Advertisement

ރާއްޖެ-އިންޑިއާ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރަނީ، ޖައިޝަންކަރު ގައްސާނާ ބައްދަލުކުރައްވައިފި

10 އޮގަސްޓު 2024 - 12:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިފެންސް މިނިސްޓަރު ގައްސާން އިންޑިއާގެ ޖައިޝަންކަރާ ބައްދަލުކުރައްވަނީ: ދެ ގައުމުން ވަނީ އަސްކަރީ އެއްބާރުލުން އިތުރުކުރަން އެއްބަސްވެފަ --- ފޮޓޯ: އިންޑިއާ އެކްސްޓާނަލް މިނިސްޓްރީ


ރާއްޖެ-އިންޑިއާ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރަނީ، ޖައިޝަންކަރު ގައްސާނާ ބައްދަލުކުރައްވައިފި

10 އޮގަސްޓު 2024 - 12:28 0

މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާ ބައްދަލުކުރައްވައިފި އެވެ.

ދިފާއީ ވުޒާރާގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ވަޒީރުންގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިޝަލުންނާއި އިންޑިއާ އެމްބަސީ އަދި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.

ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވާ ޖައިޝަންކަރު އެކްސްގައި ވިދާޅުވީ، ގައްސާން އާއެކު މަޝްވަރާކުރެއްވީ ސަލާމަތީ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ސަރަހައްދީ އަމަން އަމާންކަން ދެމެހެއްޓުމުގައި ދެ ގައުމަށް އެކުގައި ކުރެވޭނެ މަސައްކަތްތަކާމެދު ގައި ކަމަށެވެ.

މި ބައްދަލުވުމާ ގުޅިގެން ޑިފެންސް މިނިސްޓްރީން އަދި ބަހެއް ނުބުނެ އެވެ.

ނަމަވެސް ދެ ގައުމުގެ ދެމެދުގައި ރޭ ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ޖައިޝަންކަރާއެކު ދެއްވި ބަޔާނުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަސްކަރީ ގޮތުން އެއްބާރުލުން އިތުރުކުރަން އެއްބަސްވެވުނު ކަމަށެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ސިފައިން ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތައް މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންގޮސް ސިފައިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުތައް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށް ޒަމީރު ރޭ ވިދާޅުވި އެވެ.

މި ގޮތަށް އެއްބަސްވެ، ޖައިޝަންކަރު ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވާފާވާއިރު، ރާއްޖޭގައި އޮންނަ އިންޑިއާގެ އަސްކަރީ އުޅަނދުތަކުގެ މައްސަލާގައި ދެ ގައުމުގެ ގުޅުން މީގެ ކުރިން ގޯސްވި އެވެ. އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދެކެވެ. ދެ ގައުމުގެ ގުޅުން ގޯސްވި މައިގަނޑު ސަބަބަކީ އިދިކޮޅުގައި އޮވެ ޕީއެންސީން ހިންގި އިންޑިއާ އައުޓް ހަރަކާތެވެ.

އޭގެއިތުރުން، އެއް ގައުމަކަށް ބިނާވެގެން ދިވެހިން ނުތިބޭނެ ކަމަށާއި ދިވެހިންގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، އިންޑިއާއަށް ބަރޯސާވުން ހުއްޓާލާނެ ކަމަށްވެސް ރައީސް މުއިއްޒު، ޖެނުއަރީ 13، ގައި ޗައިނާއިން އެނބުރި ވަޑައިގެން ވިދާޅުވި އެވެ.

ރާއްޖޭން އިންޑިއާ ސިފައިން ބާލަން ވީ ރިޔާސީ ވައުދު ފުއްދަން ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ ބައްދަލުވުންތަކެއް ބާއްވާ، އެއްބަސްވީ އިންޑިއާއިން ހުށަހެޅި ގޮތަށެވެ. އެއީ އެ އުޅަނދުތައް ދުއްވަން ތިބި ސިފައިންގެ ބަދަލުގައި "މަދަނީން" ގެނައުމެވެ. އެކަން މެއި 10، ގައި ހާސިލްކުރި އެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އިންޑިއާއާއެކު ގުޅުން ބަދަހި ކުރުމަށެވެ. އެގޮތުން އިންޑިއާ އައުޓަކީ ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެމްޕޭނެއް ކަމަށާއި ރައީސް މުއިއްޒު އަދި މި ސަރުކާރުން މަސައްކަތް ކުރާނީ އިންޑިއާއާއެކު ގާތް ގުޅުމެއް ބޭއްވުމަށް ކަމަށް ސަރުކާރުގެ އިސްވެރިން މިހާރު ދަނީ ބުނަމުންނެވެ.