ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ސިޔާސީ ނުފޫޒުން މާލީ އިދާރާތައް އެއްކިބާ ކުރުމަކީ ހުރިހާ ސަރުކާރަކުން ވެސް ހިފެހެއްޓި ހަަމައެއް ކަމަށް ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވެސް ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑަށް އައްޔަނު ކުރެވޭ ގޮތަށް މާލީ އިދާރާތަކުގެ ގަވަނަންސް ގަވާއިދު ބަދަލު ކުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ނުފޫޒު ފޯރުވަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާއިދު ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ އެއްވަސް މީހަކަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސިން ކުންފުނިތަކުގެ ބޯޑުގައި ނުތިބެވެ އެވެ.
މިހާރު ގަވާއިދުގައި އޮތީ ސަރުކާރުގެ މިނިސްޓްރީއެއް ހިންގަވާ އެންމެ އިސް ފަރާތް ނުވަތަ ކެބިނެޓުގެ މެންބަރަކަށް ބޯޑުގައި ނުތިބެވޭނެ ކަމަށެވެ. އެ ނޫން ސިޔާސީ މަގާމެއްގައި ތިބި މީހުން އެއީ ސްޓޭޓު މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ވިޔަސް ބޯޑަކަށް ލާން މިހާރު ހުރަހެއް ނެތެވެ.
މިކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ، "އަދަދު" އާ ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޒަމާނުއްސުރެން މިގޮތަށް އޮތް ގަވާއިދެއް މި ދަނޑިވަޅުގައި ކުއްލިއަކަށް ބަދަލު ކުރުމުން ސުވާލު އުފެދޭ ކަމަށެވެ.
"އަސްލު ހީވަނީ ބޭންކް އޮފް މޯލްޑިވްސްގައި ސިޔާސީ ނުފޫޒު ހިންގަން މަސައްކަތް ކުރެވެނީ. ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ސްޓޭޓް މިނިސްޓަރު ލެވަލްގެ މީހުން އައްޔަނުކޮށްފައި ސީދާ ސަރުކާރުގެ ނުފޫޒު ބޭންކް އޮފް މޯލްޑިވްސްއަށް ހިންގަން،" އަމީރު ވިދާޅުވި އެވެ.
ބޭންކު ފަދަ މާލީ އިދާރާތަކަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާ ވެގެން ހިންގަން ޖެހޭ ތަންތަން ކަމަށް ވިދާޅުވެ އަމީރު ވަނީ އެމްއެމްއޭގެ މި ނިންމުން ބަދަލުކުރަން ގޮވާލައްވާފަ އެވެ. އަދި މިއީ ކުރީގެ ހުރިހާ ސަރުކާރުތަކުން ވެސް ހިފަހައްޓަމުން އައި ހަމައެއް ކަމަށް ވިދާޅުވެ ކޯޕަރޭޓް ގަވަނަންސް އުސޫލު ހިންގަން ޖާގަ ދޭން އޭނާ ގޮވާލެއްވި އެވެ.
ކޯޕަރޭޓް ގަވަނަންސް ގަވާއިދު ބަދަލުކުރީ އެ އިދާރާގެ ގަވަރުނަރު ކަމަށް އަހުމަދު މުނައްވަރު އައްޔަންކުރެއްވި ފަހުން، އެ އިދާރާއަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ. މީގެ ކުރިން އޭނާ ވަނީ އެ އިދާރާގެ އެސިސްޓަންޓް ގަވަރުނަރުގެ މަގާމު އުވާލައި ކުންފުނި ހިންގާ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވާފަ އެވެ.
އެގޮތުން ކުރިން ތިބި ތިން އެސިސްޓަންޓް ގަވަރުނަރުން، ގަވަރުނަރުގެ އެޑްވައިޒަރުންނަށް ޕްރޮމޯޓު ކުރުމަށް ފަހު ފަސް ދާއިރާއަކުން މެނޭޖިން ޑިރެކްޓަރުން ނަގަން އެމްއެމްއޭއިން ވަނީ އިއުލާންކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment