވެން ޖެހޭނެ. ކޯޗަށާއި ދެންވެސް ޤައުމީ ޓީމުގައި ތިބިހާ ކުޅުންތެރިންނަށް ނިބާލްގެ ފައިސާއިން އެންމެ ލޯލާރިއެއްވެސް ޚަރަދުކުރެވިގެން ނުވާނެ. މިތަނުގަ ކީއްވެތަ އެއްވެސް ކަމަކަށް ފިޔަވަޅު ނޭޅެނީ. ހަދާނެއެއްޗެއް ހަދާފަ ފާޑެއްގެ ލިސްޓެއްގަ ހާސަރުތަކެއް ދަމާލާފަ ލިޔެލާފަ އިސްތިޢުފާ ދިނުމަކުން މިކަމެއް ނުނިމޭނެ.
ޔައީޝް
7 months ago
ކޮބާތަ މިތަނުގައުޅޭ ކުޅިވަރަށް މަރުދޭ މީހުންތައް. ޤައުމީ ޒުވާން ކުޅުންތެރިއެއްގެ މުޅި ކެރިއަރު ފުނޑާލިއިރުވެސް ކަހާތަން ހިރުވާވެސް ނުލާ ކީއްތަވެފަ ތިތިބެނީ. ތިމާމެންގެ ދަރިއެއް ނޫންވީމާ ހަމައެއްވެސް އެއްޗެއް ބުނެލަން ބޭނުން ނުވަނީތަ؟ ގައިމު އެކުއްޖާއަކީވެސް ވަރަށް ޅައުމުރުގައި ތިކަމުގައި އުޅެންފެށި ކުއްޖެއް. ލައްކަ ޤުރުބާނީ ވެގެން މިހިސާބަށް އާދެވިފަހުންނާނީ. ހާދަބޮޑު ދެރައެކޭތީ.
ޝާމިލު
7 months ago
މިހާރުން މިހާރަށް މިކަން ބަލާ ފިޔަވަޅު އެޅުމަށް ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަން. ކަރަޕްޓް އެކްސްކޯރގެ އެއްވެސް މީހަކަށް ތިތަނަށް މިހާރު ވަދެވިގެންނުވާނެ. ވަގަކަށް ހާސްދުވަސް، ވެރިޔަކަށް ހަމަ އެންމެދުވަހެއް ބޭނުންވަނީ.
އަލޫ
7 months ago
ނިބާލް އަށް ތިކަމުން ލިބުނު ގެއްލުމުގެ ބަދަލު ލިބެންޖެހޭ. ފައިސާއަށް އިހުމާލުވި ފަރާތްތައް އުޅޭނެގޮތަކަށް އުޅެވިގެން ނުވާނެ. ތިކަމަށް ފަންޑުކުރި ފައިސާ ނިބާލްގެ ޓްރޭނިންގ އަށާއި މުބާރާތްތަކަށް ފޮނުވަން ޚަރަދުކުރިނަމަ، އެކުއްޖާ މިހާރު ހުންނާނީ އެފެންވަރަކުނޫން. މިއީ ރައީސްއަށް ނުވިކަމެއް އެހެން ބަޔަކު ކޮށްފާނެތީ ކުރާކަންކަން. ކޮންމެ ކުއްޖަކުވެސް ވަކިހިސާބަކަށް ގެންދާނީ. އެއަށްވުރެ މޮޅުވިޔަކަ ނުދޭނެ.
ޝާމިލު
7 months ago
މަގޭ ޚިޔާލަކީ މިހާރުން މިހާރަށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތައް އުވާލައި، ކުޅެން ބޭނުންވާ ކުއްޖަކު އެކުއްޖަކަށް ވެވުނު ވަރަކުން އަމިއްލައަށް ޚަރަދުކޮށްގެން ބޭރަށްވެސް ދެވުނުގޮތަކަށް ގޮސް މުބާރާތްތަކުގައި ވާދަކުރުން. މެޑެއްޔެއް އެއްޗެއް ލިބިއްޖެއްޔާ ސަރުކާރަށް ފެންނަ އެއްޗެއް ދޭނީ ނުފެންނަންޏާ އެވެސްނުދޭނީ. ކޮންމެހެން އެސޯސިއޭޝަންތަކުގެ ވެރިންނާ އެކްސްކޯރ އެންމެން ވިޔަފާރިކުރަން ތިފައިސާ ދޭނެކަމެއްނެތް. އެހެންވިއްޔާ މަށަށްވެސް ދޭންޖެހޭނެ.
ަައައްޔުބޭ
7 months ago
ރާއްޖޭގެ ބެޑްމިންޓަނަށް މިއަހަރު 50 އަހަރު ފުރޭއިރު، ކުޅުންތެރިންގެ ފެންވަރުހުރީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ފެންވަރަކުނޫން. ކޮބާތޯ ސަބަބަކީ؟ ހަމައެކަނި ނިބާލްގެ ކޭސް ދިރާސާކޮށްލިޔަސް މިކަމުގެ ސާފުޖަވާބު އެއޮތީ ފެންނަން. ނިސްބަތުން ރަނގަޅު އެއްޗެއް ކޮންމެ އަހަރަކުވެސް ބެޑްމިންޓަން އެސޯސިއޭޝަނަށް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ލިބޭ. ވައިޑީޕީއަކީ ނަމެއްގައި އޮންނަ ގްރޫޕެއް. ޤައުމީ ޓީމުގައި މިހާރުތިބި ކުޅުންތެރިންގެ ތެރެއިން 3 ކުޅުންތެރި
ލާމް
7 months ago
ބީޑަބްލިޔުއެފް މުބާރާތެއްގެ ކްއާޓަރގައި ޢާންމުގޮތެއްގައި ކުޅެނީ ކިހާފެންވަރެއްގެ އަދި ނިސްބަތުން އާބާދީއާއި ވަސީލަތްތައް ކިހާގިނަ ޤައުމުތަކެއްގެ ކުޅުންތެރިންކަން ނޭނގި ވާހަކަތަކެއް ދެއްކިޔަކަސް ކަމަކުނުދާނެ. މިއުޅެނީ ބޮޑު ޚިޔާނާތެއްވެގެން އަދި އިންތިހާއަށް އިހުމާލުވެގެން. އެކަން ދިފާޢުކުރަން ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް މިހާރު ބުޅާ ގޯނިން ބޭރުވެއްޖެ. ތިބަޔަކު ޖެހޭނީ ބޭރުވާން.
ކުޅުންތެރިޔާ
7 months ago
މަގޭދަރިވެސް ގައުމީޓީމަށް ނެގިފަޔޯ ދަރިބުނީ. ފަސްހާސްދޭނަމޯ. ހަރާން އެންމެ ލާރިއެއްވެސް އަދި ނުދޭ. ހެޔޮވާނީ ކިހިނެއް. މީ އަދި އަރަމުން އަންނަ ޅަކުދިން. ކޮންކަމެއް މި ދަސްކޮށްދެވެނީ ކޮން ނަމޫނާއެއް މި ދެއްކެނީ
އަލީ
7 months ago
ދެން އެސޯސިއޭޝަން ގޯސް ކުރާއިރު ސިންގަލްސ އިން ކުޅުނު ބޑފ މުބާރާތެއްގެ ކުއާޓާއަށް ވެސް ގޮއްސާ ނެއް. އނެއްކާ މި މިހުން މިއުޅެނީ ވައިލްޑް ކާޑް އިން ހަމައެކަނި އޮލިމޕިކް އަށް ކޮލިފައިވާން ، އެހެންމީހުނ ރަނގަޅަށް ކޮލިފައިވެގެން ދަނީ މެޑަލް ހޯދަން.
12354ކ
7 months ago
އެހެންވެ އަޅުގަނޑު މިބުނަނީ ކޮބާހޭ މި ގައުމު ސަލާމަތް ކުރާނެ ޒުވާނުން.. މަޖިލިސް ތަޅުމުގަ ކަރުން ލޭއަންނަ ވަރަށް ހަޅޭ ލެވިއަސް މިކަމެއް ނުވާނެ.. މުޅި ގައުމު ނަޖިހުން ސާފުކުރަން ޖެހޭ.. ކޮންމެ ދިމާލަކުން ބަލާލިޔަސް "ވައްކަން، ކޮރަޕްޝަން، އިހުމާލު، ފަރުވާ ކުޑަކަން.." ދެން ކިޔާނެ ކަމެއް ނެތް.. ދިވެހި ގައުމީ ޒުވާނުން ކެރޭ، ދިވެހި މާޒީ ހިމާޔަތްކުރޭ، ދިވެހި އުއްމަތުގެ މީ އިލްތިމާސް" ވަރަށް ވެދުން
ލާމް
7 months ago
އޭރުވެސް އެނގޭ ނިބާލް އަށް ކޮންމެވެސް ބަޔަކު އިހުމާލު ވެއްޖެކަން. ފާއިތުވި 7 ވަރަކަށް އަހަރަށް ބެލިޔަސް ނިބާލް އަށްވުރެ ކުރިއެރުން ހޯދި އަދި ރާއްޖެއާއި ރާއްޖޭން ބޭރުން އެންމެ ރަނގަޅު ކާމިޔާބީތަކެއް ހޯދި ފިރިހެން ކުޅުންތެރިއެއް ނެތްކަން. 3 ސްކޮލަރޝިޕް ފައިސާ ހަމަޖެހިފައިވާއިރު ހަޤީޤަތުގައިވެސް މިއީ ވަރަށް ބޮޑު އިހުމާލެއް. އެކަމަކު ހިތާމަޔަކީ މިފަދަ އެއްވެސް ކަމެއް މިރާއްޖޭގައި ބެލޭނެކަމުގެ އެއްވެސް އުންމީދެއް ނެތްކަން. ވަރަށް ދެރަ.
ބާބޫ
7 months ago
ވަގުން ނޭ ކަލޭނޭ ތިބީ ހުސްވަގުން، ކަނީއޭ އަތުން ނޫނެ ދެއަތާ ދެފައިން. ކަޅާކޮއްލަނީ ލާތިތައް ޙައްޤުނޫން، ކަޅެއްދޮންމި އަންގާލުމެއް ނެތި ކަތުން. ބެލޭނޭގޮތެއް ނެތް މިކަންކަން ސަފުން، ކަލޭކާށެ ދީގެން މަށަށް ވެސް ބައެއް. މިއީ އޮތްގޮތޭ ޙައްލުން ފެންނަންނެތީ، މިތާނގާއޮތީ ޖަންގާލީ ވާ އުޞޫލު.
ޑިިލް
7 months ago
ޙުރިހާ ތަނެއް ވެސް ހަމަ ތިގޮތައް ބަލާނެ ބައެއް ނެއް ބުޅާ މަސްކާން ދޭހެން
Comment