12 އޮގަސްޓު 2024 - 13:59 0
އަމަން ހަލީމް
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ޑައިބެޓިކް ސޮސައިޓީއާ އެކީ ބޭއްވި ބައްދަލުވުމެއްގައި: ހީނާ ވިދާޅުވީ ސަރުކާރު ހޮސްޕިޓަލުތަކުގެ ވަސީލަތްތައް މިހާރަށް ވުރެ ތަރައްގީކުރުން ކޮންމެހެން ބޭނުންތެރި ކަމަށް -- ފޮޓޯ: އެންސްޕާ
12 އޮގަސްޓު 2024 - 13:59 0
މާލެ އާއި އަތޮޅު ތެރޭގައި ހުރި ސަރުކާރުގެ ހޮސްޕިޓަލުތައް ތަރައްގީކޮށްގެން މެނުވީ އާސަންދަ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހަރަދުތައް ކުޑަ ނުކުރެވޭނެ ކަމަށް އެ އިދާރާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހީނާ މިހެން ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލުތަކުން ސިއްހީ ފަރުވާ ހޯދަން ރައްޔިތުންގެ ކުރަން ޖެހޭ ހަރަދު ބޮޑުވާ މައްސަލައިގައި އޮތް ހައްލަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ސުވާލަށް ފުރަތަމަ ޖަވާބު ދެއްވީ އާސަންދަ ކުންފުނީގެ ސީއީއޯ އައިމިނަތު ޒީނިޔާ އެވެ. އޭނާ ދެއްވި ޖަވާބުގައި ޕްރައިވެޓް ސެކްޓާގެ އަގުތައް ބޮޑު ކަމަށް އެއްބަސްވެވަޑައިގަންނަވުމުން ވިދާޅުވީ، އެ ކުންފުނީގެ ވިސްނުމަކީ ދެ ފަރާތަށް އެއްބަސްވެވޭ ޕެކޭޖު އަގުތަކެއް ކަނޑައެޅުން ކަމަށެވެ. އަދި މިކަމަށް ސަރުކާރާއި މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕެކޭޖު ޕްރައިސްއެއް ހަދާފައި ޕެކޭޖު ޕްރައިސްއަށް އަޅުގަނޑުމެންނަށް އެއްބަސްވާ އަގަކަށް ނޫނީ އެ މީހުންނަކަށް އަނެއް [އަގު ނުކުރެވޭނެ]. މީގަ ވަރަށް ބޮޑަށް ޕޮލިސީ ލެވަލްގައި އަޅުގަނޑުމެންނަށް އެއްބާރުލުން ބޭނުންވާނެ މިހާ ހިސާބުން އަޅުގަނޑުމެން މިސާލަކަށް ޕެކޭޖު ނުދީފިއްޔާ ދެން އެ ހިދުމަތެއް ނުލިބޭނެޔޭ ބުނާއިރު،" ޒީނިޔާ ވިދާޅުވި އެވެ.
މިހެން ވިދާޅުވުމަށް ފަހު ޒީނިޔާ ވެސް ދެއްކެވީ މި މައްސަލަ ހައްލުކުރަން ސަރުކާރުގެ ހޮސްޕިޓަލުތައް، ހާއްސަކޮށް އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލު، ރަނގަޅު ކުރަން ޖެހޭ ވާހަކަ އެވެ. އެގޮތުން ރަށްރަށުން ބޭސް ފަރުވާ ހޯދަން މާލެ ހޯދަން އަންނަ މީހުންނަށް ދިމާވާ ހާލަތުގެ މިސާލު ދެއްވަމުން އޭނާ ވިދާޅުވީ އެންމެން ވެސް އިހުތިޔާރު ކުރަނީ އަވަހަށް ދެއްކޭނެ ގޮތެއް ކަމަށެވެ.
"ގިނަ މީހުން ދަނީ އަވަހަށް ދައްކާލަން ނޫނީ އަވަހަށް ސާޖަރީ ހަދަން ނޫނިއްޔާމުން ދަރުވަމަވަންތަ ނޫނީ އައިޖީއެމްއެޗުގެ ކިޔު ބޮޑުވީމާއި، ކިޔުއަށް މަޑުކުރަން ނުޖެހި [ފަރުވާ ހޯދަން]. ރަށްރަށުން އައިސް ތިބޭ މީހުންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވޭ ތިބުމާއި ކެއުމާ، މި ހުރިހާ އެއްޗެއްސާ މާލޭގައި ތިބެން ވީމައި. އެހެންވީމަ ހަމަ އަވަހަށް ދެއްކޭނެ ގޮތަކަށް މި ދަނީ," ޒީނިޔާ ވިދާޅުވި އެވެ.
އާސަންދައިގެ ވާހަކަތަކަށް ބާރު ދެއްވަމުން ހީނާ ވިދާޅުވީ ޕްރައިވެޓު ހޮސްޕިޓަލުތަކުގެ އަގުތައް ބޮޑުވުމުގެ ބުރަ ބޮޑަށް އުފުލަން ޖެހެނީ އެންސްޕާއިން ކަަމަށެވެ. އަދި ޕްރައިވެޓް ހޮސްޕިޓަލުތަކުން ލިބޭ ފަރުވާ އާއި ހިދުމަތްތައް ފޯރުކޮށްދެވޭނެ ވަސީލަތްތައް ގާއިމުކޮށްގެން ނޫނީ ހަރަދުތައް ކުޑަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ހަގީގީ މަންފާ އަޅުގަނޑުމެންނަށް ލިބެން އޮތީ ރާއްޖޭގެ ހޮސްޕިޓަލުތަކުގައި މި ވަސީލަތްތައް ގާއިމުކުރެވިގެން. އެއީ ރާއްޖޭގައި މާލޭގައި އެކަންޏެއް ނޫން. ރާއްޖޭގެ ގިނަ ހޮސްޕިޓަލުތަކުގައި ރަށްރަށުގެ ހޮސްޕިޓަލުތަކުގައި ވެސް މި ހިދުމަތްތައް ތައާރަފުކުރެވި، ރައްޔިތުންނަށް މި ހިދުމަތް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިގެން،" ހީނާ ވިދާޅުވި އެވެ.
އާސަންދައިން މިދިޔަ އަހަރު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2012 އިން 2022 އަށް ހިނގި ދަހަރުގެ ތެރޭގައި އަމިއްލަ ހޮސްޕިޓަލްތަކަށް 1.8 ބިލިއަން ހަރަދުކޮށްފަ އެވެ.
Comment