Advertisement

ތިލަމާލެ ބްރިޖުގެ މަސައްކަތް ޖައިޝަންކަރު ބައްލަވާލައްވައިފި

10 އޮގަސްޓު 2024 - 20:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ތިލަމާލެ ބްރިޖު ބައްލަވާލެއްވުން -- ފޮޓޯ: އެކްސް


ތިލަމާލެ ބްރިޖުގެ މަސައްކަތް ޖައިޝަންކަރު ބައްލަވާލައްވައިފި

10 އޮގަސްޓު 2024 - 20:12 0

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު (ތިލަމާލެ ބްރިޖު) ގެ މަސައްކަތް ބައްލަވައިލައްވައިފި އެވެ.

ވެރިރަށް މާލެ އާއި، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅައިލުމުގެ އެ މަޝްރޫއުއަކީ އަވައްޓެރި އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.

"މި މަޝްރޫއުގެ ސަބަބުން ގުޅުން އިތުރުވެ އިގްތިސާދަށް ކުރިއެރުން ލިބިގެންދާނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ނަގައިގެން ހިންގާ މި މަޝްރޫއު އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކުރީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

މާލެ ސަރަހައްދުގެ ހަތަރު ރަށެއް ގުޅުވައިލަދޭ 6.7 ކިލޯމީޓަރުގެ އެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތް މެއި، 2024، ގެ ނިޔަލަށް ނިންމަން އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާހެދި ޓައިމްލައިނަށް ބަދަލުތަކެއް އޭރު ގެނެ އެވެ.

އެގޮތުން ވިލިމާލެއާ ހަމައަށް ބްރިޖު ގުޅައިލަން މިހާރު ނިންމަން ހަމަޖެހިފައި ވަނީ މާޗު 31، 2026 ގަ އެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް ބްރިޖު ގުޅާލަަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 30، 2026 ގަ އެވެ.

އިންޑިއާގެ އެހީތެރިކަމާއެކު އެފްކޮންސްއިން އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހަންކެޑެ ގުޅުވާލާ ބްރިޖުގެ މަސައްކަތް މިހާރު އެއްކޮށް ވަނީ ނިމިފަ އެވެ. އެ ބްރިޖު މާދަމާ ޖައިޝަންކަރު އައްޑޫއަށް ވަޑައިގެން، ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.