Advertisement

ކުޅުދުއްފުށީ "ހޮނިހިރު ބާޒާރު" ގައި ވިޔަފާރި ކުރެވޭނީ ހަމައެކަނި ހޮނިހިރު ދުވަހު ކަމަށް ކަނޑައަޅައިފި

19 އޮގަސްޓު 2024 - 10:31 0

ކުޅުދުއްފުށި ހޮނިހިރު ބާޒާރު: ކައުންސިލުން ބުނީ ހޮނިހިރު ބާޒާރަކީ މުހިންމު އިގްތިސާދީ ހަރަކާތެއް ކަމަށް -- ފޮޓޯ: ފެށުން


ކުޅުދުއްފުށީ "ހޮނިހިރު ބާޒާރު" ގައި ވިޔަފާރި ކުރެވޭނީ ހަމައެކަނި ހޮނިހިރު ދުވަހު ކަމަށް ކަނޑައަޅައިފި

19 އޮގަސްޓު 2024 - 10:31 0

ހދ. ކުޅުދުއްފުށީގައި ކޮންމެ ހަފުތާއަކު ބާއްވާ "ހޮނިހިރު ބާޒާރު" ގައި ވިޔަފާރި ކުރެވޭނީ ހަމައެކަނި ހޮނިހިރު ދުވަހު އެކަނި ކަމަށް އެ ރަށު ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މީގެ ފަހުން ހޮނިހިރު ބާޒާރު ބާއްވާ ސަރަހައްދުގައި ވިޔަފާރި ކުރެވޭނީ ހޮނިހިރު ދުވަހު ހެނދުނު 6:00 އިން ފެށިގެން އެ ދުވަހު ހަވީރު 4:00 ގެ ނިޔަލަށް ކަމަށެވެ.

އެ ނިންމުން ނިންމީ، ހޮނިހިރު ބާޒާރުގެ އަގާއި އިގްތިސާދީ ހައިބަތު ހިފަހައްޓަން ކަމަށް ބެލެވެ އެވެ. ނަމަވެސް ސިޓީ ކައުންސިލުން ސީދާ އެހެން ބުނެފައެއް ނުވެ އެވެ. އެކަމަކު، ހޮނިހިރު ބާޒާރަކީ މުހިންމު އިގްތިސާދީ ހަރަކާތެއް ކަމަށް ކައުންސިލުން ބުނެ އެވެ.

"ކުޅުދުއްފުށި ސިޓީއަށް ހާއްސަ، ހޮނިހިރު ބާޒާރަކީ ބޮޑު ތިލަދުންމަތީގެ ދަނޑުވެރި ވިޔަފާރިތަކާއި، ހޯމްބޭސްޑް ވިޔަފާރިވެރިންގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޒަމާނުއްސުރެ ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އަންނަ އަދި ބޮޑު ތަރުހީބެއް ލިބެމުން އަންނަ، މުހިއްމު އިގްތިސާދީ ހަރަކާތެއް،" ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ޖޫން، 2019، ގައި ހުއްޓާލަން ވެސް ކައުންސިލުން ނިންމި އެވެ. އެގޮތަށް ނިންމީ އެ ރަށުގައި ހެދި މާރުކޭޓުތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ ކަމަށް އެއިރު ކައުންސިލުން ބުންޏެވެ. ނަމަވސް ރައްޔިތުންގެ ފަރާތުން ޕްރެޝަރު ކުރިމަތިވުމުން އޭގެ އެއް މަސް ފަހުން ވަނީ ހޮނިހިރު ބާޒާރު ހުއްޓާނުލާން ނިންމައިފަ އެވެ.