16 ނޮވެންބަރު 2024 - 07:38 0
ލީވާން އަލީ ނާސިރު
16 ނޮވެންބަރު 2024 - 07:38 0
ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތަކީ ޕަބްލިކް ސެކްޓަރުންނާއި ޕްރައިވެޓް ސެކްޓަރުން ވެސް ދެމުން އަންނަ ހިދުމަތެކެވެ. ހާއްސަކޮށް އަމިއްލަ ހޮސްޕިޓަލްތަކުގައި ސިއްހީ ހިދުމަތުގެ އަގު ބޮޑުކަމުން، އަގުހެޔޮކޮށް ފެންވަރު ރަނގަޅު ފަރުވާއެއް ހޯދަން ބޭނުންވާ ރައްޔިތުންނަށް މެޑިކަލް އިންޝުއަރެންސް ވަނީ ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވެފަ އެވެ.
ޒަމާނުއްސުރެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މައިގަނޑު ފަރާތަކީ ސަރުކާރު ކަމަށްވެފައި، 2012 ގައި ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް, އާސަންދާ ތައާރަފުކުރި އެވެ.. އެއީ ޕްރައިމަރީ ހެލްތްކެއާ، އެމަޖެންސީ ކެއާ، އަދި ވަކި ހާއްސަ ފަރުވާތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ފޯރުކޮށްދޭ ސްކީމެކެވެ. ނަމަވެސް ކަވަރޭޖްގައިވާ ލިމިޓްތަކާއި އަދި އާސަންދައަށް ފަންޑުކުރުމުގައިހުރި ގޮންޖެހުންތަކުގެ ސަބަބުން އާސަންދައިން އެކަނި މި ހުރިހާ ހަރަދުތަކެއް ކުރުމަށް ވަނީ މިއަދު ނުކުޅެދިފަ އެވެ.
އާސަންދަގެ ހަރަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، ސަރުކާރުތަކަށް މިވަނީ އުފުލެމުންދާ ހަރަދު ހުއްޓުވޭނެ ގޮތްތައް ހޯދަން މަޖުބޫރުވެފަ އެވެ. މަސައްކަތްތަކެއް ކުރި ނަމަވެސް އެއްވެސް ސަރުކާރަކަށް އަދި މާބޮޑު ބަދަލެއް ގެނެވޭ ގޮތެއް ނުވެ އެވެ. ފާއިތުވި ފަސް އަހަރު ތެރޭގައި ކޯވިޑް-19 ގެ ހުރަސްތަކުގެ ސަބަބުން 2020 ގައި ދަށްވުން ފިޔަވައި އާސަންދަގެ ހަރަދުތައް ކުރިއަރަމުން އަންނަ މިންވަރު ވަރަށް ބޮޑަށް މައްޗަށް ޖެހެމުން އަންނަކަން ފާހަގަކުރެވެ އެވެ.
ރާއްޖެއިން ސިއްހީ ހިދުމަތަށް ކުރާ ހަރަދަކީ ޖީޑީޕީގެ އިންސައްތައިން މިންކުރާއިރު ދެކުނު އޭޝިއާގެ ގައުމަކުން ސިއްހީ ހިދުމަތަށްކުރާ އެންމެ ބޮޑު ހޭދަ އެވެ. ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 10 ޕަސަންޓް ސިއްހީ ހަރަދުތަކަށް ހާއްސަކުރާއިރު، މިއީ އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު ވަރަށްބޮޑު އަދަދެކެވެ. ތަފްސީލުކޮށް ބަލާއިރު، 2021 ގައި ޖީޑީޕީގެ އިންސައްތައެއްގެ ގޮތުގައި ސިއްހީ ހަރަދުތައް ހުރީ ބަންގްލަދޭޝްގައި 2.4 ޕަސަންޓް، ބޫޓާންގައި 3.9 ޕަސަންޓް، އިންޑިއާގައި 3.3 ޕަސަންޓް، ނޭޕާލްގައި 5.4 ޕަސަންޓް، އަދި ސްރީލަންކާގައި 4.1 ޕަސަންޓް ގައެވެ. ސިއްހީ ހިދުމަތަށް ކުރާ ހަރަދުތައް މަތިވެފައިވާ ނިސްބަތަށް އަލިއަޅުވާލާއިރު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރަށް ކުރިމަތިވެފައިވާ މާލީބުރަ ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުމެއް ގޮތުގަ އެވެ.
2000 އިން ފެށިގެން 2021 އާ ދެމެދުގެ ތަފާސްހިސާބުގެ ތާރީހީ ޓްރެންޑުން އިތުރަށް ހާމަވެގެންދަނީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ޖީޑީޕީގެ ނިސްބަތުން ބޮޑު އަދަދެއް ސިއްހީ ކަންކަމަށް ހޭދަވާކަމެވެ. ސިއްހީ ދާއިރާއަށް މިކުރެވޭ ހަރަދަކީ ދިވެހިންގެ މެދުގައި ޑިމާންޑްބޮޑު ޒަމާނީ ސިއްހީ ހިދުމަތްތަކަށް ކުރެވޭ ބޮޑު ހަރަދެއްގެ ގޮތުގަ އެވެ.
ބޮޑުވަމުންދާ ސިއްހީ ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވިދާނެތޯ ކުރެވޭ ސުވާލަކީ ވަރަށް މުހިންމު ސުވާލެކެވެ. ހާއްސަކޮށް އާސަންދަ ފަދަ ޕްރޮގްރާމްތަކުގެ ތެރެއިން ސިއްހީ ހިދުމަތުގެ ހަރަދުގެ ބޮޑު ބައެއް ސަރުކާރުން އުފުލަމުންދާއިރު، ބޮޑުވަމުންދާ ސިއްހީ ހަރަދުތަކަކީ ސަރުކާރަށް ދާއިމަށް އުފުލޭނެ ބުރައެއްބާ އެވެ. މިކަމުގެ ސަބަބުން އާސަންދައިން ކަވަރޭޖް ލިމިޓްކުރަން މަޖުބޫރުވެ އެވެ. ދެން އޮތްމަގަކީ ޕްރައިވެޓް އިންޝުއަރަންސް ކަމަށްވާތީ އެދިމާލަށް ރައްޔިތުމީހާ ދާން މަޖުބޫރުވެ އެވެ.
ސިއްހީ ހިދުމަތްތަކުގެ ހަރަދު ބޮޑުވުމުން ޕްރައިވެޓް އިންޝުއަރެންސް ދާއިރާއަށް ވެސް އަސަރުކުރެ އެވެ. އެހެންކަމުން ބޮޑުވަމުންދާ ހަރަދުތަކާއި ފައިހަމަކުރުމަށް އިންޝުއަރަންސް ޕްރީމިއަމް ވެސް ދަނީ އަހަރުން އަހަރަށް ބޮޑުކުރެވެމުންނެވެ. ނަމަވެސް ޕްރީމިޔަމް ބޮޑު ކުރެވޭނީ ވަކިވަރަކަށް ކަން އިންޝުއަރަންސް ފޯރުކޮށްދޭ ފަރާތްތައްވެސް ގަބޫލުކުރޭ – ޕްރީމިޔަމް ބޮޑުވެ އަތްނުފޯރާ ފަށައް އަރަމުންދާ މިދަނޑިވަޅު ބޮޑުވަމުންދާ ސިއްހީ ހިދުމަތްތަކުގެ އަގު ކޮންޓްރޯލް ނުކުރެވިއްޖެނަމަ އާސަންދައަށްވެސް އަދި ޕްރައިވެޓް އިންޝުއަރަންސަށްވެސް މި ހިދުމަތް ކުރިއަށް ގެންދެވޭނެކަމާމެދު ސުވާލު އެފެދެ އެވެ.
ޕްރައިވެޓް މެޑިކަލް އިންޝުއަރަންސް ދިވެހިރާއްޖޭގައި ފެށިގެން އައީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އެވެ. އާސަންދަ ތައާރަފުވެ އާސަންދަގެ ލިމިޓެޝަންތައް ހާމަވަމުން ދިޔަ ވަރަކަށް ޕްރައިވެޓް އިންޝުއަރެންސް ސްކީމްތަކުގެ މަގުބޫލުކަން އިތުރުވެ ގިނަބަޔަކު ޕްރައިވެޓް އިންޝުއަރަންސަށް ޝައުގުވެރިވެ އެވެ. ޕްރައިވެޓް އިންޝުއަރަންސްއިން ފޯރުކޮށްދޭ ކަވަރޭޖްގައި، އާސަންދައިން ފުރިހަމައަށް ކަވަރު ނުކުރެވިދާ ފަރުވާތަކާއި ހިދުމަތްތަކާ، ރާއްޖެއިން ބޭރުގައި ބޭސްފަރުވާއާއި، އަމިއްލަ ހޮސްޕިޓަލުގެ ފަރުވާއާއި، ހާއްސަ ޕްރޮސީޖަރތައް ހިމަނާފައިވެ އެވެ.
ޕްރައިވެޓް މެޑިކަލް އިންޝުއަރެންސް އިން މުހިންމު ރޯލެއް އަދާކުރަމުންދާއިރު، އެދާއިރާއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތައް ފާހަގަކޮށްލުން މުހިންމެވެ.
ފާއިތުވި އަހަރުތަކުގައި މެޑިކަލް އިންޝުއަރެންސް ދާއިރާ ފުޅާވެފައިވާއިރު އެއާއެކު އިތުރު ގޮންޖެހުންތައް ވެސް ވަނީ ފެންމަތިވެފައެވެ. ގްރޮސް ރިޓްން ޕްރީމިއަމްސް – ޕްރީމިޔަމް ނުވަތަ އިންޝުއަރަންސް ނެގުމަށް ދައްކާ އަގު ވަނީ 2021 އިން 2023 އަށް މައްޗަށް ގޮސްފައެވެ. 2018 ވަނަ އަހަރު ގްރޮސް ރިޓްން ޕްރީމިއަމްސް ގޮތުގައި މުޅި އިންޑަސްޓްރީ އަށް ލިބިފައިވަނީ 226.24 މިލިޔަން ރުފިޔާ ކަމުގައިވިޔަސް 2023 ވަނަ އަހަރު މިއަދަދު ދެގުނަވެ 485.54 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އިންޝުއަރަންސަށް ކުރާ ހަރަދު މައްޗައް ދިއުމުގައި، އިންޝުއަރަންސް ނަގާ ފަރާތްތައް އިތުރުވުމާއި އަދި ސިއްހީ ފަރުވާގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ޕްރީމިޔަމް އަށް ގެނެވިފައިވާ ބަދަލުތައް ހިމެނެއެވެ.
ޕްރީމިއަމްގެ ސަބަބުން އާމްދަނީ އިތުރުވެފައިވާއިރު، ރީއިންޝުއަރެންސް – ރީއިންޝުއަރެންސް އަކީ އިންޝުއަރެންސް ކުންފުނީގެ މާލީ ރިސްކްގެ ބައެއް ރީއިންޝުއަރެންސް ކުރާ ފަރާތަށް ބަދަލުކުރުން – ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. 2018 ވަނަ އަހަރު ރީއިންޝުއަރެންސް ކޮށްފައިވަނީ 26.54 މިލިއަން ކަމަށްވާއިރު، 2023 ވަނަ ރީއިންޝުއަރަންސް ކޮށްފައިވަނީ 6.89 މިލިއަން ރުފިޔާއެވެ. މީގެން ދޭހަވަނީ ދިވެހިރާއްޖޭގެ އިންޝުއަރަންސް ކުންފުނިތަކުން ރިސްކް ނަގާ މިންވަރު އިތުރުވެފައިވާ ކަމެވެ.
ޕްރީމިއަމް ބޮޑުވެފައިވީ ނަމަވެސް ހަމައެއާއެކު ކްލޭމްތައް އިތުރުވެ، ކުންފުނިތަކުގެ ފައިދާ ވަނީ ދަށްވެފަ އެވެ. 2018 އިން 2020 އަށް އެވްރެޖްކޮށް ކްލެއިމްގެ ނިސްބަތްހުރީ ގާތްގަނޑަކަށް އަހަރަކު 88 މިލިއަން ރުފިޔާ ގައެވެ. ނަމަވެސް 2022 ވަނަ އަހަރު ކްލޭމްސްގެ ގޮތުގައި 215.67 މިލިއަން ރުފިޔާ ދީފައިވޭ، އަދި 2023 ގައި އެ އަދަދު އިތުރުވެ 323.10 މިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މިކަމުން ދޭހަވަނީ ކްލޭމްސް ވެސް މިވަނީ މުޅިން ތަފާތު ދަރަޖައަކަށް މިސްރާބު ޖަހާފައި ކަމެވެ.
ކްލޭމްސް އިތުރުވަމުންދާ ހިނދު އެހެނިހެން އޮޕަރޭޝަނަލް ހަރަދުތައްވެސް އަންނަނީ ބާރުމިނެއްގައި ބޮޑުވުމުންނެވެ. އޮޕަރޭޝަނަލް ހަރަދުތައް 2018 ގައި 38.39 މިލިއަން ރުފިޔާގައި ހުރިއިރު، 2023 ގައި އެ ހަރަދުތައް ވަނީ 66.22 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އިންވެސްޓްމަންޓުން ލިބޭ އާމްދަނީން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވީ ނަމަވެސް އެއީ ވަރަށް ނާޒުކު ފައްތަރެއްގައި ލިބެމުން އަންނަ އާމްދަނީއެކެވެ. 2021 ގައި އިންވެސްޓްމަންޓުން ލިބުނު އާމްދަނީ ދަށްވުމަށްފަހު 2022 ގައި އިންވެސްޓްމަންޓް އާމްދަނީގެ ގޮތުގައި 26.36 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 2023 ގައި އިންވެސްޓްމަންޓް އާމްދަނީ 70.53 މިލިއަން ރުފިޔާއަށް މަތިވެފައިވާއިރު، އެ އިތުރުވުމަކީ ކްލޭމްތަކާއި ހަރަދުތައް އިތުރުވުމުގެ ސަބަބުން ދިމާވި މާލީ ދަތިކަން ފޫބެއްދުމަށް އެހީތެރިވެދީފައިވާ ސަބަބެކެވެ. ނަމަވެސް އިންވެސްޓްމަންޓުންލިބޭ އާމްދަނީއަކީ އަބަދު ބަރޯސާވެވޭފަދަ ޔަގީން ކަމެއް އޮންނަ އާމްދަނީއެއް ނޫނެވެ.
ހެލްތު އިންޝުއަރެންސްގެ އަގު ކަނޑައެޅުމަކީ ވަރަށް މަސްހުނިކޮށް އޮންނަ އުނދަގޫ ކަމަކަށް ވާހިނދު، އަގު ހެދުމުގައި ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތައް ބޭނުންކުރެ އެވެ. އިންޝުއަރެންސް ކުންފުނިތަކުން އާންމުކޮށް ފަހުގެ ކްލޭމްތަކުގެ ޑޭޓާއާއި، ސިއްހީދާއިރާގެ އަގުތައް ބަލައި ވަޒަންކޮށް، ޕްރީމިއަމް ރޭޓް ކަނޑައެޅުމުގެ ބިންގާއެއްގެ ގޮތުގައި މިހުރިހާ މައުލޫމާތު ބޭނުންކުރެ އެވެ.
އެއްކުރެވޭ ޑޭޓާތައް ބޭނުންކޮށް ޕްރިޑިކްޓިވް އެނަލިޓިކްސް (ތަފާސް ހިސާބު ބޭނުންކޮށް ހަދާ ހިސާބުތަކެއް) ހަދައި، އިންޝުއަރެންސް ކްލޭމްސް އަންނާނެ މިންވަރު ވަޒަންކޮށް އެއާ އެއްގޮތަށް އިންޝުއަރަންސް ޕްރީމިޔަމް އަށް ބަދަލު ގެނެވެ އެވެ. ނަމަވެސް ސިއްހީ ހިދުމަތުގެ ހަރަދުތައް އިތުރުވެ، ކްލެއިމް ކުރަމުންދާ މިންވަރު އިތުރުވަމުންދާއިރު، ހަމައެކަނި ތަފާސްހިސާބަށް ބަރޯސާވެ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވިދާނެ އެވެ.
ޕްރީމިއަމްތަކާއި އިންވެސްޓްމަންޓް އާމްދަނީ އިތުރުވި ނަމަވެސް، އަންޑަރައިޓިން ނަތީޖާ (އަންޑަރައިޓިން ނަތީޖާ އަކީ ލިބޭ އާމްދަނީ އިން ހިނގާ ޚަރަދު ކެނޑުމުން ބާކީ) ދަށްވެ ގެއްލުން ލިބެމުންދާކަން ފާހަގަކުރެވެ އެވެ. 2022 ގައި އަންޑަރައިޓިން ނަތީޖާ 32.29 މިލިއަން ރުފިޔާ ގެއްލުންވެ، 2023 ގައި 56.28 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އެ ދަށްވުމުން ދޭހަވަނީ ކްލޭމްސް އާއި ހަރަދުތައް އިތުރުވި މިންވަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެ، އިންޝުއަރެންސް ކުންފުނިތަކަށް މެޑިކަލް އިންޝުއަރަންސް އިން ގެއްލުންވާކަމެވެ.
ރާއްޖޭގެ މެޑިކަލް އިންޝުއަރެންސް ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ ސަބަބުން މެޑިކަލް އިންޝުއަރެންސްގެ ޕްރީމިއަމް އާމްދަނީ އިތުރުވި ނަމަވެސް، ކްލެއިމްތަކާއި އޮޕަރޭޝަނަލް ހަރަދުތައް އިތުރުވުމުން ގެއްލުން ލިބެމުންދާކަމެވެ. އަންޑަރައިޓިން ގެއްލުންތައް ފޫބެއްދުމަށް އިންވެސްޓްމަންޓުންލިބޭ އާމްދަނީއަށް ބަރޯސާވެ ގެއްލުން ކުޑަކުރަން މަސައްކަތް ކުރިނަމަވެސް ކްލޭމްތަކުގެ އަގު މައްޗަށްދާނަމަ ދެމެހެއްޓެނިވި ގޮތެއްގައި މެޑިކަލް އިންޝުއަރަންސް ފޯރުކޮށްދިނުމަކީ ގޮންޖެހުންބޮޑު ކަމަކަށްވާނެ އެވެ.
ކުރިއަށް ދިއުމަށްޓަކައި، ޕްރީމިޔަމް ބޮޑުކުރުމަކީ ހައްލެއް ކަމަކަށް ނުފެނެ އެވެ. މިހާރު މިއޮތްގޮތަށް އަގުތައްބޮޑު ކުރަން ވެއްޖެނަމަ މެޑިކަލް އިންޝުއަރަންސްގެ އަގު އަތްނުފޯރާފަށަށް ދާނެ އެވެ. ޕްރައިވެޓް އިންޝުއަރަންސް ނަގާ މިންވަރު ދަށްވެއްޖެނަމަ އެކަމުގެ ސަބަބުން އާސަންދަ އެކަނި ބޭނުންކުރާ މިންވަރު އިތުރުވެ ދައުލަތުން އާސަންދައަށް ކުރާ ކަރަދު ބޮޑުތަނުން އިތުރުވާނެ އެވެ.
Comment