Advertisement

ނޫމަޑި އެގްރީމެންޓު ބާތިލުކުރުމުގެ އިސް މޭސްތިރިޔަކީ ރައީސް މުއިއްޒު ކަމަށް ޔާމީން ވިދާޅުވެއްޖެ

18 އޮގަސްޓު 2024 - 22:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މެއި 22, 2016 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި އިވެންޓެއްގައި އޭރުގެ ހައުސިން މިނިސްޓަރާއި ޔާމީން ސަލާމް ކުރައްވަނީ. ޔާމީންގެ ވެރިކަން ފެށިގެން ނިމުމާ ހަމައަށް ވެސް އެ މަގާމު ފުރުއްވީ މިހާރު ރައީސް މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް


ނޫމަޑި އެގްރީމެންޓު ބާތިލުކުރުމުގެ އިސް މޭސްތިރިޔަކީ ރައީސް މުއިއްޒު ކަމަށް ޔާމީން ވިދާޅުވެއްޖެ

18 އޮގަސްޓު 2024 - 22:12 0

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނުހައްގުން ބާތިލުކުރި ވިޔަފާރި އެއްބަސްވުންތަކާ ގުޅިގެން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި އޮތް ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުންތައް ބާތިލު ކުރުމުން އެ ކުންފުނިން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ދިޔަ އެވެ.

މިރޭ ކުރިއަށްދާ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ނޫމަޑީގެ މައްސަލައިގައި ޔާމީން ވާހަކަ ދެއްކެވި އެވެ.

"އެއީ ސަރުކާރު ކޮމްޕްރޮމައިޒްވާ ވަރު މައްސަލައެއް. ދިވެހި ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހޭ ވަރުގެ މައްސަލައެއް އައިމަ, މިއީ ސަރުކާރުގައި އޭރު އެކަން ނިންމަވަން ހުންނެވި ވަޒީރު. އަދީ ރައީސް އޮފީހުން އަންގަވައިގެން އެކަން ކުރެއްވިޔަސް, އެކަން ކުރެއްވި, ދެން ބްރިޖުގެ ވެސް މޭސްތިރިއަކީ މިއީ ދެއްތޯ, އެހެންވީމާ ނޫމަޑީގެ ވެސް, އެ އެގްރީމެންޓް ބާތިލު ކުރެއްވުމުގެ އިސް މޭސްތިރިޔަކީ މިއީ," ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ނޫމަޑިން އާބިޓްރޭޝަނަށް ނުވަތަ ކޯޓަށް ގޮސްފައި ނުވާ ކަމަށާއި އެއީ އެމީހުންގެ ކޭސްއެއް ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރީ ބަންޑާރަ ނައިބުގެ ލަފަޔާއެކު ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ މި ބޭފުޅާ އިސްނަންގަވައިގެން މެނުވީ ނޫނީ މި ބޭފުޅާ ދިވެހި ދައުލަތާ ދެކޮޅަށް ނޫމަޑީގެ މައްސަލައިގައި ބަޔާނެއް ދެއްވާނެކަން އިޝާރާތް ކުރައްވައިގެން ނޫނިއްޔާ މި ކޭސްއެއް ނުނުކުންނާނެ. އިނީޝިއޭޓް ކުރައްވާފައި އެ އޮތީ މުއިއްޒު. މުއިއްޒުގެ ބަހަކާ ނުލައި ދެއާ އިޒް ނޯ ރޫމް ފޯ އާބިޓްރޭޝަން," ޔާމީން ވިދާޅުވި އެވެ.

ނޫމަޑި މައްސަލައިގައި ބޮޑު ބަދަލެއް ދޭން ޖެހުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބެލި އެވެ. އަދި މުއިއްޒާ ދެކޮޅަށް ދައުވާ ވެސް އުފުލި އެވެ. ނަމަވެސް އެ މައްސަލަ މުއިއްޒުގެ މައްޗަށް ސާބިތެއް ނުވި އެވެ.

އެ މައްސަލައިގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދެއްވި ބަޔާން މުއިއްޒު ބަދަލުކުރެއްވިކަން މަޖިލީހުގެ ކޮމިޓީން ހާމަވި ކަމަށް ޔާމީން ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގައި ބަޔާން ނުދެއްވާ ކަމަށް މުއިއްޒު ވިދާޅުވެ ކަނޑައެޅިގެން ދޮގު ހެއްދެވި ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"ކަނޑައެޅިގެން އިތުރުފުޅު ހެއްދެވީ. އެއީ މުއިއްޒުއަށް ހުކުމެއް އަންނާނެ ކަމެއް. މުއިއްޒުއަށް ޖިނާއީ ހުކުމެއް އަންނަ މައްސަލައެއް އެއީ ކަނޑައެޅިގެން ވިދާޅުވީ ބަޔާނެއް ނުދެއްވަމޭ," ޔާމީން ވިދާޅުވި އެވެ.

އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ނުކުރެއްވީ އެމްޑީޕީ އާއި މުއިއްޒުއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ. އެގޮތުން, އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް މުއިއްޒު ހުށަހެޅުއްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ނޫމަޑިއަށް ބަދަލު ދޭން އެއްބަސްވީ، އެ މައްސަލަ އޭބިޓްރޭޝަނުން ނިންމައި، ބޮޑު އަދަދެއް ދޭން ޖެހިއްޖެ ނަމަ ދައުލަތަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވެމުންނެވެ. އެމްޑީޕީ ސަރުކާރުން އެ ބަދަލު ދޭން ނުޖެހޭ ކަމަށް ޔާމީން މިރޭ ވިދާޅުވި އެވެ.