18 މާރިޗު 2025 - 15:13 4
އަހުމަދު އާއިދު
އެމްޑީޕީގެ ގާނޫނީ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން : އެމްޑީޕީން ބުނަނީ ރައީސްގެ ދަރިކަލުންގެ ކަރާމާތް ނަގާލީ ސާޖިދާ އަދި އާޒިމާ ކަމަށް --- ފޮޓޯ: އެމްޑީޕީ
18 މާރިޗު 2025 - 15:13 4
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒުގެ ވަނަވަރު ހާމަކޮށް އޭނާގެ ކަރާމަތް ނަގާލީ މަންމަ، ސާޖިދާ މުހައްމަދު އަދި އާއިލާގެ ވަކީލު އާޒިމާ ޝަކޫރު ކަމަށް ބުނެ އެ މައްސަލަ ފުލުހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
ރައީސްގެ ދަރިކަލުންގެ ވަނަވަރު ހާމަކުރީ، އޭނާއަކީ ދުންފަތު އިސްތިއުމާލް ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ކޯޓަން ދާން ނިންމާ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ވަކީލު އާޒިމާ ވަނީ އުމެއިރުގެ ނަމާއި އުމުރު އެ ދުވަހު މީޑިއާތަކާ ހިއްސާކޮށްފަ އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ އެމްޑީޕީގެ މުޒާހަރާގައި ވާހަކަދެއްކި މީހާ ރައީސްގެ ދަރިކަލުންގެ އެއްވެސް ތަފުސީލެއް ނުބުނާ ކަމަށެވެ. އޭނާގެ ކަރާމަތް ގެއްލުނީ އާއިލާއިން ވަނަވަރު ހާމަކުރުމުން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
"ކުއްޖާގެ މަންމަ ސާޖިދާ އާއި ގާނޫނީ ވަކީލު އާޒިމާ އެ ކުއްޖާގެ ވަނަވަރު ހާމަކޮށްފަވަނީ. އަޅުގަނޑުމެން މި ހަވާލާދޭ ޕްރެސް ކޮންފަރެންސާ ހަމައަށް އާންމު ގޮތެއްގަ ގިނަ ބަޔަކަށް އެއީ ކޮން ކުއްޖެއްގެ ވާހަކައެއްކަން ނޭނގޭ،" މައުރޫފް ވިދާޅުވި އެވެ.
އުމެއިރުގެ ވަނަވަރު ހާމަކުރުމުން އޭނާގެ ކަރާމާތައް އަރައިގަނެފައިވާ ކަމަށާއި މިކަމުގެ ސަބަބުން އޭނާގެ ސަލާމަތައް ވެސް ނުރައްކާވާ ކަމަށް އެމްޑީޕީން ބުންޏެވެ.
"އެ ކުއްޖާގެ މަންމައާ އެ ކުއްޖާގެ މަންމަގެ ފަރާތުން ކަމަށް ބުނެ ވާހަކަދެއްކި ގާނޫނީ ވަކީލުގެ އަޅުގަނޑުމެން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ވާނީ ނިންމާފަ. އެއީ ފުލުހުންގެ ދަށުން ހިންގާ އެފްސީޕީޑީ އަދި ޖެންޑާ މިނިސްޓްރީގެ ދަށުގަ މިފަދަ މައްސަލަތައް ހުށަހަޅަން އޮންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް އަށް،" މައުރޫފް ވިދާޅުވި އެވެ.
ވޭޕްގެ މައްސަލަ އާއި ރައީސްގެ އަނބިކަނބަލުންނާ ގުޅުވައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ އެމްޑީޕީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) އެވެ. މަންދީ ބުނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރީ ރައީސްގެ ދަރިކަލަކު ވޭޕް ބޭނުން ކުރައްވާތީ ކަމަށެވެ. ވަކި ބޭފުޅެއްގެ ނަމެއް މަންދީ ނުބުނެ އެވެ.
އެ މައްސަލަައިގައި މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް މަދަނީ ދައުވާއެއް ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ ވަނީ ނިންމަވައިފަ އެވެ. ދައުވާ ކުރަނީ ދެއްކި ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާޖިދާގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅެއްނުވެ އެވެ.
އެ މައްސަލައިގައި ސާޖިދާގެ ފަރާތުން ވަނީ ބަޔާނެއް ވެސް އާންމުކޮށްފަ އެވެ. އޭގައި ވިދާޅުވެފައި ވަނީ އުމެއިރަކީ ވޭޕް ކުރައްވާ އަދި ދުންފަތުގެ އިސްތިއުމާލު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
މި ވާހަކަތާ ގުޅިގެން އެ މުޒާހަރާ ބްރޯޑްކާސްޓް ކުރި ޓީވީ ޗެނަލްތަކަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނުސީދާ އިންޒާރެއް ދީފައިވާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުންވެސް ބަޔާނެއް ނެރެފައިވެ އެވެ.
Comment