14 އޮގަސްޓު 2024 - 14:52 1
މުހައްމަދު ޝަހްޒާން
މާލެއަށް އެކަނިވެސް އިއްޔެ 89.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ. -- ފޮޓޯ: އަތޫފް އާތިފް / އަދަދު
14 އޮގަސްޓު 2024 - 14:52 1
ވިއްސާރައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އަދި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ އާއި ޗިކުންގުންޏާ ފަދަ ބަލިތައް ފެތުރުން އެކަށީގެންވާ ކަމަށް ބުނެ ފެންގަނޑުތަކަށް އެރި ކުޅެ ނުހެދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ޖަންގުޝަންތައް ފުރި ނަޖިސް ބޭރުވުމާއި ފެން ހަރުލާފައި ހުންނަ ތަންތަނުގައި މަދިރި އާލާވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އެގޮތުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ އިތުރުން ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ ބަލިތަކާއި ގޭގޭގައި ފަންގަސް ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް ފެތުރުން އެކަށީގެންވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.
އަދި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޏާ އައި ޑެންގީ އާއި ޗިކުންގުންޏާ ފަދަ ބަލިތައް ވެސް ގިނަވެގެން ދިޔުން ގާތް ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން، ބޯކޮށް ވާރޭވެހި އުފެދޭ ފެންގަނޑަށް ކޮންމެހެން އެރެން ޖެހިގެން ނޫނީ ނޭރުމާއި އެރެން ޖެހިއްޖެ ހާލަތެއްގައި ވެސް ރަބަރު ބޫޓާއި ރަބަރު އަންގި ފަދަ ނުތެމޭނެ، ވޯޓާ ޕްރޫފް ތަކެތި ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ. މަގުތައް މަތީ ހެދޭ ފެންގަނޑުތަކަށް އެރި ކުޅެ ހެދުމުގެ ފުރުސަތު ކުޑަކުދިންނަށް ނުދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.
އޭގެއިތުރުން ފެން ހިންދަން އުޅޭ ފަރާތްތަކުން ވެސް، ފެންގަނޑުގައި ޖެހުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްފައި ދޮވުމާއި ދަނޑުބިންތަކުގައި ފެން ބޮޑުވެފައިވާނަމަ، އެތަންތަނުން ކަނޑާ ކާބޯތަކެތި ރަނގަޅަށް ދޮވެގެން ބޭނުން ކުރުމަށް އެޗްޕީއޭގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.
އަދި، ބޭނުން ކުރުމުގެ ކުރިން ވަޅުފެން ކުލޮރިން ކުރުމާއި ވާރޭފެން ކެއްކުމާއި ފެން ހަރުލާ ފަދަ ތަންތަން ސާފުކޮށް ފެން ހަރުނުލާނޭހެން އެ ތަންތަން ރަނގަޅަށް ބަންދު ކުރުމުގެ އިތުރުން ދިޔަދޮވިތައް ބެދުނަ ނުދީ ސާފު ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅަށް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ.
އެގޮތުން ފާއިތުވި 48 ގަޑިއިރު ތެރޭގައި އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ރަށްރަށުގައި ފެންބޮޑުވެފައިވެ އެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށެވެ. މާލެއަށް އެކަނިވެސް އިއްޔެ 89.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ހުޅުލެއަށް އިއްޔެ 63.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުމާލެއަށް އިއްޔެ 42.1 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މާލެއަށް އިއްޔެ ހެނދުނުން ފެށިގެން ކުރި ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު 23 މީހަކު ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމަށާއި ނަރުދަމާގެ މައްސަލަ ދިމާވި 12 ގެއަކަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު (އެންޑީއެމްއޭ) އިން ބުންޏެވެ.
Comment