15 އޮގަސްޓު 2024 - 14:14 0
މުހައްމަދު ޝަހްޒާން
15 އޮގަސްޓު 2024 - 14:14 0
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ މިނިސްޓަރު، އާދަމް ރަމީޒު މަގާމުން ވަކި ކޮށްފި އެވެ.
ރަމީޒު ވަޒީފާއިން ވަކި ކުރިކަން، ސަރުކާރުގެ ބައެއް އޮފިޝަލުން "އަދަދު" އަށް ކަށަވަރު ކޮށްދިނެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ރަމީޒުގެ ފޮޓޯ މިހާރު ވަނީ ނަގައިފަ އެވެ.
މިނިސްޓަރެއްގެ ފެންވަރުގައި ހުންނެވި ބޭފުޅަކު ރައީސް މުއިއްޒު ވަކިކުރި މިއީ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން 27، އިން ފެށިގެން ރަމީޒު ހުރީ ސަސްޕެންޝަނުގަ އެވެ. ނަމަވެސް އޭނާގެ ބަލަމުންދިޔައީ ކޮން މައްސަލައެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ރަމީޒު މަގާމުން ވަކި ކޮށްފައި މިވަނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމެންޓު މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު ފާތިމަތު ޝަމްނާޒު ރައީސް މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ބުނެ ހައްޔަރު ކޮށްގެން އެތައް ދުވަހަކު ގެންގުޅުމަށްފަހު އެވެ.
ވިހި ދުވަސްވަން ދެން ބަންދުގައި ބަހެއްޓުމަށްފަހު ޝަމްނާޒު ދޫކޮށްލީ މިދިޔަ ޖުލައި 13، ގަ އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ އޭނާއާ ދެކޮޅަށް އެ މައްސަލައިގައި ދައުވާ ނުކުރުމަށެވެ. އެއީ އެއްވެސް ހެއްކެއް ނެތުމުންނެވެ.
ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ރަމީޒެވެ. ޕީޕީއެމްއިން ރަމީޒު ވަކިކުރީ ވެސް ރައީސް މުއިއްޒަށް ޓިކެޓު ހޯދައި ދިނުމަށް ސިއްރިޔާތުގައި މަސައްކަތް ކުރަމުން ދިޔަ ކަމަށް ތުހުމަތުކޮށްފަ އެވެ.
ރައީސް މުއިއްޒުގެ "ކަނާތުގެ ގޮތުގައި" ފެނިގެން ދިޔަ ރަމީޒުއާ އޮތް ގުޅުން ދުރުކަން ފާހަގަ ވެގެން ދިޔައީ ނިމިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަކި ހިސާބުންނެވެ. އެ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒުގެ އަރިހުގައި ދަތުރުތަކުގައި ވެސް، އަދި ބައެއް ކެންޑިޑޭޓުންގެ ކެމްޕޭނުގައި ވެސް ރަމީޒު ބައިވެރިވެވަޑައިގަތެވެ.
ރައީސް މުއިއްޒު އާއި ރަމީޒުގެ ގުޅުން ގާތް ވެގެން ދިޔައީ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އޭރު ސިޓީ ކައުންސިލުގެ އެންމެ ބާރުގަދަ މެންބަރަކަށް ވެސް ހުންނެވީ ރަމީޒު އެވެ. އަދި މުހިއްމު ކޮމިޓީތައް ބެލެހެއްޓުން ހަވާލުކޮށްފައި އޮތީ ވެސް އޭނާއާ އެވެ.
Comment