Advertisement

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންފި

11 އޮގަސްޓު 2024 - 11:30 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާގެ ޖައިޝަންކަރު އައްޑޫގައި: މިއީ އޭނާ ރާއްޖެއަށް ކުރައްވާ ދަތުރުގެ ފަހު ދުވަސް --- ފޮޓޯ: ފޮރިން މިނިސްޓްރީ


އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންފި

11 އޮގަސްޓު 2024 - 11:30 0

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީބޮޑު އައްޑޫއަށް ޖައިޝަންކަރު ވަޑައިގެންނެވީ މިއަދު ހެދުނު އެވެ. ގަން އިންޓަނޭޝަންލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު އަދި އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންނެވީ އިންޑިއާއިން އެ ސިޓީގައި ހިންގި ތަރައްގީގެ ދެ މަޝްރޫއެއްގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ހަވާލުކުރަން ކަމަށެވެ.

އެއީ އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ އާއި އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ތަރައްގީކުރާ "ހަންކެޑެ" އާއި އެ ސިޓީގެ ގުޅިފައިވާ ރަށްތަކާ ގުޅާލާ ހަންކެޑެ ބްރިޖްގެ މަޝްރޫއެވެ. މި ދެ މަޝްރޫއަކީ ވެސް އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސަދީފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި ދެ މަޝްރޫ އެވެ.

ޖައިޝަންކަރުގެ ތިން ދުވަހުގެ ރަސްމީ ދަތުރުގައި އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓަރު ޒަމީރު، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާ ބައްދަލުކުރައްވާފަ އެވެ. މި ދަތުރުގައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާ ދެ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައިވެ އެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާވެސް އޭނާ ރޭ ބައްދަލުކުރެއްވި އެވެ.

މާލެ ސަރަހައްދުގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ މަސައްކަތް ބައްލަވާލަން ވެސް ޖައިޝަންކަރު އިއްޔެ ވަޑައިގެންނެވި އެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ރާއްޖެ ވަޑައިގެންފައި މިވަނީ އެ ގައުމާއެކު އޮތް ޒަމާނީ ގުޅުމަށް މި ސަރުކާރުގެ ކުރީކޮޅު އެރި ލޮޅުމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.