Advertisement

އިންޑިއާއަށް ރަތް ދޫލައިގެ މަރުހަބާއެއް! ސިޔާސަތު ބަދަލުވީ ކީއްވެ؟

14 އޮގަސްޓު 2024 - 09:41 1

އަހުމަދު އާއިދު

އަހުމަދު އާއިދު


އިންޑިއާއަށް ރަތް ދޫލައިގެ މަރުހަބާއެއް! ސިޔާސަތު ބަދަލުވީ ކީއްވެ؟

14 އޮގަސްޓު 2024 - 09:41 1

"އިންޑިއާ އައުޓް" އޭ ބުނުމުން މި ދައްކަނީ ކޮން ވާހަކައެއްކަން ނޭނގޭ ދިވެއްސަކު މިއަދު ނުހުންނާނޭ ބުނުމަކީ ދޮގެއް ނޫނެވެ. ރާއްޖޭގެ ތަރައްގީ އާއި މިނިވަންކަމުގައި އެންމެ ގިނަ އެހީތެރިކަމެއް ދިން ގައުމާ ދެކޮޅަށް އޭރު އިދިކޮޅުގައި އޮތް ޕީއެންސީ ކޯލިޝަނުން ކޮންމެ ދުވަހަކުހެން ނުކުތެވެ. ސޯޝަލް މީޑިއާއާއި މަގުމަތީގަ އެވެ.

މި ފަހުގެ ތާރީހެއްގައި ސަރުކާރަކާ ދެކޮޅަށް، އަދި އެހެން ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގި އެންމެ ބޮޑު އެ ކެމްޕޭނުގެ މައިގަނޑު މަގުސަދަކަށްވީ ރާއްޖެގައި ތިބި އިންޑިއާ ސިފައިންނާއި އެ ގައުމުގެ އަސްކަރިއްޔާ ފޮނުވާލުމެވެ.

އަސްކަރިއްޔާއަށް ފެށި މި ކެމްޕޭން ފުޅާވެ، ފާޅުގައި އިންޑިއާއާ ދެކޮޅު ހަދަން ވެސް ފެށި އެވެ. އެ ގައުމުގެ ވެރިންނާއި އޭރު ސަރުކާރުގެ އިސްވެރިންނަށް މަލަމާތާއި ފުރައްސާރަކުރި އެވެ. މިދިޔަ އަހަރުގެ ބޮޑު އީދުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މޫނު ޖަހައިގެން ހެދުނު މާލިތަކާއި އަސްކަރިއްޔާއާ ދެކޮޅު ވުމުގައި އޮތް ގުޅުމެއް ހޯދުމަށް ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

މިއަދުގެ ވާހަކަ ދައްކަމާތޯ އެވެ. ޕީއެންސީ އޮތީ ވެރިކަމުގަ އެވެ. ރައީސުލްޖުމްހުރިއްޔާއަކީ ޑރ. މުހައްމަދު މުއިއްޒު އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިދިޔަ ހަފުތާގައި ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. ހޮނިހިރު ދުވަހު އޭނާ ވަނީ ދިވެހި ސަރުކާރުގެ ވެރިންނާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާފަ އެވެ. އިންޑިއާއާއެކު މި ސަރުކާރުން ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މީގެ އަހަރެއް ކުރިން މިވާހަކަތައް ދިވެއްސަކަށް ކިޔައިދީފިނިމަ، އެއީ ހިޔާލީ ފޮލައެއް ކަމަށް ނޫނި ނުބުނާނެ އެވެ. ދޮގު ހަބަރު ނުފެތުރުމަށް ގޮވާލާނެ އެވެ. ފިތުނަވެރިކަމުން ގައުމު ސަލާމަތްކުރަން ނަސޭހަތްތެރިވާނެ އެވެ. ނަމަވެސް، މިއީ އަދުގެ ހާލަތެވެ. އިންޑިއާ އައުޓެއް ނުވި އެވެ.

ވެރިކަމާއެކު ވެސް ގޮތް ދުލެއް ނުކުރި

އިދިކޮޅުގައި އޮތް ފަސް އަހަރުގެ ކަންކަމަށް ފަސްއަޅާ އިންޑިއާއާއެކު ކުރިއަށް ދިޔުމުގެ ފުރުސަތު މި ސަރުކާރަށް ވެސް އޮތެވެ. އިތުރަށް ބަދުބަސް ނުބުނުމުގެ އިހުތިޔާރު ރައީސް މުއިއްޒުއަށް ވެސް އޮތެވެ. މި ފަހުން ރާއްޖެ ދުށް ވެރިންނެކޭ އެއްގޮތަށް ފުރަތަމަ ރަސްމީ ދަތުރުގައި ނިއުދިއްލީއަށް ވަޑައިގަނެވެން ވެސް އޮތެވެ.

ނަމަވެސް، އިންޑިއާގެ ސިފައިންނާއި އަސްކަރިއްޔާ ރާއްޖެއިން ފޮނުވާލުމުގެ ވައުދާއެކު 127،000 ހާސް ވޯޓު ހޯއްދެވި ރައީސް މުއިއްޒުގެ ވެރިކަމުގައި، އެމަނިކުފާނުގެ ޕާޓީން އިންޑިއާއަށް ފެޔަށް ޖެހޭ ސިޔާސަތު ބަދަލެއް ނުކުރި އެވެ.

ރަސްމީ ދަތުރުގައި ރައީސް މުއިއްޒު ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. އިންޑިއާގެ ކުރިން އެ ގައުމާ އެންމެ ވާދަވެރި، ޕީއެންސީގެ މިތުރު ޗައިނާއަށް ވެސް ވަޑައިގެންނެވި އެވެ. މި ނިންމުންތަކާއެކު ރާއްޖެ-އިންޑިއާ ގުޅުމަށް އިތުރު ޒަހަމުތަކެއް ލިބުނެވެ.

ވެރިކަމުގައި ހުންނަވާ އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ރައީސް ފުރަތަމަ ދެއްވީ ޗައިނާއިން ވަޑައިގެން އެއާޕޯޓުގައި ހުންނަވަ އެވެ. މޯދީއަށް ފުރައްސާރަކުރި ތިން ނައިބު ވަޒީރަކާ ގުޅުވާ ހާރިޖީ ގުޅުން ގޯސްވެފައި އޮތް އެ ދަނޑިވަޅުގައި ރައީސް އިންޑިއާ ސިފަކުރެއްވީ ގަނާކުރާ ގައުމެއްގެ ގޮތުގަ އެވެ.

ރާއްޖެ ކުޑަޔަސް ގަނާ ނުކުރެވޭނެ ކަމަށް ވިދާޅުވީ އެ ގައުމުގެ ސަފީރު ވެސް ހުންނަވަނިކޮށެވެ. އިންޑިއާއިން ހޯދަމުންދިޔަ ގިނަ ހިދުމަތްތަކެއް ލިސްޓުނުކޮށް، "ވަކި ގައުމަކަށް ބަރޯސާވުން" ނިންމަވާނެ ކަމަށް ވިދާޅުވީ ހަމަ ގައިމު ވެސް އިންޑިއާއާއެކު ގުޅުން ބަދަހިކުރުމުގެ ނިޔަތަކު ނޫނެވެ.

އިންޑިއާގެ އަސްކަރިއްޔާ ބޭރުނުކުރެވި އެއްބަސްވީ އެ ގައުމުގެ ހުށަހެޅުމަށް

ހުވާ ކުރެއްވި ރަސްމިއްޔާތަށް ވަޑައިގެން އިންޑިއާގެ ވަޒީރަށް ރައީސް ދެންނެވީ ރާއްޖޭގައި ތިބި މި ގައުމުގެ ސިފައިން ފޮނުވާލުމަށެވެ. ޖުމްލަ 88 ސިފައިން ތިބި ކަމަށް އޭރު ސަރުކާރުން ބުންޏެވެ. ކޮޕް ސަމިޓުގެ ހަވާސާގައި މޯދީއާ ބައްދަލުކުރެއްވުމަށްފަހު މި މަސައްކަތަށް ދެ ގައުމުގެ އިސް އޮފިޝަލުން ހިމެނޭ ކޯ ގްރޫޕެއް އެކުލަވާލީ ދެ ގައުމުން ބޭނުންވާ ގޮތަކަށް މި މައްސަލަ ނިންމާށެވެ.

ނަމަވެސް، ރައީސް ހީކުރެއްވި ގޮތަށް އަވަސް އަރުވާލައިގެން މިކަމެއް ނުވި އެވެ. އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އެކުލަވާލި ކޯ ގްރޫޕުގެ ބައްދަލުވުންތަކުގައި އިންޑިއާއިން ހުށަހެޅީ އެ ގައުމުގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ރާއްޖޭގައި ބާއްވާށެވެ. އެ ތަކެތި އޮޕަރޭޓުކުރަން ތިބި ސިފައިން ގެންގޮސް، ދިފާއީ ވުޒާރާގެ ދަށުން، ސަރުކާރުން ހިންގާ ކުންފުންޏެއްގެ މުވައްޒަފުން އެ މަސައްކަތް ކުރުމަށް ފޮނުވާށެވެ.

މިހެން މިކަން ވާނެކަން ގަބޫލުކުރަން މީގެ އަހަރެއްހާ ދުވަސް ކުރިން އުނދަގޫވިޔަސް ސަރުކާރުން ވަނީ އެ ހުށަހެޅުން ބަލައިގަނެފަ އެވެ. ވައިސޫރިއެއްހެން ދުވާ މި ސަރުކާރުގެ ހާރިޖީ އަދި ދިފާއީ ސިޔާސަތުގެ ތެރެއިން އިންޑިއާގެ ހުށަހެޅުމަށް ސަރުކާރުން ވަނީ ދީލާލާފަ އެވެ.

އިންޑިއާ އާއި ރާއްޖެއިން ބާއްވާ ގާތް ގުޅުމުގެ ތެރެއިން، އެ ގައުމުގެ އަސްކަރިއްޔާއާ އެކު ބާއްވާ ގުޅުންތަކާމެދު އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއްބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އިންޑިއާއިން ވަނީ މި ސަރުކާރާއި ރައީސް މުއިއްޒު "ކުޑަކަކޫ މައްޗަށް" ތިރިކޮށްފަ އެވެ. އަސްކަރިއްޔާ އޮތީ އަދިވެސް ރާއްޖޭގަ އެވެ. އޮޕަރޭޝަންތައް ދަނީ ކުރިއަށެވެ.

"މިއީ [އިންޑިއާ] އަސްކަރިއްޔާގެ އުޅަނދު. އަސްކަރިއްޔާގެ ބޭނުމަށް މަސައްކަތްކުރަމުން ދަނީ މިހާރު ވެސް. އެހެންވީމާ މިހާރު ވެސް އެމީހުން މިތާ ތިބެގެން ކުރާ މަސައްކަތްތަކަކީ އިންޑިއާގެ އަސްކަރިއްޔާގެ އެންގުމަށް ހިންގާ އޮޕަރޭޝަންތައް މިތާ ހިންގުން،" މީގެ ދެ މަސްކުރިން "އަދަދު" ގެ ޕްރޮގްރާމެއްގައި އޭނާ ވިދާޅުވި އެވެ.

ޖައިޝަންކަރުގެ ދަތުރު: އަދިވެސް ގަދަބަސް ބުނަނީ އިންޑިއާއިން

އިންޑިއާގެ އެކްސްޓާނަލ އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ ރަސްމީ ދަތުރުން ސާފުވެގެން ދިޔައީ، މި ދެ ގައުމުގެ ގުޅުމުގައި ގޮތް ކަނޑައަޅަނީ އިންޑިއާއިން ކަމެވެ. ރަސްމީ ފުރަތަމަ ދަތުރުގެ ލިސްޓުން ފަހަތަށް ލި އިންޑިއާގެ އެންމެ ނުފޫޒުގަދަ ވަޒީރަށް ރާއްޖެއިން ކިޔާފައި ވަނީ ހޫނު މަރުހަބާއެކެވެ.

އޭނާ ދަތުރުގައި ރާއްޖޭގެ ހާރިޖީ އަދި ދިފާއީ ވަޒީރުގެ އިތުރުން ސީދާ ރައީސް މުއިއްޒުއާ ވެސް ބައްދަލުކުރެއްވި އެވެ. ފޮރިން މިނިސްޓަރު ޒަމީރާއެކު އޮގަސްޓު 9، ގެ ރޭ ދެއްވި ބަޔާނެއްގައި ޖައިޝަންކަރު ވިދާޅުވީ ރާއްޖެއާއެކު މި ފަހަރު ކުރި މަޝްވަރާތަކުގެ ސަބަބުން ކުރިއަށް ވުރެ ބޮޑެތި އަދި ރަނގަޅު ކަންތައްތަކެއް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަދި އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުގެ މި ދަތުރާއި، މި ދަތުރުގައި މިނިސްޓަަރާ އެކު ބާއްވާ މަޝްވަރާތަކުން، ދެގައުމު ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި މިހާރަށް ވުރެ ބޮޑެތި އަދި ރަނގަޅު ކަންތައްތަކެއްގެ ބިންގާ އެޅިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިއީ "އިންޑިއާ އައުޓް" ސަރުކާރާ ބެހޭގޮތުން، "ބުލީ" ކުރާ ގައުމުގެ ހާރިޖިއްޔާގެ އެންމެ އިސް އޮފިޝަލު ވިދާޅުވި ބަހެވެ.

ތިން ދުވަސް ފަހުން އޭނާ ރާއްޖެއަށް ކުރި ދަތުރު ނިންމަވާލެއްވީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީގައި އިންޑިއާގެ އެހީގައި ހިންގަ މަޝްރޫއުތައް ބައްލަވާލައްވާފަ އެވެ. އެންމެ ފަހުން ވަޑައިގެންނެވީ މިހާރުވެސް އިންޑިއާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރު އޮތް އައްޑޫ ސިޓީ ގަމަށެވެ. މަދަނީންނާ ބައްދަލުކުރި ކަމެއް ނޭނގެ އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ގޮތެއް ނެތީބާ؟

ރައީސް މުއިއްޒުގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތުގެ ދަށުން، ގައުމު އޮތް މާލީ ހާލަތުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެ އެވެ. އެގޮތުން ރާއްޖެއިން ބޮޑެތި ދަރަނިތައް ދައްކަން ޖެހިފައިވާ ޗައިނާ އަދި އިންޑިއާއެކު އެ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަކީ ހަމަގައިމު ވެސް މި ސަރުކާރުގެ ލަނޑުދަނޑިއެކެވެ.

މިކަމަށް ޗައިނާގެ "ފެހި ސިގްނަލް" ލިބިފައިވާ ކަމަށް ރައީސް ވިދާޅުވީ ޖެނުއަރީ 13، ގައި އެ ގައުމުން ވަޑައިގެން ވާހަކަ ދައްކަވަމުންވެ.

"ޗައިނާގެ ރައީސްއަށް އަޅުގަނޑު އެކަންތައް ހުށަހެޅުމުން، ވަގުތުން ރަސްމީ ޓޯކްސްގައި ކަމާބެހޭ އިސްވެރިންނަށް އެކަމާ ބެހޭ ގޮތުން ރާއްޖެއަށް ވަރަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވައި، ރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ފައިސާ [ދައްކަން ލުއި ގޮތްތަކެއް ހޯދަން]،" ރައީސް އެދުވަހު ވިދާޅުވި އެވެ.

ނަމަވެސް އެ ޓީމަކުން އަދި ރާއްޖެއަކަށް ނާދެ އެވެ. މިނިވަން ދުވަހުގެ ޖަލްސާގައި ވެސް ރައީސް ވިދާޅުވީ ޗައިނާއިން އަނެއްކާވެސް "ފެހި ސިގްނަލް" ދީފައިވާ ކަމަށެވެ.

އިތުރު މަސައްކަތުގެ ތެރޭގައި ހިލޭ އެހީ ހޯދުން ހިމެނެ އެވެ. މިކަމަށް ވަޒީރުންގެ އެކި ވަފުދުތަކުން ދުނިޔެ ވަށާ ބުރުޖަހައިފި އެވެ. ދެކުނު ކަރައާއި އުތުރު ކަރާގެ އިތުރުން މެދުއިރުމައްޗައްވެސް ވަޒީރުން ފޮނުވި އެވެ. މުޅި ދުނިޔެ މިވަގުތު ނަފުރަތުކުރަމުންދާ އެމެރިކާއަށްވެސް ހާރިޖީ ވަޒީރު ވަޑައިގަތެވެ.

ނަމަވެސް، ޗައިނާގެ ފެހި ސިގްނަލުން ނާރައިގަނެވުނު ފަދައިން ހުޅަނގާއި އިރުންވެސް މާބޮޑު އެހީއެއް މިހާތަނަކަށް ނުލިބެ އެވެ. ދަރަނި ދެއްކުމުގައި އެހީގެ އަތެއް ދިއްކޮށްލީ ހަމަ، މި ސަރުކާރު ފެށުނު އިތުރު ހަތުރެއްގެ ގޮތުގައި ބެލި އިންޑިއާއިންނެވެ. ސަރުކާރުގެ އެދުމަށް އިންޑިއާއިން ވަނީ މިދިޔަ މެއި މަހު އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ރޯލްއޯވާކޮށްފަ އެވެ.

-

ހާރިޖީ ސިޔާސަތު "ބަދަލުވި" ސަބަބަކީ މިއީ ހެއްޔެވެ؟ މެދުއިރުމަތީގެ އެކި ގައުމުތަކާއި އެމެރިކާ އަދި ޗައިނާއިން ވެސް ނުދިން ލުއި އިންޑިއާއިން ދިނުން ހެއްޔެވެ؟ ނޫނީ އުފެދުމުގައި ވެސް އިންޑިއާ އައުޓަކީ އެއްވެސް އަސާސެއް ނެތް، ހެޔޮ ނިޔަތެއް ނެތް ސިޔާސީ "ގޭސް ގަނޑެއް" ހެއްޔެވެ؟