Advertisement

ޑްރަގު ކުށްތަކަށް މަރުގެ އަދަބު؛ އިލްމުވެރިން ބުނަނީ ކީކޭ؟

16 އޮގަސްޓު 2024 - 06:32 5

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ޑްރަގު ކުށްތަކަށް މަރުގެ އަދަބު؛ އިލްމުވެރިން ބުނަނީ ކީކޭ؟

16 އޮގަސްޓު 2024 - 06:32 5

ހަފުތާ ނިމެމުންދަނިކޮށް ތިލަވި ހަބަރަކީ، ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދޭ ގޮތަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ހަބަރެވެ. އަޅުގަނޑުގެ ބޭނުމަކީ މިކަމާމެދު ދީނީ ގޮތުން ސިކުނޑި ހިންގާލުމެވެ. މިބާވަތުން އޭރަކަށް މުޖުތަމައުގެ ތެރެއަށް ތިލަވާ ކޮންމެ މައުލޫއެއްގައިވެސް އަހަރެމެންގެ ދީނުގައި އޮތް ގޮތް ބަލަން ބޭނުންވާ ބަޔަކު ތިބޭނެތީ އެބަޔަކަށް ކުރިޔަށްދާނެ އަލިމަގެއް ކޮށާލަދެވޭތޯ އެވެ.

"މަސްތުވާތަކެއްޗަކީ ބޮޑުވެގެންވާ ނުބަޔެއްކަމާއި އާންމުވެފައިވާ ފަސާދައެއްކަމާމެދު ޝައްކެތް ނެތެވެ. ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. 'ހަޝީޝްއާއި ރާ ފަދަ މަސްތުވާއެއްޗެހި ބޭނުންކުރުމަކީ އެކަންކަމުގެ ހަރާންކަމާމެދު މުސްލިމުންގެ މެދުގައި ދެބަސްވުމެއް ނެތް ކަންކަމެވެ. އަދި މިއިން ކަމެއް ހުއްދަކޮށްފި މީހަކު ކާފަރުވާނެއެވެ.' އަދި ވެރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ މި ބައްޔާ ހަނގުރާމަކުރުމެވެ. އެހެނީ އެބަލި އާންމުވުމާއި ފެތުރިގެންދިއުމަކީ މުސްލިމުންނަށްހުރި ބޮޑު ގެއްލުމެކެވެ.

އެތަކެތި ފަތުރާ މީހުން މީސްތަކުންނަށް ފެންނާނެހެން ގަތުލުކުރުމުގެ ހުކުމާމެދު ދަންނައެވެ. އެކަމުގެ އަސްލު ހުކުމަކީ މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި ބަޔާންވެފައިވާ މަގުފޭރުމުގެ ހައްދެވެ. 'ﷲ އާއި، އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަކުރުމަށް މަސައްކަތްކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެބަޔަކު މެރުމެވެ. ނުވަތަ ސަލީބަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެބަޔަކުގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެމީހުންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާހިރަތުގައި، އެމީހުންނަށް ބޮޑުވެގެންވާ އަޒާބުވެ އެވެ.'

އިބްނު ކަޘީރު އޭނާގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. 'އާޔަތުގައި އައިސްފައިވާ ހަނގުރާމައިގެ މާނައިގައި ދެކޮޅުހެދުމާއި ހިލާފުވެގަތުންވެއެވެ. އެގޮތުން ކާފަރުވުމާއި މަގުފޭރުމާއި މަގުތައް ބިރުވެރިކުރުން އެކަންކަންމުގެ ތެރޭގައި ސާފުކޮށް ހިމެނެއެވެ. ހަމަ މިފަދައިން ބިމުގައި ފަސާދަކުރުމުގެ މާނައިގައި އެތައް ބާވަތެއްގެ ކަންކަން ހިމެނެއެވެ.' ޝައްކެތް ނެތް ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހިމެނިގެންވަނީ ދެންނެވުނު އެތައް ބާވަތެއްގެ ނުބައިކަމެއްގެ ތެރޭގައި ހިމެނިގެންވާ ބޮޑު ފަސާދައެއްކަމުގައެވެ. އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި މަސްތުވާތަކެތީގެ ނުބައިކަން ބަނގުރާގެ ނުބައިކަމަށްވުރެވެސް އެއްގޮތަކުން ބަލާއިރު މާބޮޑެވެ. އެއީ އެއިން ބުއްދިއާއި މިޒާޖު ފަސާދަކުރާލެއް ބޮޑުކަމުންނެވެ. އެ އެބޭނުންކުރާ މީހާ އަންހެންދުޅާވުމާއި ޣީރަތްތެރިކަން ނެތުންފަދަ އަދި އެނޫންވެސް އެބާވަތުގެ ބޮޑެތި ފަސާދައާ ހަމައަށް ވާސިލުވާހިސާބަށް އޭގެ ސަބަބުން ގެންދާތީއެވެ.

