Advertisement

ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމް ފަށައިފި

18 އޮގަސްޓު 2024 - 14:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމް ފަށައިފި

18 އޮގަސްޓު 2024 - 14:19 0

ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޓްރޭޑް ޕްރޮމޯޝަން (ޑީއައިޓީޕީ) އާއި ތައި ޓްރޭޑް ސެންޓާ ގުޅިގެން ބާއްވާ ފަސް ވަނަ ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމް މިއަދު ފަށައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހަވީރުގެ ނިޔަލަށް ބާއްވާ އެ ފޯރަމުގައި ކާބޯތަކެތި، ފެޝަން އަދި ކޮސްމެޓިކްސް ބޭރުކުރާ ތައި އެކްސްޕޯޓަރުންނާ އެއްތަނަކުން ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން އަންނަނީ ބައްދަލުކޮށް މައުލޫމާތު ސާފުކުރަމުންނެވެ.

"މި ފޯރަމްގެ ސަބަބުން ރާއްޖެއާއި ތައިލެންޑްގެ ވިޔަފާރިތަކަށް ތަކެތި ރާއްޖެ އެތެރެކުރުމަށް ފަސޭހަ ވެގެންދާނެ. ތައިލެންޑްގެ ކާބޯތަކެތި، ފެޝަން، ކޮސްމެޓިކް ވިޔަފާރިކުރާ ގިނަ ވިޔަފާރިވެރިން މި ފޯރަމްގައި އަންނަނީ ބައިވެރިވަމުން،" ރޯޔަލް ތައި ކޮންސިއުލޭޓް ޖެނެރަލް ޗެކް ޖީނަފަން ވިދާޅުވި އެވެ.

ޗެކް ވިދާޅުވީ ކޮލެޓީ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފްކޮށް، މައުލޫމާތު ހިއްސާކުރެވުމަކީ ލިބޭ އުފަލެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފޯރަމްތައް ބޭއްވިގެންދާނެ ކަމަށެވެ.

ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފޯރަމްގައި ތައިލެންޑްގެ 22 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ. އެ ކުންފުނިތަކާ ބައްދަލުވެ، ރާއްޖޭގެ ކުންފުނިތަކުން އަންނަނީ މައުލޫމާތު އޮޅުންފިލުވަމުންނެވެ.

ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމް އިންތިޒާމުކުރާ ފަރާތުން ބުނީ މި ފޯރަމްގެ ސަބަބުން ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ތަނަވަސް ވެގެން ދާނެ ކަމަށެވެ.

މިދިޔަ އަހަރު ވެސް މި ފޯރަމް ވަނީ ކާމިޔާބުކަމާއެކު ބާއްވާފަ އެވެ. އެ ފަހަރު ވެސް ގިނަ ބަޔަކު ފޯރަމްގައި ބައިވެރިވި އެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިން ގުޅުވުމަށް މިފަދަ ފޯރަމްތައް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.