Advertisement

ކުޅިވަރު ގާނޫނުގެ އިސްލާހު: ސްޕޯޓްސް ކޯޕަރޭޝަން އުވާލައި، ސްޕޯޓްސް ފަންޑެއް ވުޖޫދުކުރުން

10 އޮގަސްޓު 2024 - 09:40 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ކުޅިވަރު ގާނޫނުގެ އިސްލާހު: ސްޕޯޓްސް ކޯޕަރޭޝަން އުވާލައި، ސްޕޯޓްސް ފަންޑެއް ވުޖޫދުކުރުން

10 އޮގަސްޓު 2024 - 09:40 0

ކުޅިވަރު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާއިރު، ކުޅިވަރުގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރަން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ސްޕޯޓްސް ފަންޑެއް ވުޖޫވެގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި ދިވެހި ރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ.

އެ ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލެއް އުފެއްދުމާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކަށް މުދަލުގެ ބޭނުން ހިފުމުގެ މަގުފަހިކޮށްދީ އެ ނޫން ފަރާތްތަކަށް އެ މުދަލުން ވިޔަފާރި އުސޫލުން މަންފާ ހޯދައިދިނުން ހިމެނެ އެވެ.

މީގެ އިތުރުން، ކުޅިވަރު ދާއިރާ ތަރައްގީކުރުމާއި ޒުވާނުންނަށް ހިތްވަރުދީ ފުރުސަތު ފަހިކޮށް ކުޅުންތެރިންގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީން ހޯދާނެ މަގުފަހިކޮށްދިނުން ވެސް ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކުޅިވަރު ގާނޫނު ތަސްދީގު ކުރިތާ، ނުވަ ވަރަކަށް އަހަރުވާން ގާތްވެފައިވާއިރު، އަދިވެސް ސްޕޯޓްސް ކޯޕަރޭޝަން ވެފައި އޮތީ، "ނުމެކެވި ނުމެދިރި" އޮތް ފައްތަަރެއްގައި، ކުޅިވަރުގެ ބަޖެޓުން ހަރަދުކުރަން ޖެހިފައި އޮތް ތަކުލީފަކަށެވެ.

މިދިޔަ ސަރުކާރުން، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން މަސައްކަތް ކުރިއިރު، ރައްޔިތުންގެ މަޖިލީހުގައި ކުޅިވަރު ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ކަންކަމަށް ބަލާއިރު، ސްޕޯޓްސް ކޯޕަރޭޝަން ބާރުވެރި ކުރެވޭނެ ކަންތައްތަކެއް ހިމެނި އެވެ. އެކަމަކު، އެ އިސްލާހުގެ ކަންކަން ކުރިއަށް ނުދިޔަ އެވެ.

އެޓާނީ ޖެނެރަލް އޮފީހަށް، ސްޕޯޓްސް މިނިސްޓްރީން މިހާރު ފޮނުވާފައި އޮތް ކުޅިވަރު ގާނޫނުގެ އިސްލާހުގެ ޑްރާފްޓާ ގުޅޭގޮތުން "އަދަދު ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުގައި ރާފިއު ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ އެންމެ ބޮޑު ސަބަބަކީ ކުޅިވަރު ހިންގުމުގައި އެ ހުރި ފުށުއެރުންތައް ނައްތާލުން ކަމަށެެވެ.

"ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ގާނޫނުގައި ނިންމި އެންމެ ބޮޑު ސަބަބަކީ، މިހާރު ހުރި ސްޕޯޓްސް މިނިސްޓްރީގެ މެންޑޭޓަށް ފުށުއަރާ ކަންތައްތަކެއް ހުރީމަ، މިހާރު މިސާލަކަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ސަރުކާރުގެ ގިނަ ބިންތަކާއި ތަންތަން ރަށު ކައުންސިލްގެ ދަށަށް ދިއުމާއި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނެއް ހެދުމާއި ގައުމީ ކުޅިވަރު ފަންޑެއް ހެދުމާއި ކުޅިވަރު އެސޯސިއޭޝަނާއި ފެޑެރޭޝަންތައް ބާރުވެރިކޮށް އަމިއްލަ ފައި މައްޗަށް ތެދުވުމަށް ބާރު އެޅުމަށް ކުރެވޭ މަސައްކަތް އިތުރު ކުރެވޭނެތީ އާއި ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓަށް ލުއި ގެނެވޭނެ ބަދަލަކަށްވާތީ އަދި ކުޅިވަރު ހިންގުމުގެ ނިޒާމް ލާމަރުކަޒީ ކުރުމަަށް ކުރެވޭ މަސައްކަތަށް ބަލާއިރު ސްޕޯޓްސް ކޯޕަރޭޝަން އޮތުން މުހިންމު ނޫން ކަމަށް ފެންނާތީ،" ކުޅިވަރު ގާނޫނު އިސްލާހުގެ ޑްރާފްޓްގައި ހިމަނާފައިވަނީ މިހެނެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއު ދެއްވަނީ.--- ފޮޓޯ: އަދަދު


ބޮޑެތި އަމާޒުތަކެއް ގުޅިފައިވާ "ސްޕޯޓްސް ފަންޑް"

މިނިސްޓަރު ރާފިއު ވިދާޅުވީ، ގެންނަން މަަސައްކަތްކުރަމުން އަންނަ ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރެއިން އެންމެ ބޮޑު ތަފާތެއް ގެނުވާނެ އެއް ކަމަކީ ސްޕޯޓްސް ފަންޑް ކަމަށެވެ.

ސްޕޯޓްސް ފަންޑަކީ އަސްލު މިނިވަން މުސްތަގިިއްލު ގޮތެއްގައި، މިނިސްޓްރީގެ ދަށުން ހިނގާނެ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"(ސްޕޯޓްސް ފަންޑްގެ) މެމްބަރުންނަކީ އިންޑިޕެންޑެންޓް މެމްބަރުން ނަގައިގެން، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ބޮޑީއެއް. މީގެ ބޭނުމަކީ ފަންޑް އެކުލަވާލާފައި ސްޕޯޓްސް ޑިވެލޮޕްމަންޓަށް ސްޕެންޑް ކުރުން (ހަރަދުކުރުން) މީގެއިން. އެންމެ މުހިންމު ކަމަކީ ބަޖެޓަށް ލޯޑުކުޑަވާގޮތް ހެދުން. މި ފަންޑަށް އަންނާނީ އެސްއޯއީން ސަޕޯޓް ދިނަސް، އެސްއޯއީން ކްލަބްތަކަށް ނޫނީ ފެޑެރޭޝަން ނޫނީ އެސޯސިއޭޝަނަށް ގިނައިން ދިނުމުގެ ބަދަލުގައި، މި ފަންޑަށް އަންނާނީ. ފަންޑަކީ ސްޕޯޓްސް ޑިވެލޮޕްކުރާ އެތި،" ރާފިއު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑު ކެބިނެޓަށް ހުށަހަޅަން ޕޭޕަރެއް ލިޔެފައި އޮންނާނެ، މިހާރު ފަންޑަށް ލާރި ހޯދާނެ ގޮތެއް، މިސާލަކަށް ހަށިގަނޑަށް ނުރައްކާ ނޫނީ ގެއްލުންދެނިވި މާއްދާތަށް ހިމެނޭ އެއްޗެހީގެ ޑިއުޓީން ވަކި ޕަސަންޓެއް މި ފަންޑަށް އަންނަ ގޮތަށް. އެއީ އަޅުގަނޑުމެން މި އުޅެނީ ހަށިހެޔޮ މުޖުތަމައު އެއް ބިނާކުރަން،"

އެ ގޮތުން، މިހާރު ކުޅިވަރު ކުޅުންތެރިންނަށް ކުރިއަށްގެންދާ "އަރުތަ" ޕްރޮގްރާމް ފަދަ ކަންކަމާއި ގައުމީ ޓީމުތަކުގެ ކޯޗުންގެ ކަންކަން ހަމަޖެއްސުމާއި ކުޅިވަރުގެ މީހުން ބިނާކުރުމުގެ ކަންކަން މައިގަނޑު ގޮތެއްގައި ކުރާނީ މި ފަންޑްގެ ތެރެއިންނެވެ.

ފުރަތަމަ މަޝްވަރާ ކުރެވުނު އެއް ކަމަކީ، ކިޔާނީ ސްޕޯޓްސް ފަންޑް ތޯ ނޫނީ ސްޕޯޓްސް ފައުންޑޭޝަން ތޯ އެވެ.

ރާފިއު ވިދާޅުވީ، ނަމުގެ ގޮތުގައި ފަންޑް ބޭނުންކުރަން ނިންމީ "ރީފައިނޭންސް" ކުރެވޭ މޮޑަލަކަށް ކުރިއަށްގެންދާ ކަމަކަށް ވާތީ އެވެ.

"ފަންޑް ވީމަ ފަސޭހަ އަކީ އެ މެދުވެރިކޮށް ރީ ފައިނޭންސް ކުރެވޭނެ. ފަންޑްގައި ހުރި ފައިސާ ބޭނުންކޮށްގެން ފައިސާ ޖެނެރޭޓް ކުރެވޭނެ. ކުރެވޭތީވެ މިކަން ކުރަނީ ވެސް، އެހެން ނޫނީ ހަމަ ބަޖެޓަށް ބަރޯސާވާން މި ޖެހެނީ. ބަޖެޓަށް ލުއިކަމެއް ލިބޭނީ މި މޮޑެލް އިންޑިޕެންޑެންޓްވާ ވަރަކަށް. ފަންޑަކީ އޭގެ ޒާތުގައި އޮޕަރޭޓްކުރެވޭ އެއްޗަކަށް ވާން ޖެހޭނެ. ރީފައިނޭންސްކޮށްގެން އެ ލިބޭ ޕްރޮފިޓާ އެކު، ސްޕޯޓްސް ޑިވެލޮޕްމަންޓަށް އިންވެސްޓްކުރުން،" ރާފިއު ވިދާޅުވި އެވެ.

ހައި ޕާފޯމަންސް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ކުރިއަށްގެންދާނެ ކަމަށް މީގެ ކުރިން އެކި ފަހަރު މަތިން، މިނިސްޓަރު ރާފިއު ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަތަކުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ، ރަނގަޅު ވަގުތުގައި، ހުނަރުހުރި އެތުލީޓުން ދެނެގަނެ، ކުރިއަށްދާނެ އަމާޒެއް ނިންމޭނެ ފަދަ މޮޑަލަކަށް ކަންކަން ކުރެވޭނެ ހައި ޕާފޯމަންސް ސެންޓަރެއް ގާއިމްކުރުމަށް ކަންކަން ކުރެވެމުން އަންނަ ކަމަށެވެ.

"އެންމެ ބޮޑަށް ފޯކަސް ކުރާ ކަމަކީ، ޓެލެންޓް ހަންޓްކޮށްފައި (ހުނަރުހުރި ކުދިން ދެނެގަތުން)، މެޑަލް ކޭޕަބަލް އެތުލީޓުން އައިޑެންޓިފައި ވުމަށް ފަހު، އެ މީހުން ތަންތަަނަށް ފޮނުވައިގެން ޓްރެއިން ކުރުމަށް. އަސްލުގައި ބޭރު ގައުމުތަކަށް ފޮނުވައިގެން ނޫނިއްޔާ ވަރަށް އުނދަގޫވާނެ އަހަރެމެން މި ބޭނުންވާ ކަންކަން ހާސިލްކުރަން ފަސޭހައެއްނުވާނެ،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސްޕޯޓްސް ފަންޑްގެ ބޮޑުބައި އޮންނާނީ އެތުލީޓުންގެ ޑިވެލޮޕްމަންޓް ކުރުމަށް ކަމަށާއި ފަންޑްގެ ހައިބަތު ބޮޑުވާ މިންވަރަކަށް ދެން، ކުޅިވަރުގެ ވަސީލަތްތައް ބިނާ ކުރުމަށް ވެސް އަހައްމިއްޔަތުކަން ދޭނެ ކަމަށެވެ.

މިހާރު، ސްޕޯޓްސް މިނިސްޓްރީ އަށް ލިބޭ ބަޖެޓުން ހުރިހާ ކަމެއް ހަމަޖެއްސުމުގެ ބަދަލުގައި، އެތުލީޓުންގެ ޑިވެލޮޕްމަންޓަށް ހާއްސަކުރެވޭ ވަކި ބަޖެޓެއް އޮތުން މުހިންމު ކަމަށާއި އޭގެ ހައްލަކީ، ސްޕޯޓްސް ފަންޑް ކަމަށް ތަކުރާރުކޮށް މިނިސްޓަރު ވިދާޅުވި އެވެ.