އާޔަތުގައި ބަޔާންވެގެންވާ ސަލީބަށް އެރުވުމުގެ މާނައަކީ ލަކުޑިގަނޑެއްގައި ހަރުކޮށްފައި ބެހެއްޓުމެވެ. މީސްތަކުންނަށް ފެނި އެބައިމީހުން އެކަމުގެ ސަބަބުން ކުށްކުރުމަށް ބިރުގަނެ ޖެހިލުންވުމަށްޓަކައެވެ. އަދި އެކަމުގެ ވާހަކަ މީސްތަކުންގެ މެދުގައި ދެކެވި އާންމުވެ، އޭގެ ފަހަށް އިބުރަތް ލިބުމަށްޓަކައެވެ. އަދި އެއީ އާޔަތުގައި ބަޔާންވެގެންވާ ފަދަ ދުނިޔޭގައި އެފަދަ ފަރާތްތަކަށް ލިބިގެންދާނެ ނިކަމެތިކަމެއްވެސްމެއެވެ. އެއީ އެކަންކުރި މީހުން އެކުރި ނުބައިކަމުގެ ބޮޑުކަމާއި އޭގެ ގެއްލުމުގެ ބޮޑުކަމަށްޓަކައެވެ.

ސުއޫދީ އަރަބިއްޔާގެ ބޮޑެތި އިލްމުވެރިންގެ ފަތުވާ ކައުންސިލްގެ 138 (20/6/1407ހ) ވަނަ ނަންބަރު ފަތުވާގައިވެސް އައިސްފައިވެއެވެ. 'މަސްތުވާތަކެތި އެއްތަނުން އަނެއް ތަނަށް ގެންދާ މީހާގެ ހުކުމަކީ މެރުމެވެ. މަސްތުވާތަކެތި ދައުރުކުރުމާއި ގައުމުތަކަށް އެތެރެކުރުމުގެ ސަބަބުން ނުކުންނަ ފަސާދައިގެ ބޮޑުކަމަށްޓަކަ އެވެ. އޭގެ ފަސާދަ ހުއްޓިފައި އޮންނަނީ އެ އެތެރެކުރާ މީހާގެ ނަފުސާ ހަމައިގައި އެކަންޏެއް ނޫނެވެ. އަދި އޭގެ ސަބަބުން މުޅި އުންމަތަށް ދިމާވާ ނުރައްކާތަކުގެ ބޮޑުކަމަށްޓަކައެވެ.

ހުލާސާއަކީ މަސްތުވާތަކެތި ވިޔަފާރިކުރާ މީހުން އާންމު މައިދާންތަކުގައި ގަތުލުކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދިކިއެއްތަ އެއީ އަޅުތަކުންނާއި ރަށްތައް ފަސާދަކުރާ އެހަޑިމުޑުދާރު ވިޔަފާރިން މީސްތަކުން ދުރުހެލިކޮށް ބިރުވެތިކުރުވުމަށްޓަކައި ޝަރުޢުކުރެވިގެންވާ ކަމެކެވެ.

ލިޔުމުގެ ދެވަނަ ޕެރެގްރާފުން ފެށިގެން އިސްވެ ދިޔަ ވާހަކަތަކަކީ އަޅުގަނޑުގެ އިބާރާތްތަކެއް ނޫނެވެ. ގަތަރުގެ ވުޒާރަތުލް އައުޤާފުން ސުޕަވައިޒްކުރާ ވެބްސައިޓެއްކަމުގައިވާ އިސްލާމްވެބްގައި "މަސްތުވާތަކެތި ވިޔަފާރިކުރާ މީހުން އާންމު މައިދާނެއްގައި ދަންޖެއްސުން ހުއްދަވާނެތަ؟" މިގޮތަށް އާންމު މީހަކު ފޮނުވި ސުވާލަކަށް ދީފައިވާ ޖަވާބުގެ ދިވެހި ތަރުޖަމާއެވެ. މިއީ އިލްމުވެރިންގެ ބޮޑު ޖަމާއަތަކުން ހިންގާ ވެބްސައިޓަކަށްވީހިނދު މީގައި ހިމެނިފައި މިވަނީ އެތައް އިލްމުވެރިންނެއްގެ ދިރާސާގެ މައްޗަށް އޮތް ނިންމުމެކެވެ.

އަދި މި ޖަވާބުގައި ހަވާލާދެއްވާފައިވާ ސުއޫދީ އަރަބިއްޔާގެ ބޮޑެތި އިލްމުވެރިންގެ ފަތުވާ ކައުންސިލްގެ ފަތުވާ ވެސް އަޅުގަނޑު ބަލައިފީމެވެ. އެފަތުވާގައި ބަޔާންކުރާ ގޮތުން ވެސް އެއްތަނުން އަނެއް ތަނަށް މަސްތުވާތަކެތި އުފުލާ ދައުރުކުރާ މީހުންނަށް އޮތް ޝަރުޢީ އަދަބަކީ އެމީހުން މެރުމެވެ. ސަބަބެއްކަމުގައި ބަޔާންކުރަނީ، އެބައިމީހުން ބިމުގައި އެއުފައްދާ ފަސާދައިގެ ބޮޑުކަމުން، އެކަމަކީ މަގުފޭރުމަށްވުރެ ނުބައިކަންބޮޑު ކަމެއްކަން ފާހަގަކުރެވޭތީއެވެ. އަދި އެތަކެތި ގަނެވިއްކާ މީހުންވެސް ޖަލު އަދި އެނޫންވެސް އަދަބެއް ދިނުމުންވެސް އެކަން ހުއްޓުމެއް ނެތި ތަކުރާރުކުރާނަމަ، އެފަދަ މީހުން ވެސް ގަތުލުކުރުން ހުއްދަކަމުގައި ބަޔާންކުރެއެވެ. އެހެނީ އެފަދަ މީހާ މަރާލުމުގައި މުސްލިމުންގެ ބުއްދިތަކަށާއި ދިރިއުޅުމަށް ރައްކާތެރިކަންވާތީ އެވެ.

ޑރ އަލްޢައްލާމާ ޔޫސުފުލް ޤަރަޟާވީ މި މައުލޫގައި ދެއްވި ދިގު ފަތުވާއެއްގެ ފަހަތުބައިގެ ތަރުޖަމާވެސް މިތަނުގައި ނަކަލުކޮށްލާނަމެވެ. "އިސްވެ ދިޔަ ކަންކަމުން ބަޔާންވެ އެނގިގެންދަނީ ހަޝީޝްއާއި އަފިހުނާއި ހެރޮއިންފަދަ މަސްތުވާއެއްޗެއްސަކީ މުސްލިމުން އެންމެން އެއްބަސްވާ ގޮތުގެ މަތީން އެންމެ ބޮޑުކޮށް ޙަރާންވެގެންވާ ތަކެއްޗެވެ. އަދި ވަކީން ހާއްސަކޮށް އޭގެ ތެރެއިން ވެސް ނުރައްކާތެރިކަން ބޮޑު މިޒަމާނުގައި 'ހުދު ކުލައިގެ ވިހަތައް' ކަމުގައި ބުނެވޭ ތަކެއްޗެވެ. މިއެންމެހާ ތަކެއްޗަކީ ބޮޑެތި ނުބައިކަންބޮޑު ފާފަތަކުގެ ތެރޭގައި ހިމެނޭ އަދި އެތަކެތި ބޭނުންކުރުމުން ޢުގޫބާތް ހައްގުވެގެންވާ ބާވަތުގެ ތަކެއްޗެވެ. އެތަކެތި އިޝްތިހާރުކޮށް ވިޔަފާރިކުރާ މީހާއާމެދު އެދެވިގެންވަނީ އެފަދަ މީހާގެ އަދަބަކީ މެރުންކަމުގައި ހެދުމެވެ. އެހެނީ އޭނާ މުއްސަނދިވުމަށްޓަކައި ވިޔަފާރި އެކުރަނީ އުންމަތުގެ ފުރާނަތަކުންނެވެ. އަލްބަޤަރާ ސޫރަތުގެ 179 ވަނަ އާޔަތުގައިވާ ފަދައިން އޭނާގެ ކިބައިން ޤިޞާޞް ހިފުން މާ އައުލާވެގެންވެއެވެ. 'އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކަ އެވެ.'

ފިގުހުވެރިންކުރެ މުޙައްޤިޤުންގެ އަރިހުގައި ތައުޒީރުގެ އަދަބަކީވެސް އެކަމެއްގައި ހިމެނޭ ފަސާދައެއްގެ ނިސްބަތަށް ބަލައިގެން މުޖުރިމުންނަށް މަރުގެ އަދަބު ކަނޑައެޅޭހެން އޮންނަ ކަމެކެވެ. މިބައިމީހުންނަކީ އެމީހުންނަށް ހުރަސްއަޅާ ކޮންމެ ބަޔަކާ އިދިކޮޅަށް ގަދަ ދައްކައި ކުރިމަތިލުމުގެ ބާރުވެރިކަމާއި މާލީ ފުދުންތެރިކަންވެސް ލިބިފައި އޮންނަ ބަޔަކުކަމުގައިވާ ކަމަށްޓަކައި މިބައިމީހުންނަކީ އަލްމާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި ބަޔާންވެފައިވާ ﷲ އާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަކުރާ އަދި ބިންމަތީގައި ފަސާދަކުރުމަށް އުޅޭ މީހުންގެ ތެރޭގައި ހިމެނިގެންވާ ވައްތަރެކެވެ. ކިއެއްހެއްޔެވެ؟ ހަގީގަތަށް ބަލާނަމަ މިމީހުންގެ ނުބައިކަމާއި ފަސާދަ މަގުފޭރޭ މީހުންނަށްވުރެ ނުބަޔެވެ. އެހެންކަމުން މަގުފޭރޭ މީހުންނަށް ދޭ އަދަބާ އެއް އަދަބެއް އެމީހުންނަށް ދިނުމުގައި ހަމަ އެއްވެސް މައްސަލައެއް ނެތެވެ. އެއީ އެމީހުންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާހިރަތުގައި، އެމީހުންނަށް ބޮޑުވެގެންވާ އަޒާބުވެ އެވެ.'"

ތައުޒީރުގެ އަދަބެއްގެ ގޮތުން މެރިދާނެތޯ ނޫންތޯ އިލްމުވެރިންގެ މެދުގައި ހިސާބަކަށް ހިލާފު ހުރިނަމަވެސް، ޑރ ޤަރަޟާވީ އިޝާރާތްކުރައްވާފައިވާ ފަދައިން ތައުޒީރީ އަދަބެއްގެ ގޮތުން މަރުގެ އަދަބުދިނުމަކީ ފިގުހު އިލްމުވެރިންކުރެ މުޙައްޤިޤުންގެ އަރިހުގައި ހުއްދަ ކަމެކެވެ. އަދި ފަސާދައިގެ ކުޑަބޮޑުމިނަށް ބަލައި ހައްދުކަނޑައެޅިފައިނުވާ ކަންކަމުގައި މަރުގެ އަދަބު ދިނުން މިޒަމާނުގެ ގިނަ އިލްމުވެރިންނާއި ފަތުވާ ކޮމިޓީތަކުންވެސް ހުއްދަކުރެ އެވެ. އަދި ބައެއް އިލްމުވެރިން އެކަން ހުއްދަކުރަނީ އެކަންޏެއް ނޫނެވެ. އެއީ އެނޫން ގޮތެއް ހަދައިފިނަމަ ފާފަވެރިވާނެ ފަދައިން އެއަދަބުދިނުން ވާޖިބުކަމުގައި ވެސް ފަތުވާދެއްވަނީއެވެ.