24 އޮކްޓޯބަރު 2025 - 13:48 0
އަހުމަދު އާއިދު
މާލޭ ލޯކަލް މާރުކޭޓުން މީހަކު އަނބެއް ގަނެ، ސަތޭކަ ރުފިޔާ ދިއްކޮށްލަނީ: މި ސަރަހައްދުގައި ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ --- ފޮޓޯ: އަދަދު
24 އޮކްޓޯބަރު 2025 - 13:48 0
ސައުތު އޭޝިއާ ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ ކަމަށް ބަންގްލަދޭޝްގެ ނޫހަކުން އެއްކުރި މައުލޫމާތުން ދައްކައިފި އެވެ.
ފައިނޭންޝަލް ހަބަރުތަކާއި ތަފާސްހިސާބުތައް އަދި އެނެލެސިސް ގެނެސްދޭ "ފިންޓެކްސް ނިއުސް ބީޑީ" އިން ނެރުނު މި ތަފާސްހިސާބުތައް ބިނާކޮށްފައިވަނީ ރަސްމީ ނަމްބަރުތަކާއި ދިރިއުޅުމުގެ ހާލަތާއި އަގުތައް ވަޒަންކުރާ ނަމްބިއޯގެ ހިސާބުތަކަށް ބިނާކޮށެވެ.
އެގޮތުން، އެޕާޓްމަންޓު، ފުލެޓު ނުވަތަ ގޭގެ ކުލި ނުހިމަނާ މަހެއްގެ މައްޗަށް ދިވެއްސެއްގެ ދިރިއުޅުމުގެ ހަރަދަށް އެވްރެޖްކޮށް 840 ޑޮލަރު ނުވަތަ ބޭންކް ރޭޓުން ބަލާނަމަ 12،952ރ. ހަރަދުވެ އެވެ. ރާއްޖޭގެ ޑޮލަރުގެ އަގުތަކަށް އެއް ހަމަ ކުރާނަމަ 840 ޑޮލަރަކީ 16،800ރ. އެވެ.
ދިރިއުޅުމުގެ ހާލަތު ސަރަހައްދީ ރެކޯޑެއްގައި ހުރިއިރު، ރާއްޖޭގައި ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖަކީ 4،500ރ. އެވެ. މިނިމަމް ވޭޖުގެ ގޮތުގައި އެންމެ ބޮޑެތި ވިޔަފާރިތަކަށް 8،000ރ. އަދި، ސިވިލް ސާވިސް މުވައްޒަފުންނާއި މެދު ފަންތީގެ ވިޔަފާރިތަކުގެ މިނިމަމް ވޭޖަކީ 7،000ރ. އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ އެޕާޓްމަންޓުތަކުގެ ކުލި އަންނަނީ އަހަރަކަށްވުރެ އަހަރެއް މަތިވަމުންނެވެ.
މި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި މާލޭގައި އެއް ކޮޓަރީގެ އެޕާޓްމަންޓެއް އެންމެ އަގުހެޔޮކޮށް ވެސް ލިބެނީ 8،000ރ. އަށެވެ. ރަނގަޅު ފެންވަރުގެ އެއް ކޮޓަރީގެ އެޕާޓްމަންޓުތައް އާންމުކޮށް ލިބެނީ 12،000ރ. އިން މަތީގެ ރޭޓުތަކެއްގަ އެވެ.
Comment