13 އޮގަސްޓު 2024 - 09:35 0
ލީވާން އަލީ ނާސިރު
13 އޮގަސްޓު 2024 - 09:35 0
ޖެނުއަރީ 2012 ގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ވުޖޫދުކުރީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު މަދުކުރުމުގެ ތަސައްވުރާއެކީގަ އެވެ. އެ އެޖެންސީގެ އަމާޒަކަށްވެފައި އޮތީ ޕްރިވެންޝަން ޕްރޮގްރާމުތައް ފަށައި ފަރުވާގެ ޕްރޮގްރާމުތައް ހަރުދަނާކޮށްގެން މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމެވެ.
ނަމަވެސް އެންޑީއޭ ވުޖޫދަށް އައި ފަހުން 12 އަހަރު ފާއިތުވެދިޔަ އިރުވެސް އެ އެޖެންސީގެ ތަސައްވުރާއި އަމާޒާ ގާތަށް ވެސް ވާސިލެއް ނުވެވެ އެވެ. ސަރުކާރުތައް އައިސް ދާއިރު އެންޑީއޭ އޮންނަނީ މަޑު ގިނީގަ އެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން މަދެއް ނުކުރެވެ އެވެ. ބޭނުން ކުރާ މީހުން ދުވަހަކަށްވުރެ ދުވަހެއް ވަނީ އިތުރެވެ. މަސްތުގެ ވަބާގައި ޖީލެއް ނެތިގެން ދަނީ އެވެ. އެ ވަބާއިން ސަލާމަތްވާން އެދޭ މީހުންނަށް ވެސް އެކަށީގެންވާ ފަރުވާއެއް ނުދެވެ އެވެ.
މި އަހަރު އެންޑީއޭއަށް 110 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި ނަމަވެސް، އެ ބަޖެޓުން ހަތް މިލިއަން ރުފިޔާ އުނިކުރުމުން ހޭދަކުރަން ލިބުނީ 103 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 80 ޕަސަންޓު މުސާރަ ދިނުމަށް ހޭދަވާނެ އެވެ. އެހެންކަމުން ފަރުވާ 1،000 ކްލައިންޓުންނަށް ދޭނަމަ، ހުރިހާ ހަރަދަކަށް ބޮލަކަށް ޖެހެނީ 30،000ރ. އެވެ.
އެކި ސަރުކާރުތަކުގެ ސިޔާސަތުތަކާއި އައްޔަނު ކުރި ވެރިންގެ އިހުމާލުން އުފަން ކުރުވާފައި އޮތް މި މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވެ އެވެ. ނަމަވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ. ނަތީޖާއަކަށް ވަނީ މަސްތުގެ ވަބާއިން އަރައިގަންނަން ބޭނުންވާ މީހާ އަލުން އަނބުރައި ކުށުގެ ވެށްޓަށް ނުކުތުމެވެ. އޭނާގެ ފަރުވާއަށް ދައުލަތުން ކުރި ހަރަދު ވެސް އެހައި ހިސާބުން ވަނީ ބޭކާރެވެ.
ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ) އަކީ ނައިބު ރައީސް ޗެއާކުރައްވާ ގޮތަށް އެކި މިނިސްޓަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ތިއްބަވާ ކައުންސިލެކެވެ. އެ ކައުންސިލުގެ މަސްއޫލިއްޔަތުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް ތައާރަފްކުރަން ޖެހޭ ގައުމީ ސިޔާސަތަކީ ކޮބައިކަމާއި، ހުރި ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިކަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖެހެ އެވެ.
އިދާރާތަކާއި ގުޅިގެން އެ ކައުންސިލަށް މަސައްކަތް ކުރުމުގެ ފުރިހަމަ މާހައުލެއް އޮންނަނީ ގާއިމުވެފަ އެވެ. ނަމަވެސް ލިބިފައި އޮތް ބާރުގެ ބޭނުންކޮށް ސަރުކާރުގެ އިދާރާތަކުން ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ކުރާ މަސައްކަތަކީ ކޮބައިކަން ހޯދައި، ބަލައި، ދިރާސާކުރަމުންނެއް ނުދެ އެވެ.
މި ސަރުކާރު އައި ފަހުން އަށް މަސްވެގެންދިޔައިރު އެ ކައުންސިލުން ބޭއްވުނީ އެންމެ ބައްދަލުވުމެކެވެ. ކުރީ ސަރުކާރުތަކަށް ވެސް އެ ކައުންސިލުގެ ބައްދަލުވުންތައް ގަވާއިދަކުން ނުބޭއްވެ އެވެ.
އެންޑީއޭއަކީ ވެސް ރައީސް އުފައްދަވާ ތަނެއް ކަމަށްވާއިރު އެތަނަށް މެންބަރުން އައްޔަން ކުރައްވަނީ ވެސް ހަމަ ރައީސް އެވެ. އެންޑީސީސީގެ ލަފަޔާއެކު ރައީސް ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރާ އެންޑީއޭގައި ތިބޭ 10 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނަކީ އެކި މިނިސްޓްރީތަކާއި އިދާރާތަކަށް ރައީސް އައްޔަން ކުރައްވާފައި ތިއްބެވި މީހުންނެވެ. އެންޑީއޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ހިމެނެނީ އެންމެ މެންބަރެކެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގައި 16 އަހަރު ހޭދަކޮށްފައިވާ އަލީ އަދީބު ވިދާޅުވީ އެންޑީއޭއާއި އެންޑީސީސީގެ ބޯޑު އެކި މީހުން ހިތަށް އެރި ގޮތަކަށް މާނަކުރާ ކަމަށާއި ގާނޫނުގައި އެކަން އޮންނަ ގޮތް ވަރަށް ސާފުކޮށް ބުނެދީފައިވާ ކަމަށެވެ. ނަމަވެސް ގާނޫނު ބުނާ ގޮތަށް އަމަލު ނުކުރާކަން އެއީ ފެންނަން އޮތް ހަގީގަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި އެބަ އޮތް ވަރަށް ރަނގަޅަށް ކޮންމެ ސަރުކާރެއް އަޔަސް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގައުމީ މަސްތުވާތަކެއްޗާ އިދިކޮޅަށް ކުރަން ނިންމަންށޭ ޖެހޭނީ. އެންޑީސީސީން އެކަން ނިންމާފައި ބޯޑާ ހަވާލުކުރީމަ އަސްލު ބޯޑުގައި ތިބި އެކި ތަންތަނުގެ އިސްވެރިން މި ޖެހެނީ އެކަންކަން ތަންފީޒު ކުރޭތޯ ބަލަން. އެމީހުން އެ ބޯޑަށް ލާފައި ތިބެނީ އެ ޕްލޭން އިމްޕްލިމެންޓް ކުރަން ފަސޭހަވާނެތީ،" އޭނާ ވިދާޅުވި އެވެ.
އެންޑީސީސީ އާއި އެންޑީއޭއާ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރާނަމަ، އެއްވެސް ދަތިކަމެއް ނެތި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ފަސޭހަ ވެގެންދާނެ އެވެ. ނަތީޖާ ވެސް ނެރެން އޭގެ ސަބަބުން ފަސޭހަ ވެގެންދާނެ އެވެ. ނަމަވެސް ތަންތަނަށް ލާފައި ތިބި ބާރުގަދަ ސިޔާސީ މީހާގެ ބާރު ދަށްވެދާނެތީ އެކަން އެގޮތަށް ކުރަން މިހާތަނަށް އެއްވެސް މީހަކު ބޭނުމެއް ނުވެ އެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްސަލަ ބޮޑުވެފައި އޮތް މިންވަރަކީ އެކަން ކުރާ މީހުންގެ އަދަދު ވެސް އެނގޭނެ ގޮތެއް ނެތުމެވެ. ފަރުވާ ނުދެވި އެތައް ބަޔަކު ތިބިއިރު ފަރުވާގެ ނިޒާމަށް ނުވަދެ ވެސް އެތައް ބަޔަކު ދަނީ މަސްތުވަމުންނެވެ. މި ބޮޑު މައްސަލަ ހައްލުކުރަން ރަނގަޅު ދިރާސާއެއް ބޭނުންވި ނަމަވެސް މިހާތަނަށް ވެސް ރަނގަޅު ދިރާސާއެއް ނުހެދެ އެވެ.
ކޮންމެ ސަރުކާރެއް ވެސް އައިސް ދަނީ އެ ބުނާ ދިރާސާ ހަދަން މަޝްވަރާތައް ކުރަމަށްފަހު އެވެ. އެނގޭ ހަގީގަތަކީ މިފަދަ ދިރާސާތައް ހެދުމަށް ޔޫއެންއޯޑީސީ ފަދަ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމެވެ. ނަމަވެސް ސަރުކާރުން އެކަމަށް ނޭދޭހާ ހިނދެއްގައި ނުވަތަ އެކަމެއް ކުރަން އެދެވޭ މަސައްކަތެއް ނުކުރާހާ ހިނދެއްގައި އެކަން ނުކުރެވޭނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގަައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާލަތު ދެނެގަތުމަށް 2013 ގައި ޔޫއެންއޯޑީސީއާ ގުޅިގެން ސަރުކާރުން ހެދި ގައުމީ ދިރާސާއިން ދައްކާގޮތުގައި 15 އަހަރާއި 64 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 7،500 ކުދިންނާއި މީހުން މަސްތުވާތަކެތި ބޭނުން ކުރެ އެވެ.
ހެލްތު މިނިސްޓްރީން 2021 ގައި ވަނީ މަސްތުގެ ވަބާގައި ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވާކަން ފާހަގަކޮށް އުމުރުން އަށް އަހަރުގައި ވެސް އެކަން ކުރަން ފަށާ ކަމަށް ބުނެފަ އެވެ. އެގޮތުން އެންމެ ގިނައިން ކުޑަކުދިންގެ ތެރެއިން އެ ވަބާގައި ޖެހެނީ 15 އަހަރާއި 17 އަހަރާއި ދެމެދު ކަމަށް މިނިސްޓްރީން އޭރު ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހޭންޑްސް ޓުގެދާ އިން ހުށަހެޅި "ޗޭންޗް އެންޑީއޭ" ޕެޓިޝަނާ ގުޅިގެން ޕެޓިޝަން ކޮމިޓީން 200 އަށްވުރެ ގިނަ ގަޑިއިރު ހޭދަކޮށްގެން 2021 ގައި ހެދި ދިރާސާއިން ރާއްޖޭގައި ދިރިއުޅެމުންދާ ކޮންމެ 100 މީހުންގެ ތެރެއިން 57 މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމާއި، ރާއްޖޭގެ އާބާދީގެ ތެރެއިން މުޅި ޖުމްލަ 16،000 އަށްވުރެ ގިނަ މީހުންނަކީ އެ ވަބާގައި ޖެހިފައިވާ މީހުންކަން އެނގުނެވެ.
މި ކުދި ދިރާސާތަކުން ވެސް އެނގެނީ ރާއްޖޭގައި އޮތް މަސްތުވާތަކެތި ބޭނުންކުރާ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމެވެ. އެކަމުގެ ތެރެއަށް ކުޑަކުދިން ވަންނަ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރު ވެފައިވާއިރު އެކަމަށް ވެސް އެދެވޭ ފިޔަވަޅުތަކެއް އަޅާ ތަނެއް ނުފެނެ އެވެ.
"ޑާޓާ ނެތިގެން އަހަރުމެންނަށް ސިސްޓަމެޓިކް ޕްރިވެންޝަން ޕްރޮގްރާމާއި، ޕްރިވެންޝަން ޕްރޮގްރާމް ނުހިންގެނީ. ޑާޓާއަށް ވަރަށް ބޮޑަށް ބެލުމަށްފަހު ޕްރޮގްރާމްތައް މި ޖެހެނީ ޑިވެލޮޕްކުރަން. އަހަރުމެންނަކަށް ނޭގޭ ކޮންބައެއް ކޮންތާކު ކިހާ އުމުރެއްގައިކަން، ކޯއްޗެއްކަމެއް ބޭނުން ކުރަނީ. އެވަރުވެސް އަހަރުމެންނަށް ނޭގޭ މިހާރަކު،" އަދީބު ވިދާޅުވި އެވެ.
"އެ ޑޭޓާ ހޯދުމުގެ ކުރިން ވެސް ޕްރިވެންޝަން ކަންތައްތަކެއް ހިންގޭނެ. މަސްތުވާތަކެއްޗާއި ނަފްސާނީ މައްސަލަތަކުން ކުދިން ސަލާމަތްކުރަންޖެހޭ ކަންތައްތައް ދައްކާ ކުދި ވީޑިއޯތައް ވެސް ގެނެސްދެވޭނެ ސޯޝަލް ޓީވީތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް. ޔޫއެންއޯޑީސީން އެއޮތީ އެ ވީޑިއޯތައް ބޭނުންކުރަން ގައުމުތަކަށް ހުޅުވާލާފައި. އެ އެއްޗެހި ޓްރާންސްލޭޓްކޮށްގެން ބޭނުންވެސް ކުރެވޭނެ."
ދިރާސާއާ ގުޅިގެން އެންޑީއޭގެ ސީއީއޯ ލުބުނާ ޒާހިރު ވިދާޅުވީ ޕްރިވެލަންސް ސްޓަޑީއެއް ހެދުމަށް ޑްރަގް ކައުންސިލުން އަންގާފައިވާ ކަމަށާއި އެއާއެކު އެންޑީއޭއިން އަންނަނީ ކައުންސިލްތަކާއި ފުލުހުންނާ ގުޅިގެން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދުތައް ބަލަމުން ކަމަށެވެ.
"އަޅުގަނޑުމެން ސެކަންޑްރީ ޑާޓާ ގޮތަށް ބޭނުންކުރާނީ ހަމަ ވަގުތީ ޑާޓާ ތަކެއް. އެ ޑާޓާއަށް ބިނާކޮށްފައި ކައުންސިލްތަކާއެކު އަޅުގަނޑުމެން އިތުރަށް މަސައްކަތްތައްކޮށް ފަރުވާދޭ ނިޒާމެއް އެ ރަށްރަށުގައި ގާއިމުކުރާނަން. ނޫނީ ފަރުވާ ދެވޭނެ ގޮތެއް. އެގޮތުން މެޑިކޭޓެޑް އެސިސްޓެޓް ޓްރީޓްމަންޓަކީ އަޅުގަނޑުމެން އެންމެން ބަލައިގަންނާނެ ޓްރީޓްމަންޓެއް ކަމަށް ގަބޫލުކުރަނީ،" ލުބުނާ ވިދާޅުވި އެވެ.
އެންޑީއޭއިން ފަރުވާ ހޯދާ މީހާ ދެވަނަ ފަހަރަށް އަލުން ފަރުވާ ހޯދަން އެތަނަށް ވަންނަނީ މަދުފަހަރަކު ނޫނެވެ. އެއީ ދެވޭ ފަރުވާ ހަރުދަނާ ނުވުމުން ދިމާވާ މައްސަލައެކެވެ. ދައުލަތުން އެމީހަކަށް ކުރި ހަރަދު ދެވަނަ ފަހަރަށް ކުރަން ޖެހުމަކީ ދައުލަތަށް ވެސް އުފުލަން ޖެހިފައިވާ ބޮޑު ބުރައެކެވެ.
މި އަހަރު އެންޑީއޭގެ ބަޖެޓަކަށް ކަނޑައަޅާފައި އޮތީ 110 މިލިއަން ރުފިޔާ އެވެ. ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އޭގެ ތެރެއިން ހަތް މިލިއަން ރުފިޔާ އުނިކުރުމުން، ބޭނުންކުރަން ލިބުނީ 103 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ތެރެއިން 80 ޕަސަންޓެއްހާ ރުފިޔާ ހަރަދުވަނީ މުސާރައަށެވެ.
މީގެއިތުރުން އެންޑީއޭއިން އަހަރެއްގެ މައްޗަށް 1،000 ކްލައިންޓުންނަށް ފައިސާ ހަރަދުކުރާނަމަ، މަހެއްގެ މައްޗަށް ބޮލަކަށް 15،000ރ. އާއި 20،000ރ. އާ ދެމެދު އަދަދަކަށް ފައިސާ ހަރަދުވާނެ އެވެ. ނަމަވެސް ދައުލަތުން އުފުލާ އެ ބުރަ ގިނަ ފަހަރު ބޭކާރުވުން ވެގެންދަނީ ބޮޑު ގެއްލުމަކަށެވެ.
ރާއްޖޭގައި ފަރުވާ ދޭ އެތައް ބަޔަކު އަނބުރާ ދެވަނަ ފަހަރަށް އަދި 10 ވަރަކަށް ފަހަރު ވެސް ފަރުވާ ހޯދަން ޖެހިފައި އެބަ ހުއްޓެވެ. އެއީ އޭނާއަށް ލިބެންޖެހޭ ފުރިހަމަ ފަރުވާ ނުލިބޭތީކަން ކަށަވަރެވެ. ނަމަވެސް އެނގޭ ހަގީގަތަކީ އެމީހަކަށް ލިބެންޖެހޭ ރަނގަޅު ފަރުވާއެއް ދެވިއްޖެނަމަ ދެވަނަ ފަހަރަށް ފަރުވާ ދޭން ނުޖެހޭނެ ކަމެވެ. ސަރުކާރުން ކުރަން ޖެހޭ ހޭދަ ވެސް އޭގެ ސަބަބުން ކުޑަވެގެންދެ އެވެ.
އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ފަރުވާއަށް އެދޭ މީހާ ފަރުވާ ނިންމާލުމަށްފަހު އޭނާއަށް ފަހުން ލިބެން ޖެހޭ އިތުރު ފަރުވާ ނުވަތަ އަޅާލުން ނުލިބުމެވެ. ދޭން ޖެހޭ ފުރިހަމަ ތެރަޕީ ނުލިބުމެވެ. އެއީ ރާއްޖޭގައި އެކަށީގެންވާ ފުރިހަމަ ވަސީލަތްތައް ނެތުން ކަމަށް ވެސް ވެދާނެ އެވެ.
"ވަށާޖެހޭ ފަރުވާއެއް ރާއްޖޭގައި ދެވޭނީ ފަރުވާއިން ނުކުންނަ މީހާ އަނބުރާ މަސްތުވާތަކެތީގެ ވަބާގައި ނުޖެހޭނެ ގޮތަށް އޭނާއަށް ބޭނުންވާ ތެރަޕީތައް ދޭނަމަ. ގިނަ ފަހަރު ރިހެބަށް ގެންގޮސްފައި އެތަނުގައި ޖިސްމާނީ ގޮތުން އޭނާއަށް ލިބެން ޖެހޭ ފަރުވާ ދިނުމަށްފަހު ދޫކޮށްލަނީ. ހުއްޓާލައިގެން ހުންނަ މީހާއަށް މައްސަލަ ދިމާވެދާނެ ކޮންމެ ހިސާބަކުން ވެސް. ދިމާވާ އިމޯޝަނަލް މައްސަލައެއްގެ ސަބަބުން ވެސް ބޯހިތްވެދާނެ. އެއަށް ފިޔަވަޅު އެޅެން ޖެހޭނެ،" އަދީބު ވިދާޅުވި އެވެ.
ލުބުނާ ވިދާޅުވީ އެންޑީއޭ މިހާ ދުވަހު ހިންގަމުންދިޔައީ ހަރުދަނާ ކަމެއް ނެތި ކަމަށާއި އެގޮތުން ގަވާއިދު އަލުން ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ފާއިތުވެދިޔަ 10 އަަހަރު އުސޫލީ ގިނަ ކަންތައްތައް [އެސްއޯޕީ] ނެތި ފަރުވާ ދޭ މަރުކަޒުތައް ހިނގަމުން ދިޔައީ. އަޅުގަނޑުމެންނަށް މި ޖެހުނީ އަޅުގަނޑުމެން އަލުން ޒީރޯއިން ޑްރަގް އެޖެންސީ ބިލްޑުކުރަން ފައްޓަން. އެ މަސައްކަތް ބޯޑުން ކުރިއަށް މިހާރު ގެންދަނީ،" ލުބުނާ ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެންނަން ގައުމުގައި ތިބި ތަޖުރިބާކާރުންގެ އަޑު މިހާތަނަށް އެއްވެސް ސަރުކާރަކުން އަހާފައެއް ނުވެ އެވެ. ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ވެސް އެދެވޭ މިންވަރަކަށް ނުހޯދަ އެވެ. އެ އަޑު ސަރުކާރުތަކުން އަހައިފިނަމަ ސަރުކާރަށް މި ބޮޑު މައްސަލަ ހައްލު ކުރެވޭނެ އެވެ.
--
ސުވާލަކީ އެންޑީއޭއަށް މި ފަސް އަހަރު ތެރޭގައި ހަރުދަނާ އުސޫލުތައް ހެދޭނެތޯ އެެވެ. ނުވަތަ ކުރީ ސަރުކާރުތަކެކޭ އެއްގޮތަށް އަނެއްކާ ވެސް ދައުރެއް ނިންމާލާނީ އެކަށީގެންވާ މަސައްކަތެއް ނުކުރެވި، ދެން އަންނަ ސަރުކާރަކުން ވެސް އަލުން ސުމަކުން މަސައްކަތް ފަށަން ޖެހޭވަރުގައިތޯ އެވެ. މިއީ ހައްތަހާ ވެސް ސުވާލެވެ.
އެހެންކަމުން މިކަމުގެ ސީރިއަސްކަން ދަނެގަތުމަށް އެންޑީއޭއިން ތަޖުރިބާކާރުންގެ ބަސް އަޑު އަހަން ޖެހެ އެވެ. އެންމެ ފުރަތަމަ ވެސް ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ހާލަތުގެ ރަނގަޅު ދިރާސާއެއް ކުރަން ޖެހެ އެވެ. އެ ދިރާސާއަށް ބިނާކޮށް ވަށާޖެހޭ ފަރުވާގެ ނިޒާމެއް ބައްޓަންކޮށް، އެކަމުން އަރައިގަނެ މުޖުތަމައުއަށް ނުކުންނަ މީހާ އަނބުރާ އެކަމުގެ ތެރެއަށް ނުދާނެކަން ޔަގީންކޮށް، ކުރިއަށް ދެވޭނެ މަގު ދައްކަން ޖެހެ އެވެ. ފުރިހަމަ ފަރުވާއެއް ދެވުނު ކަމަށްވާނީ އެމީހާ އެކަމުން އެއްކޮށް މިންޖުވުމެވެ.
Comment