Advertisement

މި ފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު: ފައްޔާޒް

11 އޮގަސްޓު 2024 - 19:20 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް. އޭނާ ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ ވަންހަނާ ސިޔާސަތެއް ކަމަށް -- ފޮޓޯޅ އަދަދު


މި ފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު: ފައްޔާޒް

11 އޮގަސްޓު 2024 - 19:20 0

ސިޔާސީ މަގާމުތަކުގައި ތިބި މީހުން މޯލްޑިވްސް މަނެޓަރީ އޮތޯރިޓީން ގަވާއިދު އިސްލާހު ކުރުމަކީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސައިލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ބޭންކުތަކުގެ ބޯޑުތަކަށް އައްޔަނު ކުރެވޭ ގޮތަށް މިހައިތަނަށް އެއްވެސް ސަރުކާރަކުން ހަދާފައި ނުވަނީ މާލީ ނިޒާމުގެ އިންޓެގްރިޓީ ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

"މި ސަރުކާރުން މިފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު. ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް ސިއްރުވެރި ދައުލަތެއް ގާއިމުކުރުމަށް މިސްރާބު ޖަހާފައި ހުރިތަން، މިއީ އެތެރޭގެ އަދި ބޭރުގެ ލެންޑަރުން އަދި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރުކުރާނެ ސިޔާސަތުތަކެއް،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

އެމްއެމްއޭއިން މިދިޔަ ބުރާސްފަތި ދުވަހު ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން ބޭންކުތަކުގެ ބޯޑަށް ނުލެވޭނީ ސަރުކާރުގެ މިނިސްޓްރީއެއް ހިންގަވާ އެންމެ އިސް ފަރާތް ނުވަތަ ކެބިނެޓުގެ މެންބަރަކަށެވެ.

އެ ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުން، ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ އެވެ.

އެކަމާމެދު ކަންބޮޑުވުން ފާޅު ކުރައްވައި ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދުޅަހެޔޮ އިގުތިސާދެއް ބިނާ ކުރުމަށް ކަންކަން ހާމަ ކުރަން ކެރެން ޖެހޭނެ ކަމަށާއި އެ ހާމަ ކުރުމުން އަންނަ ފާޑު ކޔުންތައް އަޑު އެހުމުގެ ގާބިލުކަން ވެސް ސަރުކާރުގައި ހުރުން ވަރަށް މުހިންމު ކަމަށެވެ.

ފައްޔާޒުގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެފައިވެ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގަވާއިދަށް ގެނައި ބަދަލެކެވެ.

ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އެމްއެމްއޭއިން އިސްލާހު ކުރީ އެ އިދާރާގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރެއްވުމާއެކު ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ.

އެމްއެމްއޭއަށް ގެންނަ އެންމެ ބޮޑު ބަދަލަކީ އެސިސްޓަންޓް ގަވަރުނަރުގެ މަގާމު އުވާލައި، މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފެއްދުމެވެ. އެމްއެމްއޭއިން ބުނީ އެ މަގާމަށް ފަސް މީހަކު އައްޔަން ކުރާނެ ކަމަށެވެ. މެނޭޖިން ޑިރެކްޓަރުންގެ ދައުރަކީ ފަސް އަހަރެވެ.

އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލިއިރު، އެ މަގާމުގައި ތިން މީހަކު ތިއްބެވެ. އެ އެންމެން ޕްރޮމޯޓްކޮށްފައި ވަނީ ގަވަރުނަރުގެ އެޑްވައިޒަރުންގެ މަގާމަށެވެ.