13 އޮގަސްޓު 2024 - 13:09 0
ސާއިފް ޝިޔާދު
13 އޮގަސްޓު 2024 - 13:09 0
ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެންނައިރު ދައްކަން ޖެހޭ ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ އަދި ބަހައްޓަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓަށް ގެންނަ ބައެއް ބަދަލުތަކާ މެދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ހިޔާލު ތަފާތުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ގެންދަނީ ދިރާސާކުރަމުންނެވެ. މިއަދު އޮތް ބައްދަލުވުމުގައި މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ފާހަގަކުރެއްވި މައިގަނޑު ނުކުތާއަކީ ގާނޫނަކުން ކަނޑައަޅަން ޖެހޭ ފީތަކެއް ގަވާއިދެއްގެ ދަށުން ކަނޑައެޅޭ ގޮތަށް ބަދަލުކުރުމެވެ.
ރ. މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާފައިވާ ކޯޓާ ފީ, މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު, އަދި ގިނަވެގެން 18 (އަށާރަ) މަސްދުވަހުގެ މުއްދަތަށް ވުރެ ކުރު ނުވާނެ ގޮތުގެ މަތިން މުރާޖައާކޮށް, އެ ފީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިދާނެ އެވެ. ބ. މި މާއްދާގެ (ރ) ގެ ދަށުން މުރާޖައާ ކުރުމަށް ފަހު ކަނޑައަޅާ ފީ, އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ %30 (ތިރީސް އިންސައްތަ) އަށްވުރެ އިތުރުވެގެންނުވާނެ އެވެ.
އެގޮތަށް 30 ޕަސެންޓުން އިތުރުވާ ގޮތަށް އޮވެގެން ކުރިއަށް ދިޔުމަށް ބުރަ ނުވެވޭނެ ކަމަށާއި އެއީ އެއިރަކު އޮންނަ ސަރުކާރަކަށް ނަޖާއިޒު ފައިދާ ނަގަން ފުރުސަތު އޮންނާނެ ކަމެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވި އެވެ.
"އޭރެއްގައި އޮންނަ ސަރުކާރަކަށް މީގެ ނާޖާއިޒު ފައިދާ ވަރަށް ބޮޑަށް ނެގުމުގެ, ދެންމެ މާމިގިލީ ދާއިރާގެ މެންބަރު ފާހަގަކުރެއްވި ފަދައިން ޓެކްސްތައް އިތުރުވުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު މިވަނީ ގެއްލިފައި," އެ ދެ މާއްދާ އުނިކުރަން ތާއިދުކޮށް ނާޒިމް ވިދާޅުވި އެވެ.
ބ. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން, މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީގައި ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަން ވާނެ އެވެ.
އެ ދެ މާއްދާގެ އިތުރުން ވޯކް ޕާމިޓް ހޯދުމަށް ސެކިއުރިޓީ ޑިޕޮސިޓް ބެހެއްޓުމާ ވެސް ނާޒިމް ދެކޮޅު ހެއްދެވި އެވެ. މިހާރު ވެސް އެކި ގައުމުތަކަށް އެކި އަދަދުތަކުން ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަން ޖެހޭ ކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ.
"މި ގޮތަށް ބްލޭންކެޓްކޮށް ދޫކޮށްލައިފި ކަމަށްވަންޏާ އޭރެއްގައި އޮންނަ ސަރުކާރުން ހީވަނީ ގަވާއިދެއްގެ ތެރެއިން ކިތަންމެ ބޮޑު އަދަދެއް ވެސް ނެގިދާނެ. މިހާރު ވެސް މީހުން ރާއްޖޭއަށް ގެނައުމުގައި ދިމާވަނީ ގިނަ އަދަދަކަށް ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަން ޖެހޭ މައްސަލަ," ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކި އަދަދެއް އެ މާއްދާގައި ހިމަނަން ޖެހެ އެވެ. އަދި, ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ފައިސާ ނުވަތަ ބޭންކް ގެެރެންޓީއެއް ބެހެއްޓުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ. ގާސިމް ވެސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވީ ވަކި އަދަދެއް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ކަނޑައަޅާފައި ނުވުމެވެ.
ވ. މި މާއްދާގެ ދަށުން ހިންގާ ބަލައި ފާސްކުރުމެއްގައި, ގާނޫނާ ހިލާފަށް ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ކަމަށް އެކަށީގެންވާ ހެކީގެއް މައްޗަށް ބިނާކޮށް ސާބިތުވެއްޖެނަމަ, އެފަދަ ފަރާތްތަކާއި މެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ. 1. ގަވާއިދާ ހިލާފަށް ކުރަމުންދިޔަ ވިޔަފާރި ހުއްޓުވުން; 2. ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުންދާ ވޯކްސައިޓް ބަންދުކުރުން; 3. ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރަމުންދާ ބިދޭސީންނާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ހަވާލުކުރުން; 4. ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީ ފަރާތްތައް ޖޫރިމަނާ ކުރުން 5. ގަވާއިދާ ހިލާފަށް މަސައްކަތްކުރި ބިދޭސީ ފަރާތަކީ ވަކި ފަރާތެއްގެ ވަޒީފާގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތެއް ކަމުގައިވާނަމަ, އެ ވަޒީފާދޭ ފަރާތުގެ ހުއްދަ ބާތިލުކުރުން.
މި މާއްދައާ މެދު ވެސް ހިޔާލު ތަފާތުވުންތަކެއް ގާސިމް ހިއްސާކުރެއްވި އެވެ. އެގޮތުން, ސާބިތުވާން ޖެހެނީ މިނިސްޓްރީއަށްތޯ ނުވަތަ ޝަރުއީ ކޯޓަކަށްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެކަން ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހެއްގެ ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓުވާލައި ތަނަކަށް ވަދެ ބަޔަކު ބޭނުންހާ ކަމެއް ޕޮލިޓިކަލީ މޯޓިވޭޓެޑް އިޝޫއެއްގައި ކޮށްލަންވީ. އެހެންވީމައި ރައްޔިތުންނަށް ހިމާޔަތެއް އެއްވެސް ރައްކާތެރިކަމެއް ނެތް. ޝަރީއަތަށް ސާބިތުވެގެން މެނުވީ [ވެގެން ނުވާނެ]," ގާސިމް ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ރޫހަށް ބަލާއިރު ކުށެއް ކުރިކަން ސާބިތުވާން ޖެހެނީ ޝަރީއަތުން ކަމަށާއި މިނިސްޓްރީއަކުން ހަދާ ގަވާއިދަކުން ސާބިތުކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ގާސިމް ކޮމިޓީގައި ވިދާޅުވި އެވެ.
ކޯޓަށް ސާބިތުވުމުން މެނުވީ ފިޔަވަޅު ނޭޅުމަށް ގާސިމް ހުށަހެޅުއްވި ނަމަވެސް އެ މާއްދާ އޮތް ގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment