Advertisement

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް މަގާމުން ވަކިވަނީ

11 އޮގަސްޓު 2024 - 08:22 0


އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް މަގާމުން ވަކިވަނީ

11 އޮގަސްޓު 2024 - 08:22 0

ޕެރިސް (އޮގަސްޓް 11) - އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ރައީސް ތޯމަސް ބަކް، އަންނަ އަހަރު މަގާމުން ވަކިވާނެ ކަމަށް އިއުލާނުކުރައްވައިފި އެވެ.

ޖަރުމަނުގެ ވަކީލު، ބަކް، އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އައިއޯސީގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. އަންނަ އަހަރު މަގާމުގެ ޒިންމާތައް ދޫކޮށްލައްވާނެކަން އިއުލާނުކުރީ، މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގެ ސެޝަނެއްގެ ތެރެއިން، ވާހަކަ ދައްކަވަމުންނެވެ.

ބަކް، އައިއޯސީގެ ރައީސްގެ މަގާމުގައި ހުންނަވާ ދައުރު އިތުރުކުރާނަމަ، އޮލިމްޕިކް ޗާޓަރަށް ބަދަލުގެންނަން ޖެހޭނެ އެވެ. މިހާރު އޮތްގޮތުން، ރައީސަކަށް އެންމެ ގިނަވެގެން މަގާމުގައި ހުރެވޭނީ 12 އަހަރު އެވެ. އެއީ، އަށް އަހަރުގެ އެއް ދައުރާއި، ހަތަރު އަހަރުގެ އެއް ދައުރު ގުނާ ގޮތަށެވެ. މިއީ، ބަކްގެ ވެސް ތާއީދާ އެކު، ޗާޓަރަށް ގެނެވިފައިވާ ބަދަލެކެވެ.

"12 އަހަރު އައިއޯސީ އޮފީހުގައި މަސައްކަތްކުުރުމަށް ފަހު، އަހަރެންގެ ލީޑަޝިޕުން ރަނގަޅު ކަންތައްތަކެއް ކުރެވިފައިވޭ. ދެން މުހިންމީ އާ ލީޑަޝިޕަކަށް ފުރުސަތު ދިނުން. މި އަންނަނީ އާ ވަގުތުތަކެއް. ދެން ބޭނުންވަނީ އާ ލީޑަޝިޕެއް،" ބަކް ވިދާޅުވި އެވެ.

އައިއޯސީގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ. އަދި އެ ލީޑަޝިޕް މަގާމުގެ ޒިންމާތަކާ ހަވާލުވާނީ ޖޫން އިން ފެށިގެންނެވެ.

އޮލިމްޕިކްސްގައި ފެންސިންގެ އެތުލީޓެއްގެ ގޮތުގައި ކުރިން ވާދަކުރެއްވި ބަކް، އައިއޯސީއާ ގުޅުނީ މެމްބަރެއްގެ ގޮތުގައި 1991 ވަނަ އަހަރު އެވެ. ޖަކޭސް ރޯގް އަށް ފަހު، އައިއޯސީގެ ރައީސްކަން 11 އަހަރު ކުރައްވާފައިވާ ބަކްގެ ލީޑަޝިޕުން ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި، އޮލިމްޕިކްސް އަށް ކުޅިވަރު އިތުރުކުރުމާއި އޮލިމްޕިކްސް ބާއްވަން ބިޑްކުރުމުގެ މަރުހަލާ ހަރުދަނާކުރުމާއި ގޭމްސް ބާއްވާއިރު، ހަރަދުކުޑަކުރެވޭނެ މޮޑަލަށް އިސްކަންދޭނެ ކަންކަން ތައާރަފްކުރުން ފަދަ ބަދަލުތައް ހިމެނެ އެވެ.