16 އޮގަސްޓު 2024 - 17:05 0
ލީވާން އަލީ ނާސިރު
މަކުނިވިދުރީގެ ޓެސްޓް ކިޓެއް: ބަލި މިހާރު ވަނީ އަވަށްޓެރި ޕާކިސްތާނާ ހިސާބަށް ފޯރާފައި -- ފޮޓޯ: ރޮއިޓާސް
16 އޮގަސްޓު 2024 - 17:05 0
ނުރައްކާ ބޮޑު މަކުނުވިދުރީގެ (އެމްޕޮކްސް) ގެ އާ ވޭރިއަންޓުގެ ކޭހެއް އަވަށްޓެރި ޕާކިސްތާނުން ފެނިއްޖެ އެވެ.
ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ސާޖިދް ޝާހް ވިދާޅުވީ އެ ގައުމަށް ގަލްފްގެ ގައުމަކުން އައި މީހެއް ގައިން މަކުނުވިދުރީއަށް ޝައްކު ކުރެވޭ އަލާާތްތަކެއް ފެނިގެން ޓެސްޓުތަކެއް ހަދަމުންދާ ކަމަށެވެ.
"އަލާމާތްތައް ފެނިގެން މަކުނުވިދުރިއަށް ޝައްކު ކުރެވެނީ ގަލްފްގެ ގައުމަކުން އައި މީހެއްގެ ފަރާތުން. އޭނާގެ ސާމްޕަލްތަކެއް މިހާރު ވަނީ ނަގައި ޓެސްޓިންއަށް ފޮނުވާފައި،" ސާޖިދް ޝާހް ވިދާޅުވި އެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނެ އެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަ އެވެ.
މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބަލި އިތުރަށް ފެތުރުނު ނުދިނުމަށް މަސައްކަތް ފަށާފަ އެވެ.
މިދިޔަ އަހަރު ވެސް ޕާކިސްތާނުގައި މަކުނުވިދުރި ޖެހިގެން 11 މީހަކަށް ފަރުވާދިނެވެ. އަދި އޭގެ ތެރެއިން އެކަކު މަރުވި އެވެ.
އެމްޕޮކްސް ފެތުރޭ މިންވަރު އަވަސްވެ، އެ ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް އޮތް ކަމަށް ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުދަ ދުވަހު ވަނީ އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
މަކުނު ވިދުރި އެންމެ ފުރަތަމަ ފެނުނީ 1958 ގައި ރާމާމަކުނުގެ ގައިންނެވެ. މަކުނުގެ ނަމުން އެ ބައްޔަށް ނަން ދީފައިވި ނަމަވެސް އެ ބަލި ޖައްސާ ވައިރަސް އާންމު ގޮތެއްގައި ފެންނަނީ މީދާ އާއިލާގެ ޖަނަވާރުންނެވެ.
އެ ބަލި އިންސާނެއްގެ ގައިން އެންމެ ފުރަތަމަ ފެނުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މީގެ ކުރިން 2022 ގައި ވެސް މަކުނު ވިދުރި އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ
Comment