13 އޮގަސްޓު 2024 - 12:42 0
ލީވާން އަލީ ނާސިރު
އަރަބިއްޔާ ސްކޫލް: ކުރެހުމަށް ގެނައި ބަދަލާއެކު އަރަބިއްޔާގެ މަސައްކަތް ނުފެށި ހުއްޓިފައި -- ފޮޓޯ: އަދަދު
13 އޮގަސްޓު 2024 - 12:42 0
އަރަބިއްޔާ ސްކޫލްގެ ކުރެހުމަށް ގެނައި ބަދަލާއެކު އެ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ނުފެށި ދިގުލައިފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ މަސައްކަތް ނުފެށި ދިގުލައިގެން ދަނީ އެޑިއުކޭޝަނުން މިނިސްޓްރީން ސްކޫލުގެ ކުރެހުމަށް ގެނައި ބަދަލަށްފަހު ކޮންޓްރެކްޓަރު ކިޔާ އަގު ބޮޑުވުމުންނެވެ. އެ މަސައްކަތުގެ ކޮންޓްރެކްޓަރަކީ އަމީން ކޮންސްޓްރަކްޝަން އެވެ.
"އެ ބިމުގައި އިމާރާތް ކުރަން ވެސް ދަތި. މުޅި ޑިޒައިން ކޮންސެޕްޓްތައް ވެސް ބަދަލުކޮށް، ޑިޒައިން ވެސް ނިމި މިހާރު ހުރީ ބެލެނިވެރިންނާ ޝެއާ ކުރާ ހިސާބުގައި،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެ މަސައްކަތް އަމީންއާ ހަވާލުކުރީ 168.5 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ކުރެހުމަށް ގެނައި ބަދަލާއެކު އަމީންއިން މިހާރު މަސައްކަތަށް ހުށަހަޅަނީ 240 މިލިން ރުފިޔާކަން ވަނީ އެނގިފަ އެވެ.
ޝަފީއު ވިދާޅުވީ ކުރެހުމަށް ގެނައި ބަދަލާއެކު މަސައްކަތަށް ހަރަދުވާނެ ކަމަށް ލަފާކުރެވެނީ 215 މިލިއަން ރުފިޔާ އާއި 218 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.
"އަރަބިއްޔާގެ ކުދިންނަކަށް ކިޔަވައި ދިނުމަށް ގާނޫނުގައި އެބުނާ އެއްވެސް ދަތިތަކެއް މިހާރުކު ނެތް. އެކަމަކު އަވަސް އަރުވާލައިގެން އަގުބޮޑުކޮށް އެކަން ކުރީމަ ރައްޔިތުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެ،" ޝަފީއު ވިދާޅުވި އެވެ.
ސްކޫލުގެ ކުރެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ބަދަލު ގެންނަން ނިންމީ ބިމުގައި ލޭންޑް ފިލްކުރަން ޖެހޭތީ އެވެ. ނަމަވެސް ކުރެހުމަށް އިތުރު ބަދަލުތައް ގެނެސް، ތިން ފްލޯ އިތުރުކޮށް، އަންޑަ ގްރައުންޑް ޕާކިން އާއި ހޯލުގެ އިތުރުން ދަނޑު ހެދުން ވަނީ ހިމަނާފަ އެވެ.
މި ލަސްތައް އައި ނަމަވެސް ސްކޫލުގެ މަސައްކަތް ދެ އަހަރު ދުވަސް ތެރޭގައި ނިންމައި ޖެނުއަރީ، 2026 ގައި ކިޔަވައި ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިނިސްޓަރު ދެއްވި އެވެ.
އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެށި ކަމަށް ސަރުކާރުން ފާހަގަކުރި ހަފުތާ 14 ގައި ހިމަނާ، އެ މަސައްކަތް ބައްލަވާލައްވަން ފެބްރުއަރީ 24، ގައި މިނިސްޓަރު ވަޑައިގެންނެވި ކަމަށް ބުނެ އެޑިއުކޭޝަނުން ސޯޝަލް މީޑިއާގައި ޕޯސްޓުވެސް ކުރި އެވެ.
ނަމަވެސް އޭގެ ފަހުން ހަ މަސް ވެގެންދިޔައިރު ވެސް ސްކޫލް އަޅާ އިމާރާތުގެ ބިން ސާފުކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެތަނުގައި ކޮށްފަ އެއް ނުވެ އެވެ.
Comment