Advertisement

ފަޅުން ގޯތި ދިން ވާހަކަ ނުދައްކާ އެ ގޯތިތައް އަތުލަން އައްބާސް ސަރުކާރަށް ގޮވާލައިފި

19 އޮގަސްޓު 2024 - 10:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ވެލިދޫ މެންބަރު އައްބާސް މަޖިލީހުގައި ވާހަކަ ދައްކަވަނީ. "ބިންވެރިޔާ" ސްކީމްގެ ދަށުން ދިން ބައެއް ގޯތިތައް އަތުލުމަށް އޭނާ ގޮވާލެއްވި --- ފޮޓޯ: މަޖިލިސް އިދާރާ


ފަޅުން ގޯތި ދިން ވާހަކަ ނުދައްކާ އެ ގޯތިތައް އަތުލަން އައްބާސް ސަރުކާރަށް ގޮވާލައިފި

19 އޮގަސްޓު 2024 - 10:44 0

މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރައްދުން ގޯތި ދޫކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނުމުގެ ބަދަލުގައި އެ ގޯތިތައް އަތުލުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓުގެ ބިލަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ ފަޅުން ގޯތި ދޭ ގާނޫނެއް ނެތް ކަމަށާއި އެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފަޅުން ދީފައިވާ ގޯތިތައް އަތުލަން ޖެހޭ ކަމަށެވެ. އައްބާސް އަކީ މި ސަރުކާރާއެކު މަސައްކަތްކުރަމުންދާ އެމްޑީއޭގެ ނައިބު ރައީސް އެވެ.

"ގާނޫނާ ހިލާފަށް ދީފައިވާ ގޯތިތައް އަތުލައްވަން ވީ ނޫންތޯ. ކީއްކުރަންތޯ އެ ގޯތިތައް ދީފައި ހުރީ ރަނގަޅަށް ކަމަށް ހައްދަވައިގެން އެ ހުރިހާ ގޯތިތަކެއް ދޭން މިއުޅެނީ," އައްބާސް ވިދާޅުވި އެވެ.

ކޮންމެ ސަރުކާރެއް ވެރިކަމަށް އައުމަށް ފަހު އޭގެ ކުރީ ސަރުކާރުން ވައްކަން ކުރި ކަމަށް ބުނާ ކަމަށާއި އެ ކަން ކުރި ބަޔަކަށް އަދަބު ނުދެވޭ ކަމަށް ވިދާޅުވެ އައްބާސް މިއަދު މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެފަދަ ޖަރީމާތައް ހިންގާފައިވާ މީހުންގެ މުދާ ވެސް ދައުލަތަށް ނެގުމަށް އައްބާސް ގޮވާލެއްވި އެވެ.

ފަޅުން ގޯތި ދިން ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްްރެސް (ޕީއެންސީ) ގެ ލީޑާޝިޕްގެ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް އެކި ތަންތަނުގައި ވިދާޅުވަމުންނެވެ. މާލެ ސަރަހައްދުން ގޯތި ދޫކުރި ގޮތަކީ މި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ވެސް ޕީއެންސީން ވަނީ ބުނެފަ އެވެ.

"ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުން އެބަ އޮތް ޖުމުލަ 9،100 ގޯތި ދޫކޮށްފަ، ގޯތި ލިސްޓެއް ހަދާފައި.. ސަރުކާރަކުން އެ އެއްޗެއް ބަހާލާއިރުގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޒިންމާދާރު ސަރުކާރުތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ހަމަތަކާ ހިލާފަށް، އަޅުގަނޑު ދަންނަވާނީ މި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ސިފަކުރަނީ،" ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އޮގަސްޓު 12, ގައި ވިދާޅުވެފައިވެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.