Advertisement

އާ ގާނޫނުގެ ދަށުން ގޭންގު މެންބަރުންނަކީ ކޮބައިކަން ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުން

15 އޮގަސްޓު 2024 - 10:28 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން -- ފޮޓޯ: އަދަދު


އާ ގާނޫނުގެ ދަށުން ގޭންގު މެންބަރުންނަކީ ކޮބައިކަން ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުން

15 އޮގަސްޓު 2024 - 10:28 0

ގޭންގުތަކަކީ ކޮބައިކަމާއި ގޭންގު މެންބަރުންނަކީ ކޮންބައެއްކަމާއި ގޭންގުތަކުގެ ލީޑަރުންނަކީ ކޮބައިކަން ކަނޑައަޅާނީ ފަސް މެންބަރުންގެ ހާއްސަ ކޮމެޓީއަކުން ކަމަށް، ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލުގެ ނަމުގައި މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ޑްރާފްޓުގައި ހިމަނައިފި އެވެ.

އެ ބިލުގެ ވަރަށް ތަފުސީލުކޮށް ގޭންގުތައް ގޮތުގައި ބެލެނެ ސިފަތައް ހިމަނާފައިވެ އެވެ. އެ ސިފަތައް ފުރިހަމަވާ ކަމަށް ބަލައި ގޭންގެއް ކަމަށް ނިންމުމުގެ ނިންމުމުގެ ބާރާއި އެ ގޭންގުތަކަށް ނިސްބަތްވާ މީހުންނަކީ ކޮބައިކަމާއި އެ ގޭންގެއްގެ ލީޑަރަކީ ކާކުކަން ކަނޑައެޅުމުގެ ބާރު އެ ބިލުގައި ދީފައި ވަނީ ފަސް މެންބަރުންގެ ހާއްސަ ކޮމެޓީއަކަށެވެ. އެ ކޮމެޓީގައި ހިމެނެނީ:

  • ހޯމް މިނިސްޓަރު
  • ޕޮލިސް ކޮމިޝަނަރު
  • ޗީފް އޮފް ޑިފެންސް ފޯސް
  • ފުލުހުންގެ އިންޓެލިޖެންސް ވެރިޔާ
  • ސިފައިންގެ އިންޓެލިޖެންސް ވެރިޔާ

އެ ބިލުގައި ވާގޮތުން ގޭންގެއް ކަމަށް ބަލަނީ ރަށެއްގެ ނުވަތަ ސިޓީއެއްގެ ވަކި ސަރަހައްދަކީ ވަކި ބަޔަކަށް ނިސްބަތްވާ ތަނެއްކަން ދައްކަން އެ ސަރަހައްދެއްގެ މަގުތަކުގައި އެ ބަޔަކު ރަމްޒު ކޮށްދޭ ގްރެފިޓީ އާއި ކުރެހުން ކުރެހުމުގެ އިތުރުން ވަކި ސަރަހައްދެއް އެއީ ވަކި ބަޔަކަށް ނިސްބަތްވާ ތަނެއްކަމަށް ސިފަވާ ގޮތަށް އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރާ މީހުންނެވެ.

އޭގެ އިތުރުން އެ ސަރަހައްދުތަކަށް ގޮސް އުޅޭ ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރާ މީހުންނަކީ ތަކުރާރުކޮށް ޖިނާއީ ކުށްތަކަށް އަރައިގަންނަ ބަޔަކަށް ވުމާއި ވަކި ސަރަހައްދެއްގައި ގުރޫޕު ހަދައިގެން އުޅޭއުޅުމުގައި އެ ބަޔަކު އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަމަލުތަކާއި އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލުތައް ހިންގުމުގައި މަސްއޫލުވެ އުޅޭ ބައެއްކަން ފުލުހުންގެ ރިކޯޑުތަކުން އެނގެން އޮންނަ ފަރާތްތަކަކީ ވެސް ގޭންގުތައް ކަމުގައި ބެލޭނެ ކަމަށް އެ ބިލުގައި ލިޔެފައިވެ އެވެ.

އޭގެ މައްޗަށް ބިނާކޮށް ގޭންގުތައް ގޮތުގައި ކަނޑައަޅާ ހިސާބުތަކަށް ނިސްބަތްވާ ގޭންގު މެންބަރުންގެ ގޮތުގައި ބަލާނީ މި ކަންތައްތަކުގެ ތެރެއިން ދެ ސިފައެއް ފުރިހަމަވާ ނަމަ އެެވެ. އެއީ:

  • ޖިނާއީ ކުށެއް ކުރުމުގެ ތުހުމަތު ކުރެވިގެން ހައްޔަރު ކޮށްފައިވާކަން ފުލުހުންގެ އިދާރާގައި ރިކޯޑު ކުރެވިފައި އޮތުން ނުވަތަ ޖީނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން މައްސަލަ ތަހުގީގު ކޮށްފައިވުން ނުވަތަ ތަހުގީގު ހިނގަމުންދާ ނުވަތަ ކުށެއްގެ ދައުވާ އެއްވެސް އިރެއްގައި އުފުލިފައިވާ ފަރާތްތައް
  • ގޭންގުތަކަށް ނިސްބަތްވާ ތަންތަނުގެ ގޮތުގައި ކޮމެޓީން ކަނޑައަޅާ ސަރަހައްދެއްގައި ހުތިކަމަށް ފުލުހުންގެ އިދާރާގައި ރިކޯޑު ކުރެވިފައިވާ މައުލޫމާތުން އެނގުން ނުވަތަ އެފަދަ ސަރަހައްދަކުން ލިބެން ހުރި ސީސީޓިވީ ފުޓޭޖުން އެމީހަކު އެތަނެއްގައި ހުރިކަން އެނގުން
  • ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ނުވަތަ އާންމު ދިރިއުޅުމުގައި އުޅޭއުޅުމުގައި އެ މީހަކީ ކުށުގެ ރިކޯޑު އޮންނަ ވަކި ބަޔަކާއެކު އުޅޭ ނުވަތަ އެފަދަ ބަޔަކު ޕްރޮމޯޓު ކުރަން ނުވަތަ އެފަދަ މީހުން ތިބޭ ސަރަހައްދަކަށް ނިސްބަތްވާ މީހެއްކަން ދެއްކުމަށް އެފަދަ މީހުން ބޭނުން ކުރާ ނިޝާނެއް ނުވަތަ ކުރެހުމެއް ނުވަތަ ހެދުމެއް ބޭނުންކޮށް އެގޮތަށް ދެއްކުމަށް މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައި ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގެން އޮތުން

އޭގެ އިތުރުން ވެސް އެ މީހަކީ ގޭންގު މެންބަރެއް ކަމަށް އަމިއްލައަށް އިއުތިރާފުވުން ނުވަތަ ކުށް ކުރާ ގޭންގަކާ ގުޅުން ހުރި ޓެޓޫއެއް ގައިގެ އެއްވެސް ތަނެއްގައި ހުރުން އަދި، ބެލެނިވެރިއެއް، ނުވަތަ ބެލިވެރިއަކުން ހިމެނޭ ގޮތަށް އިތުބާރު ހުރި މަސްދަރަކުން އެ މީހަކީ ގޭންގު މެންބަރެއްކަން އެނގުމުން ވެސް އެއީ ގޭންގު މެންބަރުންކަމަށް ކަނޑައެޅޭނެ ކަމަށް ބިލުގައި ލިޔެފައިވެ އެވެ.

ގޭންގު ލީޑަރެއް ނުވަތަ ގޭންގު މެންބަރެއްގެ ގަރާތުން މާއްދީ ފައިދާއެއް ލިބިފައިވިޔަސް ނުވަތަ ގޭންގު ލީޑަރެއް ނުވަތަ ގޭންގެއްގައި ހަރަކާތްތެރިވާ އެއްވެސް މީހެއްގެ އިރުޝާދުގެ މަތިން ތަކުރާރުކޮށް ހަރަކާތްތައް ހިންގާ މީހުންނަކީ ވެސް ގޭންގު މެންބަރަން ކަމުގައި ބެލޭނެ ކަމަށް ބިލުގައި ލިޔެފައިވެ އެވެ.

އެ ބިލު ގާނޫނަކަށް ވުމުން އެ ސިފަތަކުގެ މައްޗަށް ބިނާކޮށް ގޭންގު މެންބަރުންނާއި ގޭންގުތަކުގެ ލީޑަރުން ކަމަށް ކޮމެޓީން ކަނޑައަޅާ މީހުންގެ ވަނަވަރާއި ފޮޓޯ ހިމެނޭ ލިސްޓެއް ކޮންމެ ހަ މަހަކުން އާންމު ކުރަންޖެހޭނެ އެވެ.

އެގޮތަށް އާންމު ކުރާ މީހުންނާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ހިމަނާފައިވެ އެވެ. އަދި، އެ ލިސްޓުގައި ހިމެނޭ މީހުންނަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް ދިނުން މަނާ ކުރުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން، ކޮމެޓީން ގޭންގު މެންބަރެއް ކަމަށް ކަނޑައަޅާ މީހުންނަށް އިންތިހާބީ އެއްވެސް މަގާމަކަށް ކުރިމަތި ލުން އެ ގާނޫނުގެ ދަށުން މަނާ ކުރަން ބިލުގައި ހިމަނާފައިވެ އެވެ. އަދި، ގޭންގު މެންބަރެއް ކަމަށް ކަނޑައަޅާ މީހަކު އިންތިހާބީ މަގާމެއްގައި ހުރިނަމަ، އެ މީހެއްގެ މަގާމު ގެއްލޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ގޭންގު މެންބަރުން ކަމަށް ކަނޑައަޅައި، އިއުލާނު ކުރާ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މީހެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި ނަމަ އެ މީހެއްގެ ނަން މަތީގައި ހުރި ވިޔަފާރިތަކާއި ބޭންކު އެކައުންޓުތައް ތަހުގީގު ނިމެންދެން ހިފެހެއްޓުމުގެ ބާރު ވެސް ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ.

ހަމަ އެހެންމެ، ގޭންގު މެންބަރުންގެ ގޮތުގައި ކަނޑައަޅާ މީހުން އުޅޭ ނޫޅޭ ގޮތް މޮނިޓާ ކުރުމުގެ ބޭނުމަށް އެ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެވޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.