ފާއިތުވި 24 ގަޑިއިރު ތެރޭގައި ކުރި ވިއްސާރައިގައި މެދުކެނޑުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އިއްޔެގެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. މިއީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހުނު ރަށެވެ.
ވަކިން ހާއްސަކޮށް މާފަންނު ކޮޅުގައި ފެން ބޮޑުވެފައިވާއިރު ފެން ހިންދަން ސިފައިންނާއި ސިޓީ ކައުންސިލް ގުޅިގެން ވަނީ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ވެސް ދަނީ ބައިވެރިވަމުންނެވެ.
ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެކި އެލާޓުތައް މެޓް އޮފީހުން ދަނީ ނެރެމުންނެވެ. މިވަގުތު ވެސް މުޅި ރާއްޖެއަށް ހެން އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްހެން މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. އަދި، މި ދުވަސްވަރު ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށްވެސް މެޓުން އިލްތިމާސްކޮށްފައިވެ އެވެ.
ދެ މޫސުން ބެދޭ މި ދުވަސްވަރަކީ އާންމުކޮށްވެސް މޫސުން ގޯސްވާ ދުވަސްވަރެކެވެ. މެޓުން ލަފާކުރާ ގޮތުގައި މި ދުވަސްވަރު ވިލާގަނޑުގައި 55 މޭލާ ހަމައަށް ވައި ގަދަވާނެ އެވެ.
Comment