Advertisement

ފިރިހެނެއް ކަމަށް ތުހުމަތު އަމާޒުވި އަލްޖީރިއާގެ އަންހެން އެތުލީޓަށް ރަން މެޑަލް

10 އޮގަސްޓު 2024 - 11:13 0


ފިރިހެނެއް ކަމަށް ތުހުމަތު އަމާޒުވި އަލްޖީރިއާގެ އަންހެން އެތުލީޓަށް ރަން މެޑަލް

10 އޮގަސްޓު 2024 - 11:13 0

ޕެރިސް (އޮގަސްޓް 10) - ފިރިހެނެއް ކަމަށް ބުނެ، އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕުން ޑިސްކޮލިފައިކޮށްލި އަލްޖީރިއާގެ އަންހެން ބޮކްސަރު، އިމާން ހަލީފް، އޮލިމްޕިކްސްގެ ވެލްޓާވެއިޓް ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ރަން މެޑަލް ހާސިލްކޮށްފި އެވެ.

މިދިިޔަ އަހަރުގެ ބޮކްސިން ވޯލްޑް ޗެމްޕިއަންޝިޕްގެ ތެރެއިން، ގިނަ ޝަކުވާތަކަކާ ހެދި ކުރިއަށްގެންދިޔަ، ޖެންޑާ ޓެސްޓުން އިމާންގެ ގައިގައި ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ ލެވަލްގެ ހޯމޯން ހުރި ކަމަށް ފެންނާތީ، އޭނާ ޑިސްކޮލިފައިކޮށްލި އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި އިމާން ބައިވެރިކުރަން ނިންމުމުން ވެސް އެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަމަކު، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބުނީ، އިމާން އަކީ އަންހެނެއްކަން ކަށަަވަރުކުރާނެ "ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައިވާނެ" ކަމަށެވެ.

ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެތުލީޓު އިމާން، 25، ރަން މެޑަލް ހޯދުމަށް ފަހު ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.


"މިއީ އަހަރެންގެ ހުވަފެން، އަހަރެން ވަރަށް އުފަލުން މި ހުރީ، ވަރަށް ވަރަށް އުފަލުން މި ހުރީ،" އަލްޖީރިއާ ދިދަ ހިފައިގެން ހުރެ، އިމާން އޭނާގެ ޝުއޫރުތައް ހިއްސާކުރި އެވެ.

"އަށް އަހަރު ދުވަހުގެ މަސައްކަތް، ހަމަނިންޖެއް ނުއެއް ލިބޭ. އެކިއެކި ކަންކަން ދިމާވި. އަހަރެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން އަލްޖީރިއާގެ ރައްޔިތުންނަށް. ވަރަށް ހިތްހަމަޖެހޭ އަމިއްލަ ނަފްސާ މެދު، އަހަންނަކީ ވަރުގަދަ އަންހެނެއް ކަމުގެ އިހުސާސް އެބަކުރެވޭ،"

މި ފަަހަރުގެ އޮލިމްޕިކްސްގައި އިމާންއާ މެދު އަނެއްކާ ވެސް ސުވާލު އުފެދުނު ސަބަބަކީ، އިޓަލީގެ ބޮކްސަރު، އެންޖެލާ ކަރީނީއާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން، 46 ސިކުންތު ތެރޭގައި، އިމާން ޖެހި ބާރު ޝޮޓަކާ އެކު އެންޖެލާ މެޗު ދޫކޮށްލުމުންނެވެ. އިމާންގެ ޖިންސު ދެނެގަންނަން، ޖެންޑާ ޓެސްޓެއް އަނެއްކާ ވެސް ހެދުމަށް، ގިނަ ޕްރެޝަރުތަކެއް މީޑިއާގެ ފަރާތުންނާއި ވާދަވެރި ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ކުރިމަތިވި ނަމަވެސް، އައިއޯސީން ނިންމީ އެ ފެޑެރޭޝަނުން ކުރި ކަނޑައެޅި މިންގަނޑުގެ ތެރެއިން ހުރިހާ ކަމެއް އޮތީ ރަނގަޅަށް ކަމަށެވެ